ސަރުކާރުން ސިއްކަ ޖެއްސެވި ކީރިތި ޤުރުއާނުގެ ދިވެހި ތަރްޖަމާ (2)

ޙުސައިން ރަޝީދު އަޙްމަދު.

ސަރުކާރުން ކުރަށްވާފައިވާ މިތަރުޖަމާ އަށް ބަލާއިރު އޭގައި ކުށްތައް ހުރިކަން ފާހަގަ ކުރެވެއެވެ. އިމްލާ ކުށްތަކެއް ނޫނެވެ. ތަރުޖަމާގެ ކުށްތަކާއި ބަހުގެ ކުށްތަކެވެ. ތިރީގައި ބައެއް މިސާލު ދަންނަވާލާނަމެވެ.

މިސާލު 1: (ފަރުޖު)
ޢަރަބި ބަހުގައި ފަރުޖު ކިޔަނީ އަންހެނުންނާއި ފިރިހެނުންނާއި ޖަނަވާރުތަކުގެ ޖިންސީ ގުނަވަނަށެވެ. އަދި ފުރަގަސް ފަރާތު ދޮރަށް ވެސް ފަރުޖު ކިޔައި ހަދައެވެ. ނަމަވެސް ދިވެހި ބަހުގައި ފަރުޖު ކިޔަނީ ހަމައެކަނި އަންހެނާގެ ޢައުރަ ގުނަވަނަށެވެ. އެކަމަނާގެ ފުރަގަސް ފަރާތު ދޮރަށްވެސް ދިވެހި ބަހުގައި ފަރުޖެކޭ ނުކިޔެއެވެ. ހަމައެހެންމެ ފިހެނާގެ ޖިންސީ ގުނަވަނަށް ވެސް ދިވެހި ބަހުގައި ފަރުޖު ކިޔައެއް ނަހަދައެވެ.
ނޫރު ސޫރަތުގެ 30 ވަނަ އާޔަތަށް ބައްލަވާށެވެ.

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ (النور ٣٠)
މާނައީ: مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!

(ޙަޤީޤަތުގައި އާޔަތުގައި މިއޮތް فرج މިބަސްފުޅުގެ މުރާދަކީ ފިރިހެނާގެ ލަދުވެތި ގުނަވަނެއް ވެސް ނޫނެވެ. އާދެ އޭގެ މުރާދަކީ ފިރިހެނާގެ ޢައުރައެވެ. އެބަހީ ނިވާކުރުން ލާޒިމުވާ ހިސާބެވެ.)

* މިސާލު 2 ނޫރު ސޫރަތުގެ 31 ވަނަ އާޔަތެވެ.

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ (النور ٣١)
މާނައީ: އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައި ކުރާހުށިކަމެވެ.

(މިތާގައިވެސް ފަރުޖުގެ މުރާދަކީ އަންހެނާގެ ޢައުރައެވެ. ހަމައެކަނި ފަރުޖެއް ނޫނެވެ. އެކަން ولا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا މިބަސްފުޅުން ރަނގަޅަށް ސާފު ވެއެވެ.)

މައްސަލަ 2: އިރާދަ:
(ހ) ދިވެހި ބަހުގައި އިރާދައަކީ ހަމައެނި ﷲ ގެ ޙަޟުރަތަށް ޚާއްޞަ ބަހެކެވެ. އެބަހުގެ ދެމާނައެއް އޮވެއެވެ. އެއް މާނައަކީ މިންވަރުފުޅެވެ. އަނެއް މާނައަކީ އަޅަކު، މަޚްލޫޤަކު ކަމެއް ކުރާހިނދު އެކަމަކަށް ﷲގެ ޙަޟުރަތުން މަގުފަހިކޮށް ދެއްވުމެވެ. އެބަހީ މިންވަރުފުޅުގައި އެކަމެއް ލެއްވުމެވެ. އެހެންކަމުން ﷲގެ އިރާދަފުޅާ ނުލައި އަޅަކަށް ހިރިވެސް ނުލެވޭނެއެވެ. ހެއުކަމެއް ކަމުގައި ވިއަސް ގޯސްކަމެއް ކަމުގައި ވިއަސް ވެހެވެ.
(ށ) މިއާ ޚިލާފަށް ޢަރަބި ބަހާއި އުރުދޫ ބަހުގައި އިރާދައަކީ މީހާ ކަމަކަށް ގަސްތު ކުރުމެވެ. އެދުމެވެ. ބޭނުންވުމެވެ. ﷲ އަށާއި ޢާއްމުންނަށް ވެސް މިބަސް،ބޭނުން ކުރެވެއެވެ.

މިސާލު 1: وَمَا اللَّهُ يُرِيدُ ظُلْمًا لِّلْعِبَادِ ‎﴿٣١﴾‏ غافر..
މާނައީ: އަދި اللَّه، އެކަލާނގެ އަޅުންނަށް ބޭއިންސާފަކަށް އިރާދައެއް ނުކުރައްވަތެވެ.

(މިމާނައިން ދޭހަވަނީ ދުނިޔޭގައި މިހިނގާހައި ބޭ އިންސާފެއް ހިނގަނީ ﷲގެ އިރާދައަކާ ނުލައި ކަމެވެ.)

މިސާލު 2:
މިއީ ކުރީގެ މިސާލަށްވުރެން ސާފު މިސާލެކެވެ. ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތެވެ.

يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ (البقرة ١٨٥)
މާނައީ: اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.

މިސާލު 3:
އިތުރު އެހެން މިސާލެކެވެ. މާއިދަތު ސޫރަތުގެ 6 ވަނަ އާޔަތެވެ.

مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ
މާނައީ : ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ.

(މިއިން ދޭހަވަނީ މީސްތަކުންނަށް ދަތި އުނދަގޫތައް ކުރިމަތި ވަނީ ﷲގެ މިންވަރު ފުޅެއް ނެތި ކަމެވެ. އެހެންނާ އެއިން އަންގަވަނީ މީސްތަކުންނަށް ދަތިއުނދަގޫ ކަންކަން އިރާދަ ކުރަށްވާއިރު އެކަމަށް އެއިލާހު ރުހިވޮޑި ނުގަންނަވާ ކަމަށެއެވެ.)

ޢަރަބި ބަހުގައި އިރާދައިގެ މާނަ:
(ހ) ޢަރަބި ބަހުގައި أراد- يريد- إرادة ގެ މާނައަކީ ކަމަކަށް އެދުމާއި ޤަޞްދު ކުރުމެވެ. ނުވަތަ ރުހުމެވެ. އެބަސް ﷲ އަށް ނިސްބަތްވި ކަމުގައި ވިއަސް ވެހެވެ.
(ށ) އެހެންކަމުން ބަޔާންވެދިޔަ ތިން އާޔަތުގައި ވެސް އެބަހުގެ މާނަ ކުރެވޭނީ އެދިވޮޑިގަތުމުގެ މާނައާއި ރުހިވޮޑިގަތުމުގެ މާނައެވެ. އިރާދައިގެ މާނައެއް ނޫނެވެ.

(އިތުރު މިސާލުތައް 3 ވަނަ ލިއުމުން ބައްލަވާށެވެ.)

ސަރުކާރުން ސިއްކަޖެއްސެވި ކީރިތި ޤުރުއާނުގެ ދިވެހި ތަރްޖަމާ

ހިއްސާ ކުރައްވާ!