އާދަޔާ ޚިލާފަށް އިންޓަރނެޓް ލަސްވާ މައްސަލަ ޤައުމީ މައްސަލައަކަށް ވެފައި

ޕާކިސްތާންގައި އިންޓަރނެޓް ލަސްވާތާ މިހާރު 21 ދުވަސްވެއްޖެއެވެ. އެކަމާ ގުޅިގެން މީހުން ދަނީ ޝަކުވާ ކުރަމުންނެވެ. ސަރުކާރުން ބުނަނީ ވަޓްސްއެޕްއާއި އެހެން މީސްމީޑިއާގެ ވަސީލަތްތައް ލަސްވާން މެދުވެފައި ވަނީ އާންމުން އާދަޔާ ޚިލާފަށް ގިނައިން، ވީޕީއެން ބޭނުން ކުރަން ފެށުމުންނެވެ.

މި ކަމާ ދެކޮޅަށް ވާހަކަ ދައްކާ އަމިއްލަ ޖަމުއިއްޔާތަކުން ބުނަނީ، ވީޕިއެން ބޭނުން ކުރުމުގެ ސަގާފަތެއް އާލާވެފައި ވަނީ ޕާކިސްތާން ސަރުކާރުން މަޢުލޫމާތުގެ ރަސްމަގުގައި ރައްޔިތުންނަށް ފާރަލާން ފެށުމުންނެވެ. އަދި ސަރުކާރުން، އެހެން ޤައުމުތަކުގައިވެސް އެކަން އެގޮތަށް ކުރާކަމަށް ވާހަކަ ދައްކައި ދިފާޢުވާން މަސައްކަތް ކުރާއިރު ޕާކިސްތާނު ގައި މީހުން ބުނަމުން ދަނީ އެމީހުންގެ ޤައުމަކީ، ޗައިނާއާއި އުތުރު ކޮރެއާފަދަ ޤައުމެއް ނޫންކަމަށާއި ޕާކިސްތާނުގައި ޢަމަލު ކުރާ ޤާނޫނުއަސާސީއެއް އޮންނަ ކަމަށާއި އަދި ކަރުދާހުގައި ވިއަސް ޕާކިސްތާނަކީ ޑިމޮކްރެސީއެއް ކަމަށެވެ. އެހެންވެ ސަރުކާރުން ރައްޔިތުންނަށް ފާރަ ލައިގެން ނުވާނެ ކަމަށެވެ.

ޕާކިސްތާނުގައި ވަޓްސްއެޕް ލަސްވުމާ ގުޅިގެން މުވާސަލާތީ އިދާރާގެ މަސްއޫލުވެރިންވެސް ޕާލަމެންޓަށް ހާޒިރުކޮށްފައި ވެއެވެ. ޕާކިސްތާނު ސަރުކާރުން، މަޢުލޫމާތުގެ ރަސްމަގުގައި ރައްޔިތުންނަށް ފާރަލާކަން އެނގުނީ އެ ބައްދަލުވުމުގައި މަސްއޫލުވެރިން ދެއްކި ވާހަކަތަކުންނެވެ.

ހިއްސާ ކުރައްވާ!