2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުން ހެދި އާ ގާނޫނާއެކު އުންމީދު ކުރެވުނީ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކޮށް، ކޯޓުތަކުން އިންސާފު ހޯދައިދިނުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. ޚާއްސަ ކޯޓުތަކެއް ގާއިމުކޮށް، ހަތަރު މަސްދުވަހުގެ ތެރޭގައި މައްސަލަތަކަށް ހުކުމް އަންނާނެ ކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް، ފަސް އަހަރާ ގާތްވެފައިވާއިރު، އަދަދުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
2021 އިން ފެށިގެން 2026 މެދުތެރެއާ ހަމައަށް ޕާކިސްތާނުގެ ހަތަރު ޕްރޮވިންސެއްގައި ޖިންސީ ގޯނާގެ ފަސް ކެޓަގަރީއަކުން 47,452 މައްސަލައެއް ރަޖިސްޓްރީ ކުރެވުނެވެ. ނަމަވެސް ކުށް ސާބިތުވާ މިންވަރު އުޅެނީ އިންތިހާއަށް ދަށުގައެވެ. ކޯޓުތަކުން އެތައް ހާސް މައްސަލައެއް ބާތިލުކޮށްފައިވާއިރު، ނުނިމި ހުރި މައްސަލަތަކުގެ އަދަދު ގިނަވެ، ސަރުކާރުގެ އަމިއްލަ ރެކޯޑުތަކުންވެސް ނިޒާމީ ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަވެފައެވެ.
ޕަންޖާބު ޕްރޮވިްނސްގައި ގްރޫޕް ހަދައިގެން ޖިންސީ ގޯނާކުރާ މައްސަލަތައް ނިސްބަތުން އިންތިހާއަށް ގިނައިރު، ޚައިބަރު ޕަޚްތުންޚުވާ (ކޭޕީ) ގައި މައްސަލަތައް ކޯޓުތަކުގައި ދިގުލައިގެން ދިއުން ވަނީ ބޮޑުވެފައެވެ. މި މައުލޫމާތުތަކުން ހާމަވަނީ، ކުށުގެ މައްސަލައެއް ރަޖިސްޓްރީ ކުރުމަކީ އިންސާފާ ހަމައަށް ވާސިލުވުމަށް ކުރަންޖެހޭ ދިގު އަދި ޔަގީންކަމެއް ނެތް ދަތުރެއްގެ ފެށުން އެކަނި ކަމެވެ.
ޕާކިސްތާނުގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، "އެންޓި-ރޭޕް (އިންވެސްޓިގޭޝަން އެންޑް ޓްރަޔަލް) އެކްޓް 2021″ ގެ ދަށުން ޚާއްސަ ކޯޓުތަކާއި، ކްރައިސިސް ސެންޓަރުތަކާއި، ތަމްރީނުލިބިފައިވާ ތަހުގީގުކުރާ ސިފައިންގެ އިތުރުން އަވަސް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް ގާއިމުކުރަން ނިންމި ނަމަވެސް، މަރުކަޒީ ސަރުކާރަށް އަދިވެސް އުޅެނީ މި ނިޒާމުގެ އަސާސީ ކަންކަން ފުރިހަމަނުކުރެވިގެންނެވެ.
2021 އިން 2026 ގެ މެދާ ހަމައަށް މުޅި ގައުމުގައި ރަޖިސްޓްރީކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކުގެ 89.7 އިންސައްތަ ހިއްސާކުރަނީ ޕަންޖާބު ޕްރޮވިންސްއިންނެވެ. މުޅި ގައުމުގައި ގްރޫޕް ހަދައިގެން ޖިންސީ ގޯނާކުރި މައްސަލަތަކުގެ 99.2 އިންސައްތަ ރެކޯޑުކުރެވިފައިވަނީވެސް ޕަންޖާބުގައެވެ.
ޕަންޖާބުގައި ގްރޫޕް ހަދައިގެން ޖިންސީ ގޯނާކުރި 29,555 މައްސަލަ ރަޖިސްޓްރީ ކުރެވުނުއިރު، އެކަކުވެގެން ހިންގާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އަދަދަކީ 4,494 އެވެ. ނަމަވެސް އެހެން ޕްރޮވިންސްތަކުން ފެންނަނީ މީގެ އިދިކޮޅު މަންޒަރެކެވެ. ސިންދު ޕްރޮވިންސްގައި ގްރޫޕް ހަދައިގެން ކުރާ ޖިންސީ ގޯނާގައި އެކަކު ކުރާ ޖިންސީ ގޯނާގެ 4.3 މައްސަލަ ކޮންމެ މީހަކަށް ރެކޯޑުކުރެވިފައިވެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ޕަންޖާބުގައި އަދިވެސް މަދެއް ނުވެއެވެ. 2021 އިން ފެށިގެން އެ ޕްރޮވިންސްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 8,154 މައްސަލަ ރަޖިސްޓްރީ ކުރެވުނެވެ. މިއީ އެ ޕްރޮވިނސްގެ ޖުމްލަ މައްސަލަތަކުގެ 19.2 އިންސައްތައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭއިރުވެސް އަމާންކަމެއް ނެތެވެ. 2021 އިން 2026 މެދުތެރެއާ ހަމައަށް ޕަންޖާބުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބާ ޖިންސީ ގޯނާކުރި 214 މައްސަލައެއް ރެކޯޑުކުރެވުނެވެ. މިއީ މުޅި ގައުމުގެ އެފަދަ މައްސަލަތަކުގެ 99.5 އިންސައްތައެވެ. ނަމަވެސް، މި މައްސަލަތަކުގެ ތެރެއިން ކުށް ސާބިތުވީ އެންމެ މައްސަލައެއްގައެވެ. 51 މީހަކު ވަނީ ސާބިތުނުވެ ދޫވެފައެވެ.
ޕަންޖާބުގެ ފުލުހުންގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ތުހުމަތުކުރެވުނު 57,159 މީހުން (91 އިންސައްތަ) މީހުން ހައްޔަރުކުރެވުނެވެ. ނަމަވެސް، 2021 އިން 2026 އަށް ޕަންޖާބުން ވަނީ ޖިންސީ ގޯނާގެ 9,155 މައްސަލައެއް (21.5 އިންސައްތަ) ބާތިލުކޮށްފައެވެ. މި މުއްދަތުގައި ކޯޓުތަކުން 639 މީހުންގެ މައްޗަށް ކުށް ސާބިތުވިއިރު، 12,741 މީހުން ވަނީ ސާބިތުނުވެ ދޫވެފައެވެ. މިއީ ކުށް ސާބިތުވާ މީހަކަށް، 20 މީހުން ސާބިތުނުވެ ދޫވާ ނިސްބަތެކެވެ.
ޚައިބަރު ޕަޚްތުންޚުވާ (ކޭޕީ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އުޅެނީ އެންމެ ކުރީގައެވެ. 2021 އިން 2026 އަށް ރަޖިސްޓްރީކުރި 3,197 މައްސަލައިގެ ތެރެއިން 1,907 މައްސަލައަކީ (59.6 އިންސައްތަ) ކުޑަކުދިންނަށް ކުރި ގޯނާގެ މައްސަލަތަކެވެ.
ޕަންޖާބާ ޚިލާފަށް ކޭޕީގެ ފުލުހުން 98 އިންސައްތަ މައްސަލަ ކޯޓަށް ފޮނުވައެވެ. ނަމަވެސް، އޭގެ ފަހުން ކޯޓުގައި މައްސަލަތައް ވަނީ ތާށިވެފައެވެ. ޖުމްލަ މައްސަލަތަކުގެ 82.5 އިންސައްތަ (2,639 މައްސަލަ) އަދިވެސް އޮތީ ކޯޓު މަރުހަލާގައެވެ. ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން 1,807 މައްސަލަ (94.8 އިންސައްތަ) އުޅެނީ ނުނިމި ކޯޓުގައެވެ. 2022 އިން ފެށިގެން 2026 ގެ މެއި މަހާ ހަމައަށް ކޭޕީގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 1,637 މައްސަލަ ރަޖިސްޓްރީކުރެވުނުއިރު، އެކަކުގެ މައްޗަށްވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.
2021 އިން 2026 އަށް ސިންދު ޕްރޮވިންސްގައ ރަޖިސްޓްރީކޮށްފައިވަނީ މުޅި ގައުމުގެ މައްސަލަތަކުގެ އެންމެ 3.2 އިންސައްތައެވެ. ސިންދުގެ އެންމެ ބޮޑު ނާކާމިޔާބީއަކީ ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރެވުމެވެ. އެ ޕްރޮވިންސްގައި ތުހުމަތުކުރެވޭ 1,073 މީހުން ބަންދުގައި ތިބިއިރު، 988 މީހުން (48 އިންސައްތަ) އުޅެނީ ފިލައިގެންނެވެ.
ބަލޯޗިސްތާނުގައި 2021 އިން 2026 މެދުތެރެއަށް ރަޖިސްޓްރީކޮށްފައިވަނީ ޖިންސީ ގޯނާގެ އެންމެ 177 މައްސަލައެވެ. މިއީ ގައުމީ ނިސްބަތުން 0.4 އިންސައްތައެވެ. ބަލޯޗިސްތާނުގެ ފުލުހުންނާއި ޕްރޮސެކިއުޓަރުން ބުނާގޮތުގައި، އިޖުތިމާއީ ލަދުވެތިކަމާއި، ފުލުހުންގެ މަރުކަޒުތަކަށް ދާންޖެހޭ ދުރުމިނާއި، ގަބީލާ ނިޒާމުގެ ސަބަބުން ގިނަ މައްސަލަތައް ފުލުހުންނާ ހަމައަށްވެސް ނުފޯރައެވެ.
"އެންޓި-ރޭޕް (އިންވެސްޓިގޭޝަން އެންޑް ޓްރަޔަލް) އެކްޓް 2021″ ގާނޫނުގެ ދަށުން ކުށްވެރިންގެ ގައުމީ ރަޖިސްޓްރީއެއް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގާއިމުކުރެވުނެވެ.
2026 ގެ ފެބްރުއަރީ މަހާ ހަމައަށް އޭގައި 908 ކުށްވެރިންގެ މައުލޫމާތު ވަނީ ހިމަނާފައެވެ. ނަމަވެސް، ބޭރު ގައުމުތަކުގައި ކުށް ސާބިތުވާ މީހުންގެ މައުލޫމާތު މީގައި ނުހިމެނޭތީ، އެކަމަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ގާނޫނެއް ހެދުމަކުން އެކަނި ނަތީޖާއެއް ނުނުކުންނާނެއެވެ. ޕާކިސްތާނުގެ ޖިންސީ ގޯނާގެ ގާނޫނަށް ފަސް އަހަރު ފުރިގެންދާއިރު، މުއައްސަސާތަކުގެ މެދުގައި ގުޅުމެއް ނެތުމާއި، ތަހުގީގުކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން، އިންސާފު ހޯދަން މަސައްކަތްކުރާ އަނިޔާލިބޭ ފަރާތްތަކަށް އަދިވެސް އޮތީ ނުހަނު ދިގު، އުނދަގޫ މަގެކެވެ.







