ބަނގްލަދޭޝްގެ އިންގިލާބަށް ދެ އަހަރު: އެލްގޮރިދަމްއާއި ސްމާޓްފޯން ޒަމާނުގައި ޑިމޮކްރަސީ

ބަންގްލަދޭޝްގައި ޖުލައި މަހުގެ އިންގިލާބަށް ދެ އަހަރު ފުރުން ފާހަގަކުރަމުންދާއިރު، 21 ވަނަ ގަރުނުގެ ސިޔާސީ މަންޒަރުތައް ސިފަކޮށްދޭ އެންމެ ބޮޑު ނިޝާނަކީ މަގުތަކަށް ސަރުކާރާ ދެކޮޅަށް ނިކުތް މީހުންގެ ގިނަ ކަމެއް ނޫނެވެ. ނަމަވެސް މަގުތަކަށް ނިކުތް މީހުން އަތް މައްޗަށް އުފުލާލައިގެން ތިބި ސްމާޓްފޯންތަކެވެ. އެ ފޯނުތަކުން މީޙުންގެ އެއްވުމުގެ މަންޒަރުތައް ރެކޯޑުކޮށް، ލައިވްސްޓްރީމް ކުރިއެވެ. އަދި، އަދި އިވެންޓުތައް ވަގުތުން އެތައް މިލިއަން މީހުންނަށް ފޯރުކޮށް ދިނެވެ. މިއީ މުޒާހަރާ ހިނގާ ސަރަހައްދަށް ދުވަހަކުވެސް ނުދާ މީހުންނަށްވެސް އެ ހަރަކާތުގެ ބައިވެރިންނަށް ވުމުގެ ފުރުސަތު ހޯދައި ދިން ކަމެކެވެ.

ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ އާ ޖީލެއް ވަނީ ދަރިވަރުންގެ ހަރަކާތްތަކާއި، ޑިޖިޓަލް ނެޓްވޯކްތަކާއި، މަގުމަތީގެ މުޒާހަރާތަކުގެ ޒަރީއާއިން ސިޔާސީ މައިދާނަށް ނުކުމެފައެވެ.

ބަންގްލަދޭޝްގެ ޖުލައި މަހުގެ އިންގިލާބާއި، އަދި މި ފަހުން ފެނުނު އިންޑިއާގައި އިމްތިހާނުތަކުގެ ބޭއިންސާފުކަމާއި ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތަކާއި، އަދި ނޭޕާލުގައި ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ދޭދޭ ފަރުދުންގެ މެދުގައި އުފެދުނު ޝަކުވާތަކުން އުފެދިގެން އައި ކަންކަމެވެ.

ނަމަވެސް، މި ހުރިހާ ކަމަކުންވެސް ފެނިގެންދަނީ ފުން ބަދަލެކެވެ. ސިޔާސީ ވާދަވެރިކަން މިހާރު ހަމައެކަނި ކެމްޕަސްތަކަށާއި، ގާނޫނުހަދާ މަޖިލިސްތަކަށާއި، އާންމު މައިދާންތަކަށް އެކަނި ހަނަައެއްވެފައެއް ނެތެވެ.

ސިޔާސީ ދެކޮޅުވެރިކަން އިތުރު ވަމުން ދަނީ ޑިޖިޓަލް ޕްލެޓް ފޯމްތަކުގައެވެ. މި ޕްލެޓްފޯމްތަކުގައި ބޭނުން ކުރާ ކޯޑުތަކުން ބޭނުން ކުރާ މީހުންނަށް ހުށަހަޅައިދޭ ރެކޮމެންޑޭޝަން ނިޒާމުތަކުގެ ސަބަބުން އެތައް މިލިއަން މީހުންނަށް ފެންނަން ޖެހޭ މަންޒަރާއި އެމީހުން ހަނދާނުގައި ހުންނަން ޖެހޭ މަންޒަރު އެ ނިޒާމުން ގެނަސްދެއެވެ.

ޒުވާނުން މަގުތަކަށް ނުކުންނަން މެދުވެރިވި ޝަކުވާތަކަކީ އަސްލު ޝަކުވާތަކެވެ. ބަންގްލަދޭޝްގައި މި ހަރަކާތް ފެށުނީ ސަރުކާރުގެ ވަޒީފާތައް މަދު ބަޔަކަށް ޚާއްސަ ކުރާ ނިޒާމެއް ސަރުކާރުން ތައާރަފް ކޮށްގެން އެހެން މީހުން އެއިން މަހުރޫމް ކުރުމުންނެވެ. އެކަމާ ގުޅިގެން ފާޅުކުރި ނުރުހުންތައް ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ ފުޅާ ސިޔާސީ ކުރިމަތިލުމަކަށް ބަދަލުވެގެންދިޔައީ އެވެ.

މި ޝަކުވާތައް އުފެއްދީ ޑިޖިޓަލް ޕްލެޓްފޯމްތަކުން ނެއް ނޫނެވެ. ނަމަވެސް އެ ޕްލެޓްފޯމްތަކުގެ ސަބަބުން އެކަންކަން ފެންނަ މިންވަރާއި، މީހުންނާ ހަމައަށް ފޯރާ މިންވަރު ވަރަށް ބޮޑަށް އަވަސްވެގެންދިޔައެވެ.

މިއަދުގެ ސިޔާސީ މަސްރަހުގެ ދުވެލި އަވަސް ވުމުގެ ސަބަބުން، ކުރިން މަސްތަކެއް ވަންދެއް ބުރަ މަސައްކަތުން އިންތިޒާމުކުރަންޖެހުނު މުޒާހަރާ މިހާރު ގައުމީ ފެންވަރުގައި މަދު ވަގުތުި ކޮޅެއްގެ ތެރޭގައި އާންމުވެ ވައިގައި ހިފައިގެން ދެއެވެ.

މި ފަދަ ކަންކަމުގެ ސަބަބުން، ކޮންމެ ޑިމޮކްރަސީއަކަށްވެސް މުހިންމު ސުވާލުތަކެއް ކުރިމަތިވެއެވެ. އެއީ ޑިޖިޓަލް ނިޒާމުތަކުގައި ކޯޑުކޮށްފައި ހުންނަ ރެކޮމެންޑޭޝަން އުސޫލުން ސިޔާސީ މުޒާހަރާތައް ކިހާ މިންވަރަކަށް އަވަސްކޮށްދޭ ހެއްޔެވެ؟ އަދި އޮންލައިންކޮށް ފެންނަ މަގުބޫލުކަމަށް ބުނާ ކަންކަމަކީ ހަގީގީ ރައްޔިތުންގެ ތާއީދެއް ތޯ ނުވަތަ ޕްލެޓްފޯމްތައް ފަރުމާކޯށްފައި ހުންނަ ގޮތުން ވަކި ބައެއްގެ އަޑު ގަދަވާ ގޮތަށް ހަދާފައިވާ ނޒާމުތަކެއް ތޯއެވެ؟

މުޒާހަރާއަކުން ސިޔާސީ މަގާމުތަކަށް ދިއުމާ ހަމައަށް، މިހާތަނަށް ފާހަގަވާ ހަގީގަތަކީ، ކުރީގެ ނިޒާމެއް ވައްޓާލުމަށްވުރެ އާ ނިޒާމެއް ބިނާކުރުން މާ އުނދަގޫ ކަމަށެވެ.

އެކްޓިވިސްޓުން ސިޔާސީ މަގާމުތަކަށް ބަދަލުވާއިރު، ރައްޔިތުންނަށް އެ މީހުންގެ ތަޖުރިބާއާ ބެހޭގޮތުން ސުވާލުކުރުމުގެ ހައްގު ލިބިގެންވެއެވެ.

އެލްގޮރިދަމްގެ މި ޒަމާނުގައި ޑިމޮކްރަސީއަށް ހުރި ގޮންޖެހުންތައް ވެސް ވަރަށް ބޮޑެވެ. މިއަދުގެ ސިޔާސީ ވާހަކަތަކުގެ ބޮޑުބައެއް ކޮންޓްރޯލު ކުރަނީ މަލްޓިނޭޝަނަލް ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާރުގެ ދަށުގައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއަކުންނެވެ. މި ޕްލެޓްފޯމްތަކުން މަޢުލޫމާތު ލިބޭ މިންވަރު ފުޅާކޮށްދެއެވެ. ނަމަވެސް، ފެންނަން ވަނީ ކޮން ވާހަކަތަކެއް ކަމާއި އަދި ފޮރުވަން ޖެހެނީ ކޮން ވާހަކައެއްކަން ކަނޑައަޅަނީ ނުފޫޒު ގަދަ އެ ބޮޑެތި ކުންފުނިތަކުންނެވެ.

ބަންގްލަދޭޝްގައި ޖުލައި މަހުގެ އިންގިލާބަށް ދެ އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އެ ގައުމުގެ ތަޖުރިބާއިން އިންތިހާއަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދެއެވެ.

އެ އިންގިލާބުން ހާމަވެގެންދިޔައީ އިންސާފާއި، ޒިންމާދާރުކަމާއި، ރައްޔިތުންނަށް ޒިންމާވާ ވެރިކަމެއް ހޯދުމަށް އެދޭ ޖީލެއްގެ އުއްމީދުތަކެވެ. ތަރުޖަމާއެއް

ހިއްސާ ކުރައްވާ!