ހުޅަނގުގެ މަޤުބޫލުކަން ހޯދުމަށް އިސްރާއީލުން އިސްލާމޯފޯބިއާ ބޭނުންކުރަނީ

ހުޅަނގުގެ ޤައުމުތަކުގައި އިސްރާއީލަށް އޮތް ތާޢީދު ކުޑަވަމުންދާތީ، އެކަން ހައްލުކުރުމުގެ ނަމުގައި ޖެނޮސައިޑ ްމޭސްތިރި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އިސްލާމްދީނާ ދެކޮޅު ބިރުވެރިކަން ފަތުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ. ހުޅަނގުގެ ސިޔާސީ މައިދާނުގައި އިސްލާމޯފޯބިއާގެ ނަފްރަތުގެ ސަبަބުން، އިސްރާއީލުގެ ސިޔާސަތުތަކަށް ތާޢީދު ހޯދުމަށް މަގުފަހިވަމުންދާ ކަމަށް މުޙައްލިލުން ފާހަގަކުރެއެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އެދިގެން އެމެރިކާގެ ޕީއާރު ކުންފުންޏެއް ކަމަށްވާ ސްޓެގްވެލް ގްލޯބަލްއިން ތައްޔާރުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، އާންމުންގެ ޚިޔާލު ބަދަލުކުރުމަށް އޮތް އެންމެ ފައިދާހުރި އެއް ގޮތަކީ އިސްލާމްދީނާއި ޖިހާދުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ކަމާއި ބިރުވެރިކަން ފެތރުން ކަމަށް ބަޔާންކޮށްފައިވެއެވެ. މި ސްޓްރީޓަޖީގެ ދަށުން، ހުޅަނގުގެ ޤައުމުތަކުގައި މުސްލިމް މުޖުތަމަޢުތަކާ ދެކޮޅަށް ހިންގާ ކެމްޕޭންތަކަށް އިސްރާއީލުން ހިތްވަރުދެމުންދާ ކަމަށް ތުހުމަތުކުރެވެއެވެ.

މިދިޔަ ޖެނުއަރީ މަހު އިސްރާއީލުގައި ބޭއްވި ޔަހޫދީންނާ ދެކޮޅު އަމަލުތަކުން ފައިދާ ހޯދާނެ ގޮތާ ބެހޭ ކޮންފަރެންސެއްގައި ޔޫރަޕުގެ ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ލީޑަރުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ ހައްދުފަހަނައަޅާފައިވާ އިސްލާމްދީނުގެ ނުރައްކަލާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ފަރާތްތަކަކީ ބައިވެރިން ކަމަށް ސިފަކުރައްވާފައެވެ. އަދި އިސްލާމީ ފުރަތަމަ ނިއުކުލަރ ޖުމްހޫރިއްޔާއަކަށް ވެގެންދާނީ އިނގިރޭސިވިލާތް ކަމަށް ބުނެ އޭނާ ވަނީ އިންޒާރުދީފައެވެ.

މީގެ އިތުރުން، އެމެރިކާގެ ސިޔާސީ މަސްރަޙުގައި ވެސް މުސްލިމުންނާ ދެކޮޅު ސިޔާސަތުތައް ވަނީ ވަރުގަދަ ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން، އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން އުފައްދާފައިވާ "ޝަރީޢާ-ފްރީ އެމެރިކާ ކޯކަސް" ފަދަ ގްރޫޕުތަކަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ނޫން ކަމަށާއި، މިއީ އިންޑިއާ ދަރިކޮޅުގެ މީހުންނާއި އެހެނިހެން ކުލަގަދަ ނަސްލުތަކަށް ވެސް އަމާޒުކޮށްގެން ހިންގޭ ކަންކަން ކަމަށް ބައެއް މަސްދަރުތަކުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ހުޅަނގުގެ ހުރިހާ ރައްޔިތުން މިފަދަ ވިސްނުންތަކަށް ތާޢީދު ނުކުރާކަން ފާހަގަކުރެވެއެވެ. އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބުތަކުގައި ބައިވެރިވި މުސްލިމް ބައެއް ކެންޑިޑޭޓުން ކާމިޔާބީ ހޯދުމުން ދައްކުވައިދެނީ، މުޖުތަމަޢުގެ ތެރޭގައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކަށް ނޫނެކޭ ބުނާ މިންވަރު އިތުރުވަމުންދާ ކަމެވެ.

ހިއްސާ ކުރައްވާ!