ދެ ވަކީލަކަށް އިއްވި ޖަލު ހުކުމް އެމްނެސްޓީ އިންޓަނޭޝަނަލްއިން ކުށްވެރިކޮށްފި

ޕާކިސްތާނުގެ މަޝްހޫރު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ދެ ވަކީލުން ކަމަށްވާ އީމާން ޒައިނަބް މަޒާރީ-ހާޒިރާއި ހާދީ އަލީ ޗައްތާގެ މައްޗަށް ޖަލު ހުކުމް އިއްވުމާ ގުޅިގެން، އެމްނެސްޓީ އިންޓަނޭޝަނަލް އިން އެކަން ކުށްވެރިކޮށްފިއެވެ. ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ސިފަކުރި ގޮތުގައި މިއީ ސިޔާސީ މަޤުޞަދެއްގައި ހިންގާފައިވާ ކަމެއްގެ އިތުރުން ޕާކިސްތާނުގެ ޖިނާއީ ޢަދާލަތުގެ ނިޒާމު ނުހައްޤުން ބޭނުންކުރުމުގެ ބޮޑު ސިލްސިލާއެއްގެ ބައެކެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އިސްލާމްއާބާދުގެ އެންޓި-ޓެރަރިޒަމް ކޯޓުން އޮކްޓޫބަރު 29 ގައި ނެރުނު ޙުކުމަށް ފާޑުކިޔާފައިވެއެވެ. އެ ޙުކުމުގައި 1997 ވަނަ އަހަރުގެ އެންޓި-ޓެރަރިޒަމް އެކްޓް (އޭޓީއޭ) ގެ ދަށުން ދެ ވަކީލުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަދި ޕާކިސްތާނުގެ ޕީނަލް ކޯޑު (ޕީޕީސީ) ގެ ދަށުން 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ޖުމްލަ 200،000 ރުޕީސްއިން ދެ ވަކީލުން ވަނީ ޖޫރިމަނާކޮށްފައެވެ. ކޯޓުން ނިންމާފައިވަނީ މި ޖަލު ހުކުމްތަކުގެ މުއްދަތުތައް އެކީގައި ތަންފީޒުކުރެވޭ ގޮތަށެވެ.

މި ހުކުމް އިއްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސިވިލާތުގެ ކްރިކެޓް ޓީމު އިސްލާމްއާބާދަށް ކުރި ދަތުރުގައި، މަގުމަތީގައި ބަހައްޓާފައި ހުރި ސެކިއުރިޓީ ބެރިކޭޑްތަކެއް ނެގި ކަމަށް ބުނާ ހާދިސާއަކާ ގުޅިގެންނެވެ. އެ ދެ ވަކީލުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެންޓި ޓެރިޒަމް ގާނޫނުގެ 7 ވަނ ަމާއްދާއާއި ޕީޕީސީގެ 186 އަދި 353 ވަނަ މާއްދާގެ ދަށުންނެވެ.

ޖަމްޢިއްޔާތަކުން ވަނީ ޝަރީޢަތް ކުރިއަށްދިޔަ ގޮތުގެ އިންޞާފުވެރިކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ރާވަލްޕިންޑީގެ އަދިއާލާ ޖަލު ތެރޭގައި ކުރިއަށްދިޔަ މި ޝަރީޢަތަކީ ބައިނަލްއަޤުވާމީ އިންޞާފުވެރި ޝަރީޢަތްތަކުގެ މިންގަނޑުތަކަށް ފެތޭ ޝަރީޢަތެއް ނޫން ކަމަށް ބަޔާނުގައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޯޓުރޫމް ތެރޭގައި ދެ ވަކީލުން ބަންދުކޮށްފައި ތިބީ ކުޑަ ގޮޅިއެއްގެ ތެރޭގައެވެ. މީގެ ސަބަބުން އެމީހުންގެ ޤާނޫނީ ވަކީލުންނާ މުއާމަލާތްކުރުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. އަދި ދިފާއީ ޓީމަށް ދެ ވަކީލުންނާ ބައްދަލުކުރުމާއި، ދައުލަތުން ހުށަހެޅި ހެކިތައް ވަޒަން ކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނެވެ.

މީގެ އިތުރުން، މައްސަލައިގެ ޝަރީޢަތް މެދުކަނޑާލުމަށާއި މައްސަލަ އެހެން ކޯޓަކަށް ބަދަލުކުރުމަށް އެދި އޮކްޓޫބަރު 26 ގައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާމެދު ވަކި ގޮތެއް ނުނިންމަނީސް ދަށު ކޯޓުން ހުކުމް އިއްވުމުންވެސް ބަޔާނުގައި ވަނީ ފާޑުކިޔާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާއި އެ ބަޔާނުގައި ސޮއިކުރި ބައިނަލްއަގްވާމީ އެހެން އިދާރާތަކުން ބުނި ގޮތުގައި، މި ހުކުމަކީ މި ދެ ވަކީލުންނަށް އަމާޒުކޮށްގެން ހިންގާ ޣެއިރު ގާނޫނީ ފިޔަވަޅުތަކުގެ ސިލްސިލާގެ ބައެކެވެ. ޕާކިސްތާނުގެ ސިފައިންނަށް ފާޑުކިޔައި މީސް މީޑިއާގައި ކުރި ޕޯސްޓުތަކަކާއި، ބަލޮޗް އަދި ޕަޝްތޫން އެކްޓިވިސްޓުންނަށް ތާއީދުކޮށް ކުރި މަސައްކަތްތަކާ ގުޅިގެން ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓް (ޕެކާ) ގެ ދަށުން އިއްވި 17 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށް، ސެޕްޓެމްބަރު 17، 2026 ގައި ދެ ވަކީލުން ކަފާލާތުގެ ދަށުން މިނިވަންކުރިއެވެ. ނަމަވެސް، ކަފާލާތް ލިބުނު ދުވަހު ޓެރަރިޒަމާ ދެކޮޅު ގާނޫނުގެ ދަށުން އެހެން މައްސަލައެއްގައި އެ ދެ ވަކީލުން އަލުން ހައްޔަރުކޮށް ބަންދު ކޮށް ޝަރީއަތް ކުރީއެވެ.

ހިއްސާ ކުރައްވާ!