ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގަިއ ތަންތަން ތަޅާލައި ބިން ހިފަމުން

ހިފާފައިވާ ފަލަސްޠީނުގެ އުތުރުގެ ޖެނީން ސަރަހައްދުގައި އެއް ދުވަހެއްގައި 40 ފިހާރަ އެއްފަހަރާ ބިމާ ހަމަކޮށްލުމަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ބިން ފޭރުމުގެ ޔަހޫދީ ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ އާންމު ދިރިއުޅުމަށް ކުރަމުންދާ ކަމުގެ ހެތްކެކެވެ. އެއްވެސް ބަދަލެއް ދިނުމަކާ ނުލައި، އަދި އެކަށީގެންވާ ސަބަބެއް ވެސް ބަޔާންކުރުމަކާ ނުލައި ހިންގި މި ޖަރީމާއަކީ ޖެނީން ފަދަ ނިސްބަތުން ފުދުންތެރިކަން ކުޑަ، އިގުތިސާދީ ގޮތުން ނާޒުކު ސަރަހައްދަކަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ.

ފަލަސްތީނުގެ ބިންތަކުގައި ހިންގާ މިފަދަ ހަލާކުކުރުމުގެ އަމަލުތަކަކީ ހަމައެކަނި އިދާރީ ފިޔަވަޅުތަކެއް ނޫނެވެ، މިއީ ސަރަހައްދުގެ އާބާދީގެ އޮނިގަނޑު ބަދަލުކޮށް، ގާނޫނާޚިލާފަށް ބިނާކޮށްފައިވާ އިސްރާއީލުގެ އާބާދީތައް ފުޅާކުރުމަށް ސަރުކާރުގެ ފެންވަރުގައި ހިންގާ ނިޒާމީ މަޝްރޫއެއްކަމަށް މަދަނީ ޖަމިއްޔާތަކާއި ގާނޫނީ މާހިރުން ފާހަގަކުރައްވައެވެ.

ހުޅަނގު އައްސޭރީގައި ހިންގާ ގެދޮރާއި ވިޔަފާރިތައް ތަޅާލުމުގެ ކަންކަން މައިގަނޑުގޮތެއްގައި ބެހިގެންވަނީ ދެ ދާއިރާއަކަށެވެ.

  1. ފުރަތަމަ ކަމަކީ އިމާރާތްކުރުމުގެ ހުއްދަ ނެތްކަމަށް ބުނެ ހިންގާ އަމަލުތަކެވެ. ނަމަވެސް، މިފަދަ ހުއްދަތައް ދޫކުރުމާއި، ސަރަހައްދުތަކުގެ ޕްލޭނިންގެ ކަންކަން ބަލަހައްޓާ ކޮމިޓީތަކުގައި ތިބެނީ އާބާދުކޮށްފައިވާ ޔަހޫދީންނެވެ. މިއީ ސަރަހައްދުގެ ބިންތައް ފޭރިގަތުމަށް ފަހިކޮށްދޭ ނުފޫޒުގަދަ ނިޒާމެކެވެ.
  2. ދެވަނަ ކަމަކީ، އިސްރާއީލަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނުވަތަ ޝަހީދުކޮށްފައިވާ ފަލަސްތީނު މީހުންގެ އާއިލާތަކަށް އަމާޒުކޮށް، މުޅި މުޖުތަމައަށް އަދބުދިނުމުގެ ގޮތުން ހިންގާ ޖަރީމާތަކެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެތައް އާއިލާއެއްގެ ދިރިއުޅުން ހުއްޓި، ބޯހިޔާވަހިކަމެއް ނެތި މަގުމަތިވަމުންދެއެވެ.

މި ސިޔާސަތުތައް ހިންގުމުގެ އެންމެ ކުރީގައި ހުންނަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމުގެ މާލީ ވަޒީރު އަދި އާބާދީތައް ފުޅާކުރުމުގެ މަސްއޫލިއްޔަތު އުފުލާ ބެޒަލެލް ސމޮޓްރިޗެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންގެ ސަރަހައްދުތައް އިތުރުކުރުމަކީ އޭނާގެ ސިޔާސީ އެންމެ ބޮޑު ވައުދެވެ.

ހިއްސާ ކުރައްވާ!