އީރާނުގެ މުހިންމު އަސާސީ ވަސީލަތްތަކަށް އަމާޒުކޮށް އެއްވެސް އުދުވާނީ ޙަމަލާއެއް ދީފިނަމަ، ޚަލީޖުގެ ޤައުމުތަކުގެ ޑޭޓާ ސެންޓަރުތަކާއި އިންފްރާސްޓްރަކްޗަރަށް ރައްދުގައި ޙަމަލާދޭނެ ކަމަށް ބުނެ އީރާނުން ހަރުކަށި އިންޒާރެއް ދީފިއެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި އިންޒާރާއެކު ސަރަޙައްދުގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި، ޑޭޓާ ސެންޓަރުތަކުގެ ސަލާމަތާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފު ވިދާޅުވެފައިވަނީ، އީރާނުގެ މުހިންމު ވަސީލަތްތަކަށް ދެވޭ ކޮންމެ ޙަމަލާއެއްގެ ސަބަބުން ޚަލީޖުގެ ޤައުމުތަކުގެ ޢުމްރާނީ ވަސީލަތްތަކަށް އަމާޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކާއި ޑޭޓާ ސެންޓަރުތަކުން، އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމަވެރި ޢަމަލުތަކަށް އެހީތެރިވެދޭ ފަރާތްތަކަށް އެއްބާރުލުން ދިނުން ހުއްޓައިލަން ވެސް އޭނާ ގޮވާލާފައިވެއެވެ.
އީރާންގެ އިންޒާރު އައިސްފައިވަނީ ނަތަންޔާހޫގެ އިންޒާރާއެކު މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، އަސްކަރީ ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.





