ޙުސައިން ރަޝީދު އަޙްމަދު
އިތުރު މިސާލެއް:
ކުފުރު:
(ހ) ކުފުރު މިބަހަކީ ވެސް ޢަރަބި ބަހުގައި ތަފާތު މާނާގައި ބޭނުންކުރެވޭ ބަހެކެވެ. ކީރިތި ޤުރުއާނުގައި ވެސް ބޭނުންވެފައި ވަނީ އެކި މާނާގައެވެ. ހަމައެހެންމެ ކީރިތި ރަސޫލާގެ ޙަދީޘްސުފުޅުތަކުގައި ވެސް މިބަސް ބޭނުންވެފައި ވަނީ އެކިފަހަރު އެކި މާނާގައެވެ.
(ށ) ދިވެހި ބަހަށް ބަލާއިރު ދިވެހި ބަހުގައި ކުފުރު ވުމަކީ ސީދާ ﷲ އަށް އިންކާރު ކުރުމެވެ. ނުވަތަ ﷲ ވޮޑިގެންވާކަމަށް އިންކާރު ކުރުމެވެ. ނުވަތަ ﷲ ފަރުޟު ކުރެއްވި ކަމަކަށް އިންކާރު ކުރުމެވެ. ނުވަތަ ﷲ އަށް ޝިރުކު ކުރުމެވެ. ބައެއް ފަހަރު ﷲގެ ނިޢުމަތްތަކަށް އިހުމާލު ވުމަށްވެސް މަޖާޒީ ގޮތުން ކުފުރު ކިޔެއެވެ. އެހެނަސް މިއީއަކީ ޢާއްމު މީހުން ދަންނަ މާނައެއް ނޫނެވެ.
(ހ) މާތް ﷲ އަލްބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަޙީ ކުރަށްވާފައި ވެއެވެ.
وَاشْكُرُوا لِي وَلَا تَكْفُرُونِ (البقرة)
މާނައީ: އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!
(މިތާގައި) وَلَا تَكْفُرُونِ ގެ މާނައަކީ ކާފަރު ނުވުމެއް ނޫނެވެ. އޭގެ މާނައަކީ ނާޝުކްރީ ނުވާށެވެ. ޝުކުރު އިދިކޮޅު މާނައަކީ ނާޝުކްރީއެވެ. ކުފުރެއް ނޫނެވެ.
(ށ) ޝުކުރާބެހޭ އެހެން އާޔަތެކެވެ. އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾
މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ عذاب ގަދަފަދަ ވެގެންވާކަން ކަށަވަރެވެ.
(ބަޔާންވެދިޔަ ދެ އާޔަތުގެ މާނައިންވެސް ދޭހަވަނީ ޝުކުރުގެ އިދިކޮޅަކީ ކުފުރު ކަމެވެ. އެހެނަސް އެއާޔަތްތަކުގެ މުރާދަކީ އެއީއެއް ނޫނެވެ. އޭގެ މުރާދަކީ އަޅާއަށް ﷲ ދެއްވި ނިޢުމަތްތަކަށް ފަރުވާކުޑަކޮށް އެއަށް ނާޝުކުރީވުމެވެ.)
ޝުކުރުވެރި ވުމަކީ އީމާން ކަމުގެ އިދިކޮޅެއް ނޫނެވެ. އެކަމަކު ނާޝުކްރީ ވުމުގެ ބޮޑުކަން ބަޔާން ކުރެއްވުމުގެ ގޮތުން ކުފުރުގެ ބަސް މިތާގައި ބޭނުން ކުރެވިފައި ވަނީއެވެ.
މިކަމުގެ ހެއްކަކީ ނިސާ ސޫރަތުގެ 147 ވަނަ އާޔަތެވެ.
مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا ﴿١٤٧﴾
މާނައީ: ތިޔަބައިމީހުން شكر ކޮށް، إيمان ވީނަމަ، ތިޔަބައިމީހުންނަށް عذاب ދެއްވުމުން اللَّه ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް اللَّه عذاب ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) شكر قبول ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
މިއާޔަތުގައި މިއޮތީ ވަކި މަޤްޞަދަކަށް ޓަކައި ޝުކުރުވެރިވުމާއި އީމާންކަމާ އިސްފަސް ކުރަށްވާފައެވެ. މިހެނީ އީމާންކަމެއް ނެތި ޝުކުރުގެ ފައިދާއެއް ނުކުރާނެތީއެވެ.
އެހެންކަމުން އާޔަތުގެ ފުރިހަމަ މާނައަކީ،
އޭ މުނާފިޤުންނޭވެ! ތިޔަބައި މީހުން އީމާންކަމުގެ ޙާލަތުގައި ތިބެމެ ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރި ވާހިނދުމެ، ތިޔަބައިމީހުންނަށް ޢަޛާބު ދެއްވުމުގައި ﷲއަށް އޮތީ ކޮން ބޭނުންފުޅެއް ހެއްޔެވެ. ދަންނާށެވެ. އެއިލާހަކީ ކޮންމެ އަޅެއްގެ ޝުކުރުވެރިކަން ޤަބޫލު ކުރަށްވާ، އެމީހެއްގެ ނިޔަތް ބޮޑަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އެހެން މިސާލެއް:
إلى ގެ މާނަ ކުރުން:
ޢަރަބި ބަހުގައި އެކިބާވަތުގެ އަކުރުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން إلى އަކީ ޖައްރުގެ އަކުރުތަކުގެ ތެރެއިން އަކުރެކެވެ. މިއަކުރުގެ މަޝްހޫރު ހަ މާނައެއް އޮވެއެވެ. އެއް މާނައަކީ ވަކި ހިސާބެއް ކަނޑައެޅުމެވެ. އަނެއް މާނައަކީ އެއްޗެއް އަނެކައްޗަކާއި އެކުވުމެވެ. އަނެއް މާނައަކީ މީހަކާ ނުވަތަ ތަނަކާ ގާތްވުމެވެ. މިނޫންވެސް މާނަތަކެވެ. މިއިން ކޮންމެ މާނައެއް ކަނޑައެޅެނީ ވަކި އުޞޫލެއްގެ ދަށުންނެވެ.
ދެން މިކަމާ ބެހޭ އާޔަތަކަށް ބަލައިލާނަމެވެ.
އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތެވެ. ފަރުޟު ވުޟޫ ކުރާނެ ގޮތް ބަޔާންވެގެންވަނީ މިއާޔަތުގައެވެ.
.إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ.
މާނައީ: ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ!
މިއާޔަތުގެ މާނަ މިއޮތީ ކަނޑައެޅިގެން ނުބައި ކޮށެވެ.
(ހ) އަޅުގަނޑުމެންނަށް ވުޟޫގައި އަތް ދޮވުން ފަރުޟު ކުރައްވާފައި ވަނީ އަތުގެ އުޅަބޮށި ކަށްޓާ އެކުގައެވެ. އެންމެ ކުޑަމިނުން ޝައިޚު ޖަމީލުގެ ތަޢުލީމުއްދިޔާނާ ގައި ވެސް ވުޟޫގެ ފަރުޟުތައް ބަޔާންވެފައިވަނީ، ދެއަތް ދެއުޅަނބޮށި ކަށްޓާއެކު ދޮވުމަށާއި ދެފައިތިލަ ދެތަނބި ކަށްޓާއެކު ދޮވުމަށެވެ.
(ށ) ވުމާއެކު އަތް ދޮވުން ފަރުޟު ކުރައްވާފައި ވަނީ އަތުގެ އުޅަނބޮށި ކަށްޓާ އެކުގައެވެ. އަދި ފައި ދޮވުން ފަރުޟު ކުރައްވާފައި ވަނީ ފައިގެ ތަނބި ކަށްޓާ އެކުގައެވެ.
(ނ) އެކަމަކު އާޔަތުގެ މާނަ ކުރެވިފައި ވަނީ އަތުގެ އުޅަނބޮށި ކަށްޓާ ހަމައަށާއި ފައިގެ ތަނބި ކަށްޓާ ހަމައަށެވެ.
(ރ) ޢަރަބި ބަހުގެ އުޞޫލަކަށް އަންނަނީ ޖުމްލައެއްގައި إلى އަންނަ ހިނދު إلىގެ ކުރިއާއި ފަހަތުގައި އަންނަ ނަން އެއް ޖިންސެއްގައި އެބަހީ އެއް ވައްތަރެއްގައި އަންނަހިނދު إلى ގެ މާނަ ކުރެވޭނީ مع ގެ މާނަ ކަމަށެވެ. (އެބަހީ އެކުގައެވެ.) މީގެ މިސާލަކީ ނިސާ ސޫރަތުގެ 2 ވަނަ އާޔަތެވެ.
وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ (މާނައީ: އަދި، އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! )
(ބ) މިއާ ޚިލާފަށް إلىގެ ފަހަތުގައި ޒަމާނެއް އޮތް ކަމުގައި ވާނަމަ ނުވަތަ ކުރިއާއި ފަހަތުގައި ވަކިވަކި ދެތަނެއްގެ ނަން އަންނަ ކަމުގައި ވާނަމަ إلىގެ މާނަ ކުރާނީ “ހަމައަށް” ކަމަށެވެ.
މިސާލު1:
ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތެވެ.
ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ (މާނައީ: ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!،)
މިސާލު 2 :
އިސްރާ ސޫރަތުގެ 1 ވަނަ އާޔަތެވެ.
منَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى ، (މާނައީ: المسجد الحرام ން، المسجد الأقصى އަށް )
(ޅ) ވުމާއެކު މިބުނެވުނު އުޞޫލުގެ ދަށުން މިތާގައި ރޯދަ ހިފުން އޮންނާނީ ރޭގަނޑާ ހަމައަށެވެ. ކީރިތި ރަސޫލާގެ މިޢުރާޖު ދަތުރުފުޅު އޮތީ މަސްޖިދުލް އަޤްޞާއާ ހަމަށެވެ.
(ބ) އަދި މިދެންނެވި އުޞޫލުގެ ދަށުން ވުޟޫގެ އާޔަތުގެ ޞައްޙަ މާނައަކީ:
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ
އޭ إيمانވި މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދުކުރާން ޤަޞްދު ކުރާހިނދު ފަހެ، ތިޔަބައ މީހުން ތިމާމެންގެ މޫނު ދޮންނާށެވެ. އަދި އުޅަނބޮށި ކަށްޓާއެކު ތިމާމެންގެ އަތް ދޮންނާށެވެ. އަދި ތިމާމެންގެ ބޮލުން ބަޔަކު ފެން ފުހޭށެވެ! އަދި ދެތަނބި ކަށްޓާ އެކު ތިމާމެންގެ ފައި ދޮންނާށެވެ.
މިތާގައި މާނަ ކުރުމުގައި “އެކުގައި” ގެންނަން ޖެހުނީ إلى އާ ގުޅިފައިވާ އުޅަބޮށީގެ ކުރީގައިވެސް އަދި ފަހަތުގައިވެސް ވަނީ އަތެވެ. ވުމާއެކު الى ގެ މާނަ “ހަމައަށް” ކުރުން ޞައްޙައެއް ނުވާނެއެވެ.
ދެން އޮތީ ހަރު ބަހާއި މަޖާޒީ ބަހުގެ މާނައެވެ. މިވާހަކަ ﷲގެ އިރާދަފުޅާ އެކު ފަހު ލިއުމުގައި ލިޔެވޭތޯ ބަލާނަމެވެ.
ސަރުކާރުން ސިއްކަ ޖެއްސެވި ކީރިތި ޤުރުއާނުގެ ދިވެހި ތަރްޖަމާ (2)