މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 10ގެ ގްރެޖުއޭޝަން ބާއްވަން ހަމަޖައްސާފައި އޮތީ މިއަދު ހަވީރަށެވެ. ނަމަވެސް މިހާރު އެކަން ވަނީ ފަސްކޮށްފައެވެ. މަޖީދިއްޔާއިން ވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.
މިނޫހާ ހިއްސާކޮށްފައިވާ މައުލުމާތުން އެނގުނު ގޮތުގައި މިއަދު ބާއްވަން ހަމަޖެހިފައި އޮތް ގްރެޖުއޭޝަން ކެންސަލް ކޮށްފައި ވަނީ ގްރެޖުއޭޓްވާ ކުދިންނަށް ޚާއްސަ ސޭޝް ނުލިބިގެންނެވެ. ރާއްޖޭގެ ފަހާ ކުންފުނިތަކުން މިފަދަ ޚިދުމަތްތައް ދޭ އިރު މަޖީދިއްޔާއިން ވަނީ ދިވެހި އެސްއެމްއީތަކަށް މިމަސައްކަތް ދިނުމުގެ ބަދަލުގައ ބޭރުގެ ބަޔަކަށް ދީފައެވެ.
މިނޫހާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ތަކެތި ގެންނަނީ ސްރީލަންކާއިންނެވެ. ފްލައިޓް ޑިލޭ ވުމުގެ ސަބަބުން މިތަކެތި ލަންކާއިން ނުލިބުމުން މިހާރު ގްރެޖުއޭޝަން ވަނީ 24 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
މި ނޫހާ ވާހަކަ ދެއްކި ފަރާތަކުން ވަނީ ރާއްޖެއިން އުފެއްދެން ހުންނަ އަދި ދިވެހި ވިޔަފާރިތަކަށް ފައިދާވާ މިފަދަ ކުދި ކުދި މަސައްކަތްތައްވެސް ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް ފަހިކޮށްދޭ މައްސަލަ ބަލައި ދިނުމަށާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ހަވާލު ކުރާތޯ ކަމާ ބެހޭ އިދާރާތަކުން ބަލައި ދިނުމަށް އެދިފައެވެ.
މިފަދަ ތަކެތި ހޯދުމަށް ޑޮލަރުން ހޭދަކޮށް ބޭރު ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގައި ތިބި މިފަދަ މަސައްކަތް ކޮށްއުޅޭ ފަރާތްތަކަށް ފުރުޞަތު ދިނުމަކީ ޑޮލަރުގެ ދަތިކަމަށް ލުޔެއް ލިބި، ޤައުމުގެ އިޤްތިޞާދަށް ވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ފާހަގަ ކުރެވެއެވެ.
ޚާއްސަކޮށް، ރާއްޖޭގެ ކުންފުނިތަކަށް މިފަދަ ތަކެތި ހެޔޮ އަގެއްގައި އަދި އަވަހަށް ފޯރުކޮށްދިމުގެ ޤާބިލުކަން ލިބިގެންވާއިރު، ބޭރު ޤައުމުތަކުން މުދާ ގެނައުމަށް ބަރޯސާވުން ކުޑަަ ކުރަންޖެހޭ ކަމަށް ވިޔަފާރި ވެރިން ފާހަގަކުރެއެވެ.
ރާއްޖޭގެ އުފެއްދުންތެރިންނަށް އިސްކަންދިނުމަކީ، ބޭރު ފައިސާ ބޭރުވުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާއިރު، މިފަދަ ކަންކަމުގައި ދިވެހި ވިޔަފާރިވެރިންނަށް ފުރުޞަތު ލިބިގެންދިއުމަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމެކެވެ.
މިކަންކަމަށް ބޭނުން ވަނީ ސަރުކާރުން ކުދި ވިޔަފާރިވެރިނާ އަޅާލައި އެމީހުން ހިމާޔަތް ކުރުމަށް އަޅާ އިޚުލާސްތެރި ފިޔަވަޅުތަކެކެވެ.


