ފަންނުވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެބާ؟

ދިވެހިންނަކީ ފަންނުވެރި ބަޔެކެވެ. ނަމަވެސް ދިވެހިންގެ ފަންނުވެރިކަން ތަރައްގީ ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތައް ކޮށްފައި ވަނީ ފަރުދީ ފެންވަރުގައި ފަންނާނުންގެ އަމިއްލަ އިސްނެގުމުގެ މަތިންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ފަންނު ތަރައްގީކޮށް ހިތްވަރު ދެއްވުމަށް 25 މިލިއަން ރުފިޔާ ހޭދަ ކުރައްވާނެ ކަމަށް ވިދާޅުވުމަކީ އެކަމަށް މަރުހަބާ ކިޔުން ހައްގު ކަމެކެވެ. ނަމަވެސް ފަންނުގެ ދާއިރާއަކީ ހަމައެކަނި ފައިސާގެ އެހީއަކުން ތަރައްގީ ވާނެ ކަމެއް ނޫނެވެ. އެކަމަށް ބޭނުން ވަނީ ދައުލަތުން ހިތްވަރު ދިނުމެކެވެ. ދައުލަތުގެ ނިޒާމުގެ ތެރޭން ފަންނާނުންނަށް މިނިވަންކަމާއެކު އެމީހުންގެ ބިނާކުރެނިވި ޚިޔާލާއި އުފެއްދުންތެރިކަން ކުރިއެރުވޭނެ ގޮތްތައް ފަހިކޮށް ދިނުމެކެވެ.

އާޓު ގެލެރީގައި ދިވެހި ފަންނާނުން ބާއްވާފައިވާ “އަންވެއިލިންގ ވިޜަންސް 2024” ރައީސް ވަނީ ބައްލަވާލައްވާފައެވެ. އެ މުނާސަބާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ފަންނާނުންނަށް ވައުދުތަކެއްވެ ވަޑައިގެންފައެވެ. އެގޮތުން ފަންނުވެރިކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށް ދިނުމާއި ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮގްރާމުތައް ހިންގުމާއި އާލާތްތައް ހޯއްދަވައި ދެއްވުމާއި މާލީ އެހީތެރިކަން ހިމެނެއެވެ.
“އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީއަށް ޚަރަދުކުރުމަށް، ތިބޭފުޅުންނަށް ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދޭނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނޭޝަނަލް އާޓް ގެލެރީގައި ޖާގަ އިތުރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެންމެ އާޓް ގެލެރީއަކުން ފުދޭ ހެއްޔެވެ؟ ހުޅުމާލޭގައި އެފަދަ ދެވަނަ ގެލެރީއެއް ނުހުންނަންވީ ކީއްވެގެން ހެއްޔެވެ؟

ފަންނުވެރިންނަށް ހިތްވަރު ދެއްވުމަށްޓަކައި އެމީހުންނަށް ބޭނުންވާ ސާމާނުން ޑިއުޓީ ކުޑަކުރުން ކިހިނެއް ވާނެތޯއެވެ؟

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި އުފެއްދުންތެރި އީޖާދީ އިގްތިސާދަކަށް ފަހިކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައި ވެއެވެ. މިކަން ހާސިލުކުރުމަށް ކަމާ ބެހޭ ވުޒާރާއިން ފަންނުވެރިންނާއެކު ބައްދަލުވުންތަކެއް ބާއްވައި މެނިސްފެސްޓޯގެ ސިޔާސަތަށް އަމަލީ ސިފައެއް އަންނާނެ ގޮތަށް މާރެސްއެއް އެކުލަވާލުމަކީ މިކަމުން ނަތީޖާ ހާސިލު ކުރުމަށް މަގުފަހިވާނެ ކަމެއް ކަން ޔަގީނެވެ.

މި ނުކުތާގައި ފާހަގަ ކޮށްލަން ޖެހޭނީ ދިވެހި ފަންނާނުންނަށް އެމީހުންގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް ވިއްކުމަށްފަހު އެފައިސާ ގެނެވޭނެ ގޮތަށް ހަމަޖައްސަވައި ދެއްވުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދެކެވެ. ފަންނާނުން ތިބީ އަދިވެސް އެކަން އަވަހަށް ހަމަޖެހިގެން ދިއުމުގެ އުންމީދުގައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް