ލެޓްވިއާގެ ވައިގެ ސަރަހައްދަށް ވަން ބޭރުގެ ޑްރޯނެއް، ނޭޓޯގެ 'ބޯލްޓިކް އެއަރ ޕޮލިސިންގ' މިޝަންގެ ދަށުން ހަރަކާތްތެރިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހުކުރު ދުވަހު ވައްޓާލައިފިއެވެ. މި ހާދިސާއާ ގުޅިގެން ފިންލޭންޑުން ވެސް ވަނީ އެ ގައުމުގެ އިރުމަތީ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ދަތުރުފަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ.
ލެޓްވިއާގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ގައުމުގެ ވައިގެ ސަރަހައްދަށް ބޭރުގެ ޑްރޯނެއް ވަދެފައިވަނީ ރަޝިއާއިން ބޭނުންކުރި އިލެކްޓްރޯނިކް ޖޭމިންގގެ ސަބަބުންނެވެ. ރަޝިއާގެ އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތަކާއި ވައިގެ ދިފާއީ ނިޒާމުތަކުގެ ސަބަބުން މި ޑްރޯންގެ މިސްރާބު އޮޅުނީކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނޭޓޯގެ މަތިންދާބޯޓުތަކުން މި ޑްރޯން ވައްޓާލާފައިވަނީ ލެޓްވިއާގެ އިރުމަތީގައި އޮންނަ ބާލްވީ ސަރަހައްދަށެވެ.
ލެޓްވިއާގެ ސިފައިންގެ ގުޅިފައިވާ ކޮމާންޑުގެ ތަރުޖަމާނު ލެޓްވިއާ ރޭޑިއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ޑްރޯން ވެއްޓުނު ސަރަހައްދު އެނގުނު ނަމަވެސް، އެތަން މިވަގުތު ހާމަނުކުރާނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި، މިއީ ވަރަށް މަތިން އުދުހެމުންދިޔަ ޑްރޯނަކަށް ވުމުން އޭގެ ބައިތައް ބޮޑު ސަރަހައްދަކަށް ފެތުރިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ލެޓްވިއާގެ ސިފައިން އިތުރަށް ބުނެފައިވަނީ، ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ދެމިއޮތްހާ ހިނދަކު، މިފަދަ ހާދިސާތައް ތަކުރާރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ނޭޓޯއިން ވަނީ ފިންލޭންޑާއި ސްވިޑަންގައި ގިނަ ގައުމުތަކެއް އެކުލެވޭ ފައުޖެއް ހަރަކާތްތެރިކުރުވާފައެވެ. ރަޝިއާއާ އިންވެގެން އޮންނަ ނޭޓޯގެ އުތުރުގެ ގައުމުތަކުން ދަނީ ޑޭމްތަކާއި، ކަރަންޓު އުފައްދާ މަރުކަޒުތަކާއި، ގޭސް ނެޓްވޯކްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުންނެވެ.
ލެޓްވިއާއަށް ވެއްޓުނު ޑްރޯނަކީ ކޮން ގައުމެއްގެ ޑްރޯނެއްކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ޔޫކްރެއިންގެ ޑްރޯންތަކެއް ވަނީ ރޭގަނޑުގެ ވަގުތެއްގައި ސެންޓް ޕީޓަރސްބަރގް ކައިރީގައި އޮންނަ އުސްޓް-ލޫގާ ބަނދަރަށް ހަމަލާދީފައެވެ. އެ ބަނދަރަށް ދިއުމަށް އޮންނަ އެންމެ ކުރު ވައިގެ މަގަކީ ލެޓްވިއާ އަދި އެސްޓޯނިއާގެ އިރުމަތީ ބޯޑަރު ކައިރިންނެވެ. މީގެ އިތުރުން، ހުކުރު ދުވަހުގެ ހެނދުނު ލެނިންގްރާޑް ސަރަހައްދުގެ ގަވަރުނަރު އެލެކްސެންޑަރ ޑްރޮޒްޑެންކޯ ވިދާޅުވި ގޮތުގައި، ފިންލޭންޑާއި އެސްޓޯނިއާ ކައިރީގައި އޮންނަ އެ ސަރަހައްދުން ރަޝިއާއިން ވަނީ 15 ޑްރޯނެއް ވައްޓާލާފައެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އެރި ފަހުން، ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރެއިން ބައެއް ފަހަރު ޑްރޯންތައް އަވަށްޓެރި ގައުމުތަކަށް ވެއްޓޭ ހާދިސާތައް ހިނގަމުންދެއެވެ. މެއި 10 ވަނަ ދުވަހު ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރޭ ސިބިހާ ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ތަހުގީގުތަކުން ދައްކާގޮތުގައި މި ހާދިސާތަކަކީ ރަޝިއާގެ އެތެރޭގެ އަމާޒުތަކަށް ފޮނުވާ ޔޫކްރެއިންގެ ޑްރޯންތަކުގެ މިސްރާބު އޮޅުވާލުމަށްޓަކައި، ގަސްތުގައި އިލެކްޓްރޯނިކް ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރުމުގެ ސަބަބުން ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ޔޫކްރެއިންގެ ތަޖުރިބާކާރުން އެ ގައުމުތަކަށް ފޮނުވުމަށް އޭނާ ހުށަހެޅުއްވިއެވެ.
މީގެ ކުރިން މެއި 3 ވަނަ ދުވަހު ފިންލޭންޑުގެ ބޮޑުވަޒީރު ޕެޓެރީ އޯރޕޯ ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާ ފޯނުން ގުޅުއްވައި، ފިންލޭންޑުގެ ވައިގެ ސަރަހައްދަށް ޔޫކްރެއިންގެ ދެ ޑްރޯން ވަން މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ޔޫކްރެއިންއަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އޮންނާނެކަން ފިންލޭންޑުން ގަބޫލުކުރާ ކަމަށެވެ.




