ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް ސިނަމާލެ ބުރިޖުގައި ޖެހުނު ނަމަވެސް، ބުރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ ދެ ބޯޓު، އަޑިއަށް ގޮސްފިއެވެ. މި ހާދިސާގައި އެ ބޯޓުތަކުގައި ތިބި ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސިފައިން މަޢުލޫމާތު ދެއްވިގޮތުގައި، ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް އެ ދެ ބޯޓުގައި ތިބި 9 ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައެވެ. މިއީ ބައުވެފައިވާ ދެ ދަގަނޑު ބޯޓު ކަމަށާއި، މި ދެ ބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް ކަމަށް ވިދާޅުވިއެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް މި ދެ ބޯޓު މާލޭ ބަނދަރުން އޮޔާދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އޮޔާގޮސް މި ދެ ބޯޓު ޖެހިފައިވަނީ، ސިނަމާލެ ބުރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ. މި ހާދިސާއާ ގުޅިގެން ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި، ބުރިޖު އިމާރާތްކުރި ޗައިނާގެ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ބުރިޖު އިމާރާތްކުރި ޗައިނާގެ ކުންފުނި ކަމަށްވާ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ ފަންނީ ބޭފުޅުންނާއެކު ރެއާއި މިއަދު ބުރިޖުގެ ޚާއްޞަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ އިންސްޕެކްޝަނުން ލިބުނު މައުލޫމާތަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މި ހާދިސާގައި ބުރިޖުގެ އޮނިގަނޑަށް ލިބިފައިވާ ގެއްލުމެއް ނެތް ކަމަށާއި، ނަމަވެސް ބައެއް ތަންތަނުގައި ކޫރުންތަކެއް އެޅިފައިވާ ކަމަށެވެ.
މިފަދަ ހާދިސާތަކުން ބުރިޖުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޗައިނާގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީ ކުންފުންޏާއެކު ވެވިފައިވާ މޮނިޓަރިން، އިންސްޕެކްޝަން އަދި މެއިންޓެނަންސްގެ ޚާއްޞަ އިންތިޒާމުތަކުގެ ދަށުން އެ ކޫރުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށްވެސް ފާހަގަކުރެއްވި އެވެ.




