ކީރިތި ރަސޫލާއަށް އިހާނަތުގެ ބަސް ރައްދުކުރުމުގެ ތުހުމަތުގައި މަރުގެ ޙުކުމް އިއްވައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ތިބި ޕާކިސްތާނުގެ ދެ ބެއިން އެމީހުންގެ ނަފްސާނީ ޙާލަތަށް ބަލައި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިއަދު މިނިވަންކޮށްފިއެވެ.
ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ޔަހްޔާ އަފްރީދީ ރިއާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރި ޙުކުމުގައި ވަނީ، ލާހޯރު ހައިކޯޓުން 2015 ވަނަ އަހަރު ދެމެހެއްޓި މަރުގެ ޙުކުމް ބާތިލުކޮށްފައެވެ. މި މައްސަލައިގައި މިނިވަންކޮށްފައިވަނީ ޖަންގް ސަރަހައްދަށް ނިސްބަތްވާ ލިއާޤަތު އަލީ އާއި އޭނާގެ ކޮއްކޮ އުމަރު ދުރާޒް އެވެ.
މި ދެމީހުންގެ މައްޗަށް 2006 ވަނަ އަހަރު ކޯޓުން މަރުގެ ޙުކުމް އިއްވީ އުމަރު ދުރާޒް އޭނާގެ އަންހެނުން ވަރިކުރި ލިޔުމުގައި އިސްލާމްދީނާ ޚިލާފު އަދި ދީނަށް ފުރައްސާވާ ކަމަށް ބެލެވޭ ބަސްތަކެއް ލިޔެފައިވާ ކަމަށް ބުނެއެވެ. އަދި އޭނާގެ ބޭބެ ލިއާޤަތު އަލީވެސް އެފަދަ ލިޔުމެއް ތައްޔާރުކޮށް، އެ ކަމަށް އިއުތިރާފުވެފައިވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ދިފާއީ ވަކީލުން ވަކާލާތު ކުރެއްވީ ކުށް ކުރި އިރު އެމީހުންގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މިންވަރުގެ މައްޗަށެވެ.
ސައިކިއަޓްރިސްޓުންގެ ޚާއްސަ މެޑިކަލް ބޯޑުތަކުން ހެދި ތަހުލީލުތަކުން އެނގުނު ގޮތުގައި، މި ދެބޭބެއިންވެސް އަންނަނީ "ބައިޕޯލާ އެފެކްޓިވް ޑިސްއޯޑަރ" ގެ ސީރިއަސް ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. 2025 ވަނަ އަހަރު ނެރުނު އެންމެ ފަހުގެ މެޑިކަލް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މިއީ އެމީހުންގެ ކިބައިގައި ދާއިމީކޮށް ނަފްސާނީ މައްސަލައެއް ހުންނަ ކަމަށާއި، ކުށް ކުރި ވަގުތު އެމީހުންގެ އަމަލުގެ ނުރައްކާތެރިކަން ދެނެގަތުމުގެ ޤާބިލުކަން އެމީހުންގެ ކިބައިގައި ނެތް ކަމަށެވެ.
ފަނޑިޔާރު އިޝްތިއާޤް އިބްރާހީމް ލިޔުއްވި ޙުކުމުގައި ފާހަގަކުރެއްވީ، ސައިކިއަޓްރީގެ ޕްރޮފެސަރުން ހިމެނޭ މެޑިކަލް ބޯޑުގެ ނިންމުމަށް އިސްކަންދޭންޖެހޭނެ ކަމަށާއި، އެމީހުންގެ ނަފްސާނީ ޙާލަތާމެދު ޝައްކުތަކެއް އުފެދޭތީ ޝައްކުގެ ފައިދާ އެމީހުން ބަރީއަ ކުރުމަށް ލިބެންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރު ޝަކީލް އަޙްމަދު ދެއްވި އިތުރު ނޯޓުގައި ވަނީ ޤާނޫނީ ޒިންމާދާރުކަމާއެކު އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުމަކީ އިސްލާމީ ޝަރީޢަތުގެވެސް ރޫޙު ކަމަށް ވިދާޅުވެފައެވެ.




