އިންޑިއާއާއި ސިންގަޕޫރުން ސެމީކޮންޑަކްޓަރ ސިނާޢަތުގައި އެއްބާރުލުން ދެނީ

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ، އިންޑިއާގެ ސެމީކޮންޑަކްޓަރ އިންޑަސްޓްރީ ކުރިއެރުވުމަށް ސިންގަޕޫރާއެކު އެއްބަސްވުމެއް ގައި ސޮއިކުރައްވާފައެވެ. އިންޑިއާ-ސިންގަޕޫރު ސެމީކޮންޑަކްޓަރ އިކޯސިސްޓަމް ޕާޓްނަޝިޕްގެ އަމާޒަކީ އިންޑިއާގައި ތަރައްޤީވަމުން އަންނަ ސެމީކޮންޑަކްޓަރ އިންޑަސްޓްރީއަށް އެހީތެރިވުމުގެ އިތުރުން “ސިންގަޕޫރުގެ ސެމީކޮންޑަކްޓަރ ކުންފުނިތަކާއި ގުޅުންހުރި ސަޕްލައި ޗޭންތަކުގައި ބައިވެރިވާ ފަރާތްތަކަށް އެހީތެރިވެ، މަގުފަހިކޮށްދިނުން” ކަމަށް އިންޑިއާއިން މޮދީގެ ދަތުރާ ގުޅިގެން ނެރެފައިވާ ބަޔާނުގައިވެ އެވެ.

މޯދީ އާއި ސިންގަޕޫރުގެ ބޮޑު ވަޒީރު ލޯރެންސް ވޮންގް އެއްބަސްވެވަޑައިގަތީ، ދުނިޔޭގެ ލޮޖިސްޓިކް މައްސަލަތަކުން ލޮޅުމުގެ އަސަރު ނުކުރާފަދަ ރެސިލިއަންޓް ސެމީކޮންޑަކްޓަރ ސަޕްލައި ޗޭނެއް އެކުލަވާލުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރާށެވެ.

ސިންގަޕޫރުގައި ހުންނެވި ދުވަސްވަރު އިންޑިއާގެ ބޮޑު ވަޒީރު ވަނީ ސެމީކޮންޑަކްޓަރ އަދި އިލެކްޓްރޯނިކްސް ދާއިރާގެ ސިންގަޕޫރުގެ ބޮޑު ކުންފުންޏެއް ކަމަށްވާ އޭއީއެމް އަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މޯދީ ވަނީ ސިންގަޕޫރުގެ އިސް ކުންފުނިތަކުގެ ސީއީއޯއިންނާ ވެސް މަޝްވަރާތައް ބާއްވަވާފައެވެ.

“ސިންގަޕޫރަކީ ހަމައެކަނި އިންޑިއާގެ ބައިވެރިއެއް ނޫން. އެއީ ތަރައްޤީވަމުން އަންނަ ކޮންމެ ގައުމަކަށް ވެސް ޢިބްރަތް ލިބިގަންނާނެ ފަދަ ޤައުމެއް. އަޅުގަނޑުމެންގެ އަމާޒަކީ އިންޑިއާގެ ތެރޭގައި އެތައް ސިންގަޕޫރެއް އުފެއްދުން” މޯދީއާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ބުނެފައިވެ އެވެ.

ދުނިޔޭގެ ސެމީކޮންޑަކްޓަރ މާކެޓުގެ 11 އިންސައްތަ އުފައްދަނީ ސިންގަޕޫރުގައެވެ. އަދި ދުނިޔޭގެ ސެމީކޮންޑަކްޓަރ ހިމެނޭ ސާމާނުގެ 20 އިންސައްތަ އުފައްދަނީވެސް ސިންގަޕޫރުގައެވެ.

އަމިއްލަ ސެމީކޮންޑަކްޓަރ ސިނާޢަތެއް ބިނާކުރުމަށް، އިންޑިއާއިން ދަނީ އެކަމާ ގުޅޭ މަސައްކަތްތައް ވަރުގަދަ ކުރަމުންނެވެ. 2021 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ ބަޖެޓަކާއެކު ރާއްޖޭގައި ސެމީކޮންޑަކްޓަރާއި ޑިސްޕްލޭ އުފެއްދުމުގެ ދާއިރާ ތަރައްޤީ ކުރުމަށް އިންޑިއާ އަމިއްލަ ސެމީކޮންޑަކްޓަރ މިޝަން އިއުލާންކޮށްފައެވެ.

އިންޑިއާގެ ކެބިނެޓުން މި ހަފްތާގެ ކުރީކޮޅު ވަނީ މޯދީގެ އުފަން ސްޓޭޓް ގުޖުރާތުގައި 390 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެން ސެމީކޮންޑަކްޓަރު އުފައްދާ ޔުނިޓެއް ގާއިމް ކުރުމަށް ހުށަހެޅި ހުށަހެޅުމެއް ފާސްކޮށްފަ އެވެ. މި މަޝްރޫޢުގެ ސަބަބުން ގުޖުރާތު، އިންޑިއާގެ ފަސް ވަނަ ބޮޑު ސެމީކޮންޑަކްޓަރުގެ ސިނާޢީ ހަބަކަށް ވާނެ އެވެ.

ސެމީކޮންޑާއާ ބެހޭ އިންޑިއާގެ އަނެއް ބޮޑު މަޝްރޫއެއް އިއުލާން ކޮށްފައި ވަނީ، އިސްރާއީލުގެ ޓަވަރ ސެމީކޮންޑަކްޓަރާއި އިންޑިއާގެ ބިޔަ ކުންފުނި އަދާނީ ގްރޫޕުން ނެވެ. މިއީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢު ކުރިއަށްދާނީ މަހާރާޝްތުރާގައެވެ.

އިންޑިއާއިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ސެމީކޮންޑަކްޓަރ މާކެޓުގެ އަގު 63 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

މިއަހަރުގެ ކުރީކޮޅު ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން، މޯދީ ވަނީ ތިން ވަނަ ދައުރުގައި އިންޑިއާ އަކީ، “ސެމީކޮންޑަކްޓަރުތައް އުފެއްދުމުގެ މަރުކަޒަކަށް” ހައްދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފަ އެވެ.

މިވަގުތު ސެމީކޮންޑަކްޓަރުގެ އެންމެ ފަހުގެ އުފެއްދުންތައް ޑިޒައިންކުރުމާއި، އުފެއްދުމާއި، ވިއްކުމުގައި އިސްކޮށް އުޅެނީ އެމެރިކާ، ދެކުނު ކޮރެއާ، ނެދަލެންޑްސް، ޖަޕާން، ޓައިވާން، އަދި ޗައިނާ ހިމެނޭ ޤައުމުތަކުންނެވެ.

ހިއްސާ ކުރައްވާ!