ފޮރުވިފައިވާ ކެމެރާ ހުންނަ އާންމު ތަކެތި ގެންގުޅުން މަނާކޮށްފި

ސިއްރު ކެމެރާއާއި ވީޑިއޯ ރެކޯޑުކުރާ އާލާތްތައް ހަރުކޮށްފައި ހުންނަ އާންމު ބައެއް އާލާތްތައް ގެންގުޅުމާއި ވިއްކުން ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި މަނާކޮށްފިއެވެ. އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤާނޫނާ ޚިލާފަށް މީހުން މޮނިޓާކުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރުން އެޅި މި ފިޔަވަޅަކީ އާންމުންގެ ޒާތީ ދިރިއުޅުމުގެ ސިއްރުކަން ޙިމާޔަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޕަންޖާބްގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ޕަންޖާބު ޕްރޮވިންސްގެ ހޯމް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ތަކެތި މަނާކުރުމުގެ ފިޔަވަޅުތައް ހިންގާނީ އާންމުކޮށް މީހުން ގެންގުޅޭ އާދައިގެ އާލާތްތަކުގެ ތެރޭގައި ސިއްރުން އިންދާފައި ހުންނަ ކެމެރާ ހަރުކޮށްފައި ހުންނަ ތަކެތީގެ މައްޗަށެވެ. އޭގެ ތެރޭގައި އައިނާއި ގަލަން، އަދި ގަޑި ފަދަ ތަކެތީގައި ސިއްރު ލެންސް ހަރުކޮށްފައިވާ ސިއްރުން މީހުންގެ ވީޑިއޯ ނަގައި ފޮޓޯނެގުން ފަދަ ޢަމަލުތައް ހިންގުމަށް ބޭނުންކުރާ އާލާތްތައް މަނާ ކުރުން ހިމެނެއެވެ. މިފަދަ ޓެކްނޮލޮޖީގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ސްކޭމްތަކާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ މިކަމަށް ފިޔަވަޅު އަޅަން ނިންމާފައެވެ.

މިއިއުލާން ކޮށްފައިވާ ޤަވާއިދާ ޚިލާފަށް އެފަދަ ތަކެތި ގެންގުޅޭ، ގަންނަ، އަދި ވިއްކާ ފަރާތްތަކާ މެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް ޑިޕާޓްމަންޓުން އިންޒާރުދީފައިވެއެވެ. ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ޒާތީ މަޢުލޫމާތުގެ ސަލާމަތް ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމުގައި ވާއިރު، މި ޤަވާއިދު ތަންފީޒުކުރަން ފަށާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިފަދަ ނޭދެވޭ ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިއްސާ ކުރައްވާ!