ޓްރަމްޕްގެ އިންޒާރުތައް ބޮލާލައި ޖަހަމުން އިލްހާން އުމަރު އަލުން އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބު ކޮށްފި

އެމެރިކާގެ ދައުރުގެ މެދުތެރޭ އިންތިޚާބުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރިމަތިކުރުވި ސިޔާސީ ފިއްތުންތަކާއި ޤާނޫނީ ތަޙުޤީޤުތަކަށް ބެލުމެއްނެތި، ޑިމޮކްރެޓިކް ޕާޓީގެ އިލްހާން އުމަރު މިންނެސޯޓާ ސްޓޭޓުން ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ގޮނޑި އަލުން ކާމިޔާބުކުރައްވައިފިއެވެ. މިއީ އެމެރިކާގެ ސިޔާސީ މައިދާން ގައި މުސްލިމް އަދި އަރަބި ކެންޑިޑޭޓުން ހޯދި ތާރީޚީ ތާފާތު ބޮޑު ކާމިޔާބީގެ ތެރެއިން ފެންނަ މުހިންމު ނަތީޖާއެކެވެ.

އިންތިޚާބީ ކާމިޔާބީއަށްފަހު މީސް މީޑިއާ ގައި ހިއްސާކުރެއްވި މެސެޖެއްގައި އިލްހާން އުމަރު ވިދާޅުވީ، މިންނެސޯޓާގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އަލުން އިންތިޚާބުވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރައީސް ޓްރަމްޕްގެ އަނގަ ބަންދުކުރުމުގެ އަމަލުތަކަށް ފުރުސަތު ނުދެއްވާނެ ކަމަށްވިދާޅުވެ، އޭނާ ވަނީ ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ސޯމާލިއާގެ ސަގާފީ ލަވަތަކާއެކު އިލްހާން ކާމިޔާބީ ފާހަގަކުރައްވާ މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާ ގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިލްހާން އުމަރަކީ އިސްރާއީލުން ޣައްޒާ އާއި ހުޅަނގު އައްސޭރި ގައި ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައަށް ފާޑުވިދާޅުވަމުންދާ ބޭފުޅެކެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ވަނީ އިލްހާން އާއި އޭނާގެ މަރުވެފައިވާ ބައްޕަ ސޯމާލިއާއިން އެމެރިކާއަށް އެތެރެވި ގޮތް ތަޙުޤީޤުކޮށް، އޭނާގެ ރައްޔިތުކަން އަތުލައި އަނބުރާ ޤައުމުން ފޮނުވާލުމަށް ޤާނޫނީ މައްސަލަތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިލްހާން ވަނީ މިއީ ނަސްލީ އިމްތިޔާޒު ފެތުރުމަށް ހިންގި ސިޔާސީ ހަރަކާތެއް ކަމަށްވިދާޅުވެ ޓްރަމްޕަށް ރައްދު ދެއްވާފައެވެ.

  • މި އިންތިޚާބުގައި އިލްހާންގެ އިތުރުން މަޖިލީހުގެ މެންބަރު ރަޝީދާ ޠުލައިބް ވެސް ވަނީ އޭނާގެ ގޮނޑި ދިފާއުކުރައްވާފައެވެ.
  • ނިއުޖަރސީއިން ޑޮކްޓަރ އާދަމް ހަމަވީ ވެސް އިންތިޚާބުވެފައި ވެއެވެ.
  • މިޝިގަން އިން ޑރ. އަބްދުއްރަޙްމާން އައްސައްޔިދު ވަނީ ފުރަތަމަ މުސްލިމު ސެނެޓަރަށް ވެފައެވެ.

ސިޔާސީ މުހައްލިލުން ބަޔާންކުރާ ގޮތުގައި، ޓްރަމްޕްގެ ސިޔާސީ ހަމަލާ ތަކުގެ އަމާޒަކަށްވި ކެންޑިޑޭޓުން ކޮންގްރެސްއަށް އިންތިޚާބުވުމަކީ، ކުރިއަށް އޮތް ތަނުގައި ސަރުކާރު ފާރަވެރިކޮށް ޖަވާބުދާރީކުރުވުމަށް ލިބުނު ބޮޑު ބާރެކެވެ.

ހިއްސާ ކުރައްވާ!