ރައީސްގެ ދަތުރުފުޅު ޕާކިސްތާނުން އިއުލާން ކޮށްފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހުބާޒް ޝަރީފުގެ ދަޢުވަތަކަށް މި މަހުގެ 20 އިން 22 އަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ދަތުރުފުޅަކީ 11 އަހަރު ފުރުމަށްފަހު ދިވެހި ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން އެކުލެވޭ މަތީ ދަރަޖައިގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕާކިސްތާންގެ ރައީސް އާޞިފު ޢަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައިއެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ސިއްޙީ ދާއިރާއާއި، ތަޢުލީމާއި، ފަތުރުވެރިކަމުގެ އިތުރުން ދިފާޢީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ މުހިންމު ކަންކަމާ މެދު މަޝްވަރާކުރައްވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނާއި ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްޞަ ވިޔަފާރި ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ. މި ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ޕްރައިވެޓް ސެކްޓަރަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ  1966 ވަނަ އަހަރު އެވެ. މި އަހަރަކީ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

ހިއްސާ ކުރައްވާ!