ރައްޔިތުންގެ އިހުތިޖާޖުތަކާ ހެދި ޕެރަގުއޭގެ ރައީސް ސަންތިއާގޯ އިސްތިއުފާ ދެއްވައިފި

ޕެރަގުއޭގެ މަރުކަޒީ ބޭންކުން އެ ޤައުމުގެ މަޝްހޫރު ބޭންކެއް ކަމަށްވާ "އުއެނޯ ބޭންކް" ހިފަހައްޓައި، އާންމުންގެ ޖަމާކޮށްފައިވާ ފައިސާ ފްރީޒްކުރުމާ ގުޅިގެން އުފެދުނު ބޮޑު އިޤްތިޞާދީ އަދި ސިޔާސީ މައްސަލަތަކުގެ ތެރެއިން އެ ޤައުމުގެ ރައީސް ސަންތިއާގޯ ލޭނިއާ އިސްތިއުފާ ދެއްވައިފިއެވެ.

މަރުކަޒީ ބޭންކުން އުއެނޯ ބޭންކް ހިންގުމާ ހަވާލުވީ ކެޕިޓަލްގެ ބޮޑު ދަތިކަމެއް ކުރިމަތިވުމުގެ ސަބަބުން، ފައިސާ ޖަމާކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށެވެ. ނަމަވެސް، މި ފިޔަވަޅާއެކު އެ ޤައުމުގެ ގާތގަނޑަކަށް 3 މިލިއަން އާންމު ރައްޔިތުންނާއި ޕެންޝަންހޯދާ ފަރާތްތަކުގެ ފައިސާ ހިފެހެއްޓި، ޤައުމުގެ ތެރޭގައި ވަނީ ބޮޑެތި އިހުތިޖާޖުތަކެއް ފެށިފައެވެ. އަދި އަގުތައް އުފުލި، އާންމުންގެ ފައިސާ ނެގެން ނެތުމުގެ ސަބަބުން ހިތްހަމަނުޖެހުން އުފެދި، ވެރިރަށް އަސުންސިއޯންގައި ޤާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި ހާހުން މީހުން ދަނީ އިހުތިޖާޖުކުރަމުންނެވެ.

މިކާރިސާއާ  ގުޅިގެން ޕެރަގުއޭގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ރައީސް ލޭނިއާ މަގާމުން އަޒުލުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އިއްތިފާގުން ފާސްކޮށްފައެވެ. އިދިކޮޅު މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި، ރައީސްގެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ މަސްލަހަތު ފުށުއަރާ ގޮތަށް، އޭނާގެ ހިއްސާ ކުރިން އޮތް ބޭންކެއްގެ މާލީ ކަންކަމަށް ނުފޫޒު ފޯރުވާފައެވެ. ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް  ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ ހަމަޖެހުމަށާއި މާލީ ނިޒާމަށް އޮތް އިޢުތިބާރު ދެމެހެއްޓުމަށްޓަކައި ކަމަށެވެ.

ޕެރަގުއޭގެ ސިޔާސީ މަސްރަހށް އައި މި ބަދަލާއެކު، އެ ޤައުމުގެ ނައިބު ރައީސް ޕެޑްރޯ އަލިއާނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް