ބުރުގާ ބާލަން ދެކޮޅު ހެދުމުން ވަޒީފާއިން ވަކިކޮށްފި

ބެލްޖިއަމްގެ އީސްޓް ފްލެންޑާސްގެ ޕްރޮވިންޝަލް ސަރުކާރުގެ ދަށުން ހިންގާ ސްކޫލެއްގައި މަސައްކަތް ކުރަމުންދިޔަ މުދައްރިސަކު، ބުރުގާ އެޅުން މަނާކުރާ ޤަވާއިދަށް ބޯލަނބަން އިންކާރުކުރުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފިއެވެ. 2022 ވަނަ އަހަރުން ފެށިގެން ޚާއްސަ ތަޢުލީމުދޭ ސްކޫލެއްގައި މަސައްކަތްކުރަމުން އައި ޚަދީޖާ އަމަޖޫދް ވަޒީފާއަށް ނުކުންނަން ފެށީއްސުރެ ބުރުގާ އަޅަމުންދިޔަ އެވެ. އަދި އައު ގަވާއިދާ އެއްގޮތަށް އޭނާ ބުރުގާ ނުބާލާނެކަން އެންގުމާ ގުޅިގެން އިދާރީ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް އޭނާއާ ދެކޮޅަށް ފެށުނެވެ. މި ސަރަހައްދުގެ ސްކޫލުތަކުގައި ދީނީ އަދި ސިޔާސީ ރަމްޒުތައް ބޭނުންކުރުން މަނާކުރާ ޤަވާއިދެއް އެކުލަވާލައި މި ދިރާސީ އަހަރު ފެށުނީއްސުރެ އަންނަނީ އެއަށް އަމަލުކުރަމުންނެވެ.

މި ޤަވާއިދުގެ ދަށުން މުދައްރިސުންނާއި ދަރިވަރުންނަށް ސިޔާސީ ނުވަތަ ދީނީ ޚިޔާލު ފާޅުކުރާ ބެޖާއި، ރަމްޒުތަކާއި، ނުވަތަ ހެދުންތައް ބޭނުންކުރުން މަނާކޮށްފައިވެއެވެ. ސަރަހައްދީ ތައުލީމާ ބެހޭ އިދާރާއިން މި ނިންމުން ދިފާޢުކޮށް ބުނެފައިވަނީ، މިއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ފާސްކޮށްފައިވާ އުޞޫލުތަކެއް ތަންފީޒުކުރުމަށްޓަކައި ޚަދީޖާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން ބެލްޖިއަމްގެ ކައުންސިލް އޮފް ސްޓޭޓުން ވަނީ ބުރުގާ އެޅުން މަނާކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނުބަލާނެ ކަމަށް ބުނެ ބާތިލުކޮށްފައެވެ.

އަދިވެސް މި މައްސަލައިގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާއިރު، މުދައްރިސުންގެ ޔޫނިއަންއިން ބުނެފައިވަނީ މި މައްސަލަ ބްރަސަލްސްގެ ޗެމްބަރ އޮފް އެޕީލްސްއަށް ހުށަހަޅާނެ ކަމަށެވެ. އަދި މި މައްސަލައަކީ ތަޢުލީމީ މައިދާނުގައި އިންސާނީ ހައްޤުތަކާއި ފަރުދީ މިނިވަންކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް އެ ޖަމުޢިއްޔާއިން ދެކެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމަޖޫދް ވިދާޅުވީ، ކޮންމެ މުދައްރިސަކުވެސް ކުލާސްރޫމަށް ވަންނަނީ އެމީހެއްގެ އަމިއްލަ ޤަބޫލުކުރުންތަކާ އެކުގައި ކަމަށާއި، އިދާރާގެ މި ސިޔާސަތަކީ ހަމައެކަނި ސިޔާސީ ބޭނުންތަކަކަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ފްލެމިޝް އިންސްޓިޓިއުޓް ފޯ ހިއުމަން ރައިޓްސްއިން ކުރިން ބުނެފައިވާގޮތުގައި މި މައްސަލައިގައި ތަފާތުކުރުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!