ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަލޯޗިސްތާނު ސްޓޭޓްގެ ތިން ސަރަޙައްދެއްގައި ސަލާމަތީ ބާރުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި، ހަތިޔާރުއަޅައިގެން ތިބި އަށް ޓެރަރިސްޓުން މަރާލައިފިއެވެ. ޕާކިސްތާނު ސިފައިންގެ އިންޓަރ-ސަރވިސް ޕަބްލިކް ރިލޭޝަންސް (އައި.އެސް.ޕީ.އާރު) އިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންތައް އަމާޒުކޮށްފައިވަނީ ކުއެޓާ، ނުޝްކީ އަދި ޚުޒްދާރު ޑިސްޓްރިކްޓްތަކަށެވެ.
އައި.އެސް.ޕީ.އާރުން ނެރުނު ރަސްމީ ބަޔާނުގައިވާ ގޮތުގައި، މި ޢަމަލުތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ލިބުނު ޖާސޫސީ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ހިންގުނު އިންޓެލިޖެންސް-ބޭސްޑް އޮޕަރޭޝަންތަކެކެވެ. ކުއެޓާ ޑިސްޓްރިކްޓްގެ ޕަންޖްޕާއީ ސަރަޙައްދުގައި މަގުބަންދުކޮށްގެން އާންމު ދަތުރުފަތުރަށް ހުރަސްއަޅަމުންދިޔަ ޓެރަރިސްޓުންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ޙަމަލާ ބަދަލުކުރުންތަކެއްގައި، ފަސް ޓެރަރިސްޓުން ވަނީ މަރާލާފައެވެ.
މީގެގެ އިތުރުން، ނުޝްކީ އަދި ޚުޒްދަރު ޑިސްޓްރިކްޓްގައި ހިންގި ޚާއްޞަ ޙަރަކާތްތަކުގައި އިތުރު ތިން ޓެރަރިސްޓުން މަރާލައި، އެމީހުންގެ އަތުގައި ހުރި ގިނަ އަދަދެއްގެ ހަތިޔާރާއި ވަސީލަތްތައް ވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ޚުޒްދަރުގައި ހިންގި އޮޕަރޭޝަނުން 490 ކިލޯގްރާމްގެ ގޮވާތަކެތި ފެނިފައިވާކަމަށް އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައިވެއެވެ.
ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ނައްތާލުމަށްޓަކައި، 'ޢަޒްމް-އެ-އިސްތިޙްކާމް' ގެ ތަޞައްވުރާ އެއްގޮތަށް ޓެރަރިޒަމާ ދެކޮޅަށް ހިންގާ ޤައުމީ ޙަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަފްޣާނިސްތާނުގެ ބޯޑަރު ސަރަޙައްދުތަކުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ޕާކިސްތާނުގެ ސަލާމަތީ އިދާރާތަކުން ދަނީ ސަރަޙައްދީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންނެވެ.






