ބަނގްލަދޭޝްގެ ބައި މަދު މީހުން ޙިމާޔަތް ކޮށްދިނީ މުސްލިމު ލީޑަރުން

ބަނގްލަދޭޝްގައި އުފެދުނު ހަމަނުޖެހުމުގައި ބައިމަދު ދަރިކޮޅުގެ މީހުން ޙިމާޔަތް ކުރުމަށް ދަންނަބޭކަލުން ޚާއްޞަ މަސައްކަތެއް ކޮށްފައިވާ ކަން އެޤައުމުގެ ހިންދީ ލީޑަރުންވެސް ފާހަގަ ކުރެއެވެ.

ބަނގްލަދޭޝްގެ ޙިފާޒަތޭ އިސްލާމް ޙަރަކާތުގެ މުހިންމު އެއް ލީޑަރު ޝެއިޚް ސާޖިދު ރަހުމާން ވިދާޅުވަނީ، ބައިމަދު މީހުން ޙިމާޔަތް ކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އެހެންވެ، އެހެން ދީންތަކުގެ ބައިމަދު މީހުން ރައްކާތެރި ކުރުމަށާއި، ހިންދީންގެ ފައްޅިތައް ހިމާޔަތްކުރުމަށް މިސްކިތްތަކުގައި މީހުންނަށް އިރުޝާދުދީ، ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ލިޔުންތައް ތައްޔާރު ކޮށް އާންމުންގެ މެދުގައި ބަހައި ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އެ މަސައްކަތުގައި އުޅެފައި ވަނީ އިލްމުވެރިންނާއި، ދީނީ މަދަރުސާތަކުގެ ދަރިވަރުންނާއި، ހިފަޒާތޭ އިސްލާމް ޖަމާޢަތުގެ މެންބަރުންނެވެ.

ހަމަނުޖެހުން ހިނގަމުން ދިޔަ ދުވަސްތަކުގައި، ހިންދޫންގެ ގެދޮރާއި ފައްޅިތަކަށް ބައެއް މީހުން ހަމަލާތައް އަމާޒު ކުރިއެވެ. އަދި ހަމަލަ ދީފާނެހެން ހީވާ ތަންތާނގައިވެސް މުސްލިމުން ފޯރި މަރައި ފާރައަށް ތިބެން ފެށިއެވެ.

އެކަން ކާމިޔާބު ވެގެން ދިޔައީ އިސްލާމީ ޝަރީޢަތުގައި ބައިމަދު މީހުންނަށް އޮތް ޙައްޤުތަކުގެ ވާހަކަ އާންމުންނަށް ކިޔައިދީ އޮޅުން ފިލުވައި ދިނުމުން ކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ.

އިސްލާމިކް މޫވްމަންޓް ބަންގްލަދޭޝްގެ އަމީރު ސައްޔިދު މުޙައްމަދު ރިދާ އަލްކަރީމް ވިދާޅުވީ، ހިންދޫންނާއި އެހެން މީހުންގެ ފައްޅިތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޙަމަލަތަކުން ރައްކާތެރި ކުރުމަށް މަސައްކަތްތައް ކުރި ކަމަށާއި އެކަމުގައި އިސްލާމީ ޖަމާޢަތްތަކުން އިސްވެ ޙަރަކާތްތެރިވި ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން ބައި މަދު ޣައިރު މުސްލިމުންނަށް ދިން ހަމަލާތައް ދިނުން މަދުވިއެވެ. ސިޔާސީ ހަލަބޮލި ކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ބަދަލު ހިފުމަށް ތައްޔާރަށް ތިބުމުން އެކަންކަން ނާކާމިޔާބު ކޮށްލެވުނު ކަމަށް މުސްލިމު ލީޑަރުން ފާހަގަ ކުރެއެވެ.

ހިންދީންގެ މަޝްހޫރު ލީޑަރެއް ކަމަށްވާ ގޮބިންދު ޗަންދަރު ޕްރަމަނިކް ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުގައި އަވާމީ ލީގާ ގުޅުމެއް ނެތް ހިންދީންގެ ދެ އާއިލާއަކަށް ހަމަލާދީފައިވެއެވެ. އެއިން އެއް ގެއަކީ ފުލުހެއްގެ ގެއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ދީނީ ވިސްނުމެއްގައި ދީފައިވާ ޙަމަލަތަކެއް ނޫން ކަމަށާއި، އެއީ ސިޔާސީ ގޮތުން ދީފައިވާ ޙަމަލަތަކެއް ކަމަށެވެ. އަދި މުސްލިމު ލީޑަރުން ހިންދީން ސަލާމަތް ކޮށްދެއްވުމަށް ކުރި މަސައްކަތްތަކަށް އޭނާ ވަނީ ތަޢުރީފު ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!