އެމެރިކާގައި ޗައިނާ ޖާސޫސަކަށް ދަޢުވާ ކޮށްފި

ޗައިނާ ސަރުކާރަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ނިއުޔޯކުގައި ޗައިނާ މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ. އުމުރުން 67 އަހަރުގެ ޓާންގް ޔުއަންޖޫން އަކީ، 1989ގައި ޗައިނާއިން ޑިމޮކްރެސީއަށް މަސައްކަތް ކުރި މީހުންނާ ދެކޮޅަށް ދައުވާ ކޮށް ޖަލަށް ލުމުން 8 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު، ޗައިނާއިން ފިލައިގެން، ދިޔަ މީހެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އޭނާއާ ދެކޮޅަށް ކޮށްފައިވާ ދަޢުވާގައި ބުނެފައި ވަނީ އޭނާ އެންމެ ފުރަތަމަ ފަތާފައި ގޮސްފައިވާ އެއިރު ޓައިވާނަށް އެރި ކަމަށެވެ. ފަހުން އޭނާ ޙިމާޔަތް ހޯދައިގެން އެމެރިކާއަށް އެތެރެވީ ކަމަށެވެ.

ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުން 2018 އާއި 2023 އާ ދެމެދު އޭނާ ވަނީ ޗައިނާގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި، “ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ އާއި ސިވިލް އިންޓެލިޖެންސް އެޖެންސީގެ އިރުޝާދުގެ ދަށުން މިޝަންތައް” ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާއަށް ތުހުމަތުކޮށްފައި ވެއެވެ.

ޗައިނާގެ އިރުއުތުރުގެ ޖިލިން ޕްރޮވިންސަށް ނިސްބަތްވާ ޓަންގްއަށް ޗައިނާއިން  20 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. މި ޙުކުމަކީ 1989 ވަނަ އަހަރު ބެއިޖިންގެ ޓިއަނަންމެން މައިދާނުގައި ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރިކަމަށް ބުނެ ކޮށްފައިވާ ދަޢުވާގެ ޙުކުމެކެވެ.

ހިއްސާ ކުރައްވާ!