ޓްރަމްޕްގެ ބާރު ކެނޑިއްޖެ! ސައިޒުކޮށްފި!

އެމެރިކާގެ ދައުރުގެ މެދު ތެރޭ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ހޯދި ބޮޑު ކާމިޔާބީއާއެކު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ނުފޫޒު ކުޑަކޮށް އޭނާ ސައިޒުކޮށްފިއެވެ.

މިހާތަނަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި 100 ގޮނޑީގެ ސެނެޓުގެ 54 ގޮނޑި ޑިމޮކްރެޓުން ވަނީ ކާމިޔާބު ކޮށްފައެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ލިބުނީ ސެނެޓުގެ 44 ގޮނޑިއެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތަކީ 218 ގޮނޑި ކަމަށްވާއިރު ޑިމޮކްރެޓުން ވަނީ މިހާތަނަށް 228 ގޮނޑި ކާމިޔާބު ކޮށްފައެވެ.

މުހައްލިލުން ސިފަ ކުރަމުން ދަނީ މިއީ ޓްރަމްޕްގެ ދައުރަށް ނިމުން އަންނަން ފަށާފައިވާ ކަމުގެ ސިގްނަލެއް ކަމަށެވެ. ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ކޮންޓްރޯލެއް އޮންނަ ސްޓޭޓްތަކުންވެސް ޑިމޮކްރެޓުން ހޯދި ތާރީޚީ ކާމިޔާބީއާއެކު، ޓްރަމްޕްގެ ވެރިކަމުގެ ކިބުުވެރި ސިޔާސަތުތަކަށް އާންމުންގެ ނުރުހުން އޮތް މިންވަރު ވަނީ ހާމަވެފައެވެ.

އިންތިޚާބީ ކެމްޕޭންގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ 47 ފަހަރަށްވުރެ ގިނައިން، އޭނާގެ ނަން ވޯޓު ކަރުދާހުގައި އޮތް ކަމަށް ބަލައިގެން ވޯޓުދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާ އައީ އޭނާ އުއްމީދުކުރެއްވި ގޮތަކަށް ނުނިކުތުމުން މިހާރު ބުނަމުން ދަނީ މިއީ އޭނާއާ ބެހޭ ވޯޓެއް ނޫން ކަމަށެވެ. އަދި އޭނާގެ ނަން ވޯޓު ކަރުދާހުގައި ނެތް ކަމަށެވެ!

ދަ ނިއުޔޯކް ޓައިމްސްގެ އަންދާސާ ތަކުން ދައްކާ ގޮތުގައި، ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ވޯޓުން ޑިމޮކްރެޓުން ވަނީ 13 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިއީ 1976 ވަނަ އަހަރަށްފަހު އިންތިޚާބެއްގައި ޕާޓީއަކުން ހޯދި އެންމެ ބޮޑު ތަފާތެވެ.

އާންމު ރައްޔިތުންގެ މެދުގައި ނުރުހުން އުފެދެން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި:

  • ތެލުގެ އަގު އިންތިހާއަށް އުފުލުމާއި،
  • އީރާނާއެކު ފެށުނު ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް ކުރި އަސަރުތައް
  • ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުން ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާއި،
  • ކޮރަޕްޝަންގެ މައްސަލަތަކަކީ ކުރިން އޭނާއަށް ތާއީދުކުރި ގިނަ ވޯޓުލާ މީހުންއިދިކޮޅު ޕާޓީއަށް ވޯޓު ދިން ސަބަބެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވަނީ، އޭނާގެ ނަން ކެންޑިޑޭޓުންގެ ލިސްޓުގައި ނެތުމުން ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ކަމަށްވިދާޅުވެ، ނާކާމިޔާބީގެ އިލްޒާމުން ރެކެން މަސައްކަތް ކުރައްވާފައެވެ.

ޓްރަމްޕް އަމިއްލައަށް އިސްނަންގަވައިގެން ޓެކްސަސް އާއި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓްތަކަށް ކެންޑިޑޭޓުންގެ ގޮތުގައި ނެރުއްވި ރިޕަބްލިކަން ކެންޑިޑޭޓުން ބަލިވުމަކީ، އޭނާގެ ސިޔާސީ ނުފޫޒު ކުޑަވަމުންދާ ކަމުގެ ހެއްކެކެވެ.

މި އިންތިޚާބީ ނަތީޖާއާއެކު، ވޮޝިންގޓަންގެ ސިޔާސީ މައިދާން ގައި ބާރުގެ ތިލަފަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބުމުން، ސަރުކާރުން ހުށަހަޅާ ބިލުތަކާއި، ފަނޑިޔާރުންނާއި ވަޒީރުން އައްޔަންކުރުމުގެ ނިންމުންތައް ފާސްކުރުމުގައި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެއެވެ.

ސަރުކާރުގެ ސިޔާސަތުތައް ޖަވާބުދާރީކުރުވުމުގެ ފުރުސަތު މަޖިލީހުގެ ކޮމިޓީތަކަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

ހިއްސާ ކުރައްވާ!