ޙުސައިން ރަޝީދު އަޙްމަދު
އިމާމު މުސްލިމާއި ބުޚާރީއާއި އެނޫންވެސް ބޭކަލުން ނެރުއްވާފައިވާ ޙަދީޘެކެވެ. (ޙަދީޘު ދިގު ކަމާހުރެ ކުރުކޮށްލުމުގެ ގޮތުން ޢަރަބި ބައި އުނިކޮށްލީއެވެ.) އޭގައި ވަނީ، މާތްﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝާ ޞިއްދީޤާގެކިބައިން ޢުރްވާގެ ކިބައިން ހިޝާމުގެ ކިބައިން ރިވާވެގެން ވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައި ވެއެވެ. އެއްފަހަރަކު ޔަހޫދީ ވަންހައެއް ކަމުގައިވާ ބަނީ ޒުރައިޤު ވަންހައިގެ ޔަހޫދީއަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަވަހާރަކޮށްލުމަށް ސިހުރު ހެއްޖެވެ. މީނާގެ ނަމަކީ ލަބީދު އިބްނި އަޢުޞަމެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. މިސަބަބާހުރެ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނު ކުރެއްވި ކަމެއް ނުކުރަށްވާ ކަމަށް އަދި ނުކުރަށްވާކަމެއް ކުރެއްވިހެން ހީފުޅުވެ ވަޑައިގަންނަވައެވެ. މިޙާލަތުގައި 6 މަސްދުވަސް ވެއަތުވިއެވެ. އެންމެފަހުން (މިކަން ބޮޑުވެގެން) އެއްރެއަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުޢާ ކުރެއްވިއެވެ. ތިންފަހަރު މަތިން ދުޢާ ކުރަށްވައި ﷲގެ ޙަޟުރަތުގައި ދެންނެވިއެވެ. ދެން ތިމަންކަމަނާގެ ގާތު ވިދާޅުވިއެވެ. އޭ ޢާއިޝާއެވެ! އެނގޭހެއްޔެވެ؟ މާތްﷲ ތިމަން ކަލޭގެފާނު އެދިދެންނެވި މައްސަލައާމެދު ގޮތް ދައްކުވައިފިއެވެ. ތިމަންކަލޭގެފާނު އޮށޯވެވަޑައިގެން އޮންނަވަނިކޮށް އަރިހަށް ދެމީހަކުއައެވެ. (އެއީ ދެމަލާއިކަތުންނެވެ.) އެކަކު އިސްތަށިފުޅާވީކޮޅުގައި އިށީނދެއްޖެއެވެ. އަނެކަކު ފައިންޕުޅާ ވީކޮޅުގައި އިށީނދެއްޖެއެވެ. އަދި އިސްތަށިފުޅު ދޮށުގައިއިންމީހާ އަނެއްމީހާގެގާތުން އެއްސެވެ. މިމީހާގެ ބައްޔަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި ދެވަނަ މީހާ ބުންނެވެ. އެއީ ސިހުރުވެރިކަމެކެވެ. ފުރަތަމަ މީހާ އެއްސެވެ. އޭނާއަށް ސިހުރު ހެދީ ކާކުހެއްޔެވެ؟ ދެވަނަ މީހާ ބުންނެވެ. އެއީ ލަބީދު އިބްނި އަޢުޞަމު ކިޔާ މީހެކެވެ. ފުރަތަމަ މީހާ އެއްސެވެ. ސިހުރު ހެދީ ކޮން އެއްޗަކުން ހެއްޔެވެ؟ އޭނާ ބުންޏެވެ. ފުނައަކާއި ފުނައިން ފޭބި އިސްތަށްޓަކުންނެވެ. ދެން ބޭނުންކުރީ ފިރިހެންވަންތަ ކަދުރު ރުކެއްގެ ހިކި ފުޅަފިގަނޑެކެވެ. ފުރަތަމަ މީހާ އެއްސެވެ. މިހާރު މިއެއްޗެހި ކޮބައިބާއެވެ! އަނެކަކު ބުންޏެވެ. އެސިހުރުވަނީ (މަދީނާގެ ވަޅެއް ކަމުގައިވާ) ޒަރުވާން ވަޅުތެރޭގައެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައި ވެއެވެ. ދެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަޅު ދޮށަށް ވަޑައިގަތެވެ. އަރިހުގައި ބައެއް އަޞްޙާބު ބޭކަލުންވެސް ގެންދެވިއެވެ. (ވާހަކަފުޅު ކިޔައި ދެއްވަމުން ކީރިތި ރަސޫލާ ޙަދީޘުކުރެއްވިއެވެ.) ޢާއިޝާއެވެ! އެނގޭހެއްޔެވެ؟ ތެދުތެދަށް ވިދާޅުވަމެވެ. ތިމަންމެން ދިޔައިރު އެވަޅުގެ ފެންގަނޑު ހީވަނީ ހީނާފަތު ދިޔަހެންނެވެ. މުޅި ކަދުރު ރުއްދަނޑުގެ ރުއްތައް ހުރީ ޖިއްނި ޝައިޠާނުންގެ ބޯތަކެއްހެން ބިރުވެރި ގޮތަކަށެވެ. ޢާއިޝާ ވިދާޅުވެފައިވެއެވެ. ދެން ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އެސިހުރުގެ އެއްޗެހި ވަޅުންނެރެ އަންދާނުލެއްވީ ކީއްވެތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެގޮތަށް ނުހެއްދެވީ މާތް ﷲ ތިމަން ކަލޭގެފާނު އެކަމުން ސަލާމަތް ކުރަށްވައި ދުޅަހެއުކަން ދެއްވާފައިވާތީއާއި (އެގޮތަށް ކަންތައް ކުރުމުން) މީސްތަކުންގެ މެދުގައި ފަސާދައަށް މަގުކޮށިދާނެތީއެވެ. އެހެންކަމުންއެގޮތް ތިމަންކަލޭގެފާނަށް ކަމުނުދިޔައީއެވެ. އަދި ތިމަން ކަލޭގެފާނުންގެ އަމުރުފުޅަށް އެއެއްޗެއްސާއެކު ވަޅަށް ފަސްއަޅައި ވަޅު ފަސްލެވުނީއެވެ.
މިޙަދީޘުގެ ދޭހައާއި ޙަދީޘުން ނެރެވޭ މައްސަލަތައް:
- ސިހުރު:
ސިހުރަކީ ޝައިޠާނާއާއި އެނޫންވެސް ﷲ ނޫން ފަރާތަކަށް އަޅުކަންކޮށް އެފަރާތަކުން އެހީތެރިކަން ލިބިގަނެ ލިޔާލިއުންތަކާއި ކިޔަވާ ކިޔެވުންތަކާއި ކުރާކަންތައްތައް އެކުލެވޭ ނުބައި ރުޤްޔާއާއި ފަންޑިތައެވެ. އެހެންކަމުން ސިހުރަކީ ޙަޤީޤަތެކެވެ. އެއިގެ ޛަރީޢާއިން މީހާގެ ހަށިގަނޑަށާއި ގުނަންތަކަށް އަސަރުކޮށްފާނެއެވެ. ފުރާނަވެސް ހިނގައިދާނެއެވެ. މީހުންނަށާއި އެއްޗެއްސަށާއި ތަންތަނަށް ވެސް ގެއްލުން ދެވިދާނެއެވެ.
- ޖާދޫއަކީ ކޮބައިކަމާއި ޖާދޫގެ ޙުކުމް:
ޖާދޫ އަކީ ތިމާގެ ކުޅަދާނަކަމުން އެހެން މީހުންގެ ސަމާލުކަން ދަމައިގަތުމުގެ ގޮތުން ތިމާގެ ކިބައިގައި ހުންނަ ހުނަރުވެރިކަމެއް ހުށަހަޅައިގެން އެހެން މީހުން އޮޅުވާލުމަށް ކުރާ ކަމެކެވެ. މިއީ ޙަޤީޤަތެއް ނޫނެވެ. ގިނަފަހަރު މިކަމުގައި އޮންނަނީ އޮޅުވާލުމާއި މަކަރެވެ. މިއަށްވެސް ޢަރަބިބަހުގައި ކިޔަނީ ސިހުރެވެ. މިއީ އަޅުގަނޑުމެން ދިވެހިބަހުން ކިޔައިއުޅޭ ސިހުރެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވަނީ މިއީ ހުއްދަ އެއްޗެއް ކަމަށެވެ. މިސާލަކަށް މޮޅު ވާހަކަ ދެއްކުންތެރިއެއްގެ ވާހަކައިގައި ޖާދޫ ހުންނަ ފަދައިންނެވެ. އެހެންނަމަވެސް މިފަދަ ޖާދޫތަކަކީ އޭގައި މަކަރާއި ޙީލަތް ހިމެނޭ ކަންކަން ކަމުގައިވާތީ އެކަމުން ދުރުހެލިވުމަށް ބައެއް ޢިލްމުވެރިން އިރްޝާދު ދެއްވާފައި ވެއެވެ. އަދި ބައެއް ޢިލްމުވެރިން ޙަރާމް ކަމެއްކަމުގައިވެސް ވިދާޅުވެއެވެ. އިމާމު ނަވަވީ އައްރައުޟާގައި ޞަރީޙަ ބަސްފުޅުން އެކަން ޙަރާމް ކުރަށްވާފައި ވާކަމަށް ތަފްސީރު އާލޫސީގައި ޢައްލާމާ ޝިހާބުއްދީން ވިދާޅުވެފައި ވެއެވެ.
- ސިހުރާމެދު ސަލަފުގެ ދަންނަބޭކަލުންގެ މަޛްހަބު:
އިމާމު ނަވަވީ ވިދާޅުވެފައި ވަނީ އިމާމު އަލްމާޒިރީ ވިދާޅުވާ ގޮތުގައި އަހްލުއް ސުއްނާއާއި އުއްމަތުގެ ޖުމްހޫރު ދަންނަބޭކަލުން ބުރަވެ ވަޑައިގަންނަވާ ގޮތުގައި ސިހުރަކީ ސާބިތު އެއްޗެއް ކަމާއި ސާބިތު އެހެނިހެން އެއްޗެހި ޙަޤީޤަތަކަށް ވާފަދައިން ސިހުރަކީވެސް އޭގައި ޙަޤީޤަތް އެކުލެވޭ މަޙްސޫސު ކަމެކެވެ. ނަމަވެސް މިކަމުގެ ޙަޤީޤަތާމެދު ބައެއްބޭކަލުން ވަނީ އިންކާރު ކުރަށްވާފައެވެ. ނަވަވީވިދާޅުވަނީ މިބޭކަލުންކުރަށްވާ އިންކާރަކީ ދެކޮޅުނުޖެހޭ ބާޠިލްއެއްޗެއް ކަމަށެވެ. ސިހުރާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައި ހުރި ނައްޞުތަކުން އެކަން ސާފުކޮށް އެނގެއެވެ. އަދި މިޙަދީޘަކީވެސް އެކަމުގައި ހުރި ފާޅުވެގެން ހުރި ޙުއްޖަތެކެވެ. އަދި ޔަހޫދީކަލޭގެ ކީރިތިރަސޫލާގެ ހަށިކޮޅަށް ގެއްލުން ދިނުމުގެ ގޮތުން ހެދި ސިހުރުގެ އެއްޗެއްސާއި އެތަކެތި ވަޅުގެ ތެރޭގައި ވަޅުލާފައިވާކަމާއި ވަޅުތެރޭން އެތަކެތި ކޮނެނެގިކަމާއި އޭގެ ފަހުން އެއެއްޗެއްސާއެކު ވަޅު ފަސްއަޅައި ވަޅުލިކަމާއި މިއެންމެހައި ކަންކަމަކުން ސިހުރުގެ ޙަޤީޤަތް ސާފުވެއެވެ. ކޮންމެއަކަސް އިމާމު ނަވަވީގެ މިބަސްފުޅުތަކުން އެނގެނީ އެކަލޭގެފާނު ސިހުރާއި ޖާދޫއާ ދެކަމުގައި ތަފާތެއް ނުކުރަށްވާ ކަމެވެ.
- ސިހުރުގެ ޙުކުމް:
މައްސަލައިގެ ފިޤުހީ ހުކުމަށް ބަލާއިރު ސިހުރު ހެދުމަކީ ޙަރާމް ކަމެކެވެ. އަދި އިޖްމާ އެއްބަސްވާ ގޮތުގައި ސިހުރުހެދުމަކީ ބޮޑު ފާފައެކެވެ. އަދި އެކަން ކުރުމުގެ ތެރޭގައި ކުފުރުގެ ކަމެއް ކޮށްފިނަމަ އޭނާ މުސްލިމަކަށް ވެއްޖެއްޔާ ކާފިރުވާނެއެވެ. ނޫންނަމަ ސިހުރު ހެދުމަކުން މީހާ ކާފިރެއް ނުވާނެއެވެ. އަދި މިފަދަ ޙާލަތެއްގައި އިސްލާމީ ވެރިކަމެއްއޮތް ތަނެއްގައިނަމަ އޭނާ ތަޢުޒީރުކުރަން ވާނެއެވެ. އަދި އޭނާއަށް ތައުބާވުމަށް ޝަރީޢަތުން އަންގަން ވާނެއެވެ. އޭނާގެ ބޮލުގައި މީހެއްގެ މަރު ނޭޅާހާ ހިނދަކު އޭނާ ޤަތުލުކުރުން އިމާމު އަބޫ ޙަނީފާއާއި އަހަރެމެން ޝާފިޢީ މަޛްހަބުގައި ހުއްދައެއް ނުވާނެއެވެ. މިގޮތުން އޭނާ ތައުބާ ވެއްޖެނަމަ އޭނާގެ ތައުބާ ޤަބޫލު ކުރެއްވެވޭނެއެވެ. މިހެނީ އަހަރެމެންގެގާތުގައި މުނާފިޤާއާއި ޒިންދީޤުވެސް ތައުބާވުމުން އޭނާގެ ތައުބާވެސް ޤަބޫލުރެއްވެވެއެވެ. އިމާމު މާލިކުގެ އަރިގައި އޭނާއަކީ ކާފިރެކެވެ. ތައުބާ ޤަބޫލެއް ނުވާނެއެވެ. އަދި އޭނާގެ ޙުކުމަކީ ޤަތުލު ކުރުމެވެ. އިމާމު އަހްމަދުގެ މަޛްހަބަކީވެސް މިއީއެވެ. އަދި މިއީ ބައެއްއަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންގެވެސް މަޛްހަބެވެ. އެހެންނަމަވެސް އަހަރެމެންގެ ދަންނަބޭކަލުން ވިދާޅުވާގޮތުގައި ސިހުރުވެރިޔާގެ އިޢުތިރާފުން އޭނާ މީހަކު މަރަން ސިހުރު ހެދިކަމާއި އެމީހާ މަރުވީ އޭނާގެ ސިހުރުންކަމަށް އޭނާ އެއްބަސް ވެއްޖެނަމަ އޭނާ މަރަށް މަރުހިފަން ޖެހޭނެއެވެ. ނޫންނަމަ މެރުމެއް ނޯވެއެވެ. މިއީ އަހަރެމެންގެ މަޛްހަބުގެ އިތުރުން ބައެއް އެނޫން ޢިލްމުވެރިންގެ ވެސް މަޛްހަބެވެ.
- ކީރިތި ރަސޫލާ ނެތިކޮށްލަން ސިހުރު ހެދުން:
މިއީ ބޮޑު ޚިލާފެއް އޮތް މައްސަލައެކެވެ. ބުޚާރީއާއި މުސްލިމުގައި އަންނަނީ ޢާއިޝަތުގެފާނުންގެ އަރިހުން އައިސްފައިވާ ރިވާޔަތެކެވެ. ދެން ޒައިދު އިބްނި އަރްޤަމްގެ ކިބައިންނާއި އިބްނި ޢައްބާސްގެ ކިބައިންވެސް މިއާމެދު ޙަދީޘު ވާރިދުވެގެން ވެއެވެ. ޢިލްމުވެރިން ވިދާޅުވަނީ އިބްނި ޢައްބާސްގެ ކިބައިން އައިސްފައިވާ ރިވާޔަތް ޟަޢީފު ކަމަށެވެ. ޒައިދުގެ ކިބައިން އައިސްފައިވާ ރިވާޔަތްތައްވެސް އިމާމު ޙާކިމު ގެންނެވި އެއް ރިވާޔަތް ފިޔަވައި އެހެން ހުރިހައި ރިވާޔަތްތައް ޟަޢީފު ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މިބުނެވުނު ރިވާޔަތް މިބަޙުޘުގެ ފަހުކޮޅުގައި ބަޔާންކުރާނަމެވެ.
- ކީރިތި ރަސޫލާއަށް އާދަޔާ ޚިލާފު ކަންކަން ކުރެއްވެވުނުކަމަށް ހީފުޅުވެ ވަޑައިގަތުން:
ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން ކީރިތިރަސޫލާ ނުކުރަށްވާކަމެއް ކުރެއްވިކަމަށް ހީފުޅު ކުރެއްވައެވެ. މިސާލަކަށް އަނބިކަނބަލެއްގެ އަރިހަށް ވަޑައިނުގަންނަވާ ޙާލު އެކަމަނާގެ އަރިހަށް ވަޑައިގަތް ކަމަށް ހީފުޅުވެވަޑައިގަންނަވައެވެ. މިއީ ކަނޑައެޅިގެން ނަބީކަމާ ފުށުއަރާ ކަމެކެވެ. ޖަވާބުގައި ނަވަވީ ވިދާޅުވަނީ ނަބީބޭކަލުން އާލާސްކަންފުޅާ ކުރިމަތިވެ ވަޑައިގަންނަވާ ކަމީ އިސްލާމީ އުއްމަތް އެއްބަސްވާ ކަމެއް ކަމަށެވެ. މިގޮތުން ވިހަވެ ވަޑައިގަތުމާއި ޒަޚަމުވެ ވަޑައިގަތުމާއި އަވަހާރަވުމާއި މިފަދަ އެންމެހައި ކަންކަމާ ކުރިމަތިވެ ވަޑައިގަންނަވާ ފަދައިން ސިހުރުވެސް ޖެހިވަޑައިގެންފާނެ ކަމަށެވެ. އެހެންކަމުން އެފަދަ ކަމަކާ އެކަލޭގެފާނާ ކުރިމަތިފުޅުވެ ވަޑައިގެންފިނަމަ އެހިނދުން އެހިނދަށް މާތް ﷲ އިތުރު އެކަލޭގެފާނަށް އެކަން އަންގަވައި ވަގުތުން އެކަލޭގެފާނު އެކަމުން ސަލާމަތް ކުރަށްވާނެއެވެ.
- ކީރިތި ރަސޫލާއަށް ސިހުރުގެ އަސަރު ކުރިމިންވަރު:
އިމާމު ޤާޟީ ޢިޔާޟު ވިދާޅުވެފައި ވެއެވެ. މިޙަދީޘުގެ ތަފާތު ރިވާޔަތްތަކަށް ބަލާއިރުވެސް ކީރިތި ރަސޫލާއަށް ސިޙުރުން އަސަރުކުރިކަން އެނގެއެވެ. އެހެންނަމަވެސް އަސަރު ކޮށްފައި ވަނީ އެކަލޭގެފާނުންގެ ހަށިކޮޅަށާއި ގުނަވަންކޮޅުތަކަށް އެކަންޏެވެ. ހިތްޕުޅަށާއި ސިކުނޑިފުޅަށް އަދި ބުއްދި ފުޅަކަށް އެއިން އެއްވެސް އަސަރެއް ކޮށްފައި ނުވެއެވެ. މިއަކުން ކުޑަ ހިނދުކޮޅަކަށް ވިއަސް ރަސޫލު ކަމަށް ކިލަނބުކަމެއް އަންނާކަށް ނުޖެހެވެ. އަދި އެފަދަ ކަމެއް ދިމާވެފައި ވެސް ނުވެއެވެ.
- ކީރިތި ރަސޫލާއަށް ސިހުރު ހަދާފައި ހުރިގޮތް:
އަލްޙާފިޡު އިބްނި ޙަޖަރު ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ އަރިހުން ރިވާ ވެގެން ވެއެވެ. މިބައިމީހުން ސިހުރު ހެދިއިރު އޭގައި އެގާރަ ގޮށް ޖަހާފައި ހުއްޓެވެ. ދެން ޖިބްރީލުގެފާނު ވަޑައިގެން ފަލަޤިނާސި ދެ ސޫރަތް ކީރިތި ރަސޫލާގެ މައްޗަށް ބާވައި ލައްވައި އެގޮށްތައް ރޫޅުއްވަވަމުން ކޮންމެ ގޮށަކަށް އާޔަތެއް ކިޔަވައި ވިދާޅުވާން އެންގެވިއެވެ. މިޙަދީޘް ރިވާކުރެއްވީ އިމާމު ބައިހަޤީއެވެ. އެކަލޭގެފާނު ވިދާޅުވަނީ މިރިވާޔަތް ޟަޢީފު ކަމަށެވެ. ހަމައެހެންމެ އިބްނި ސަޢުދު އެހެން ސަނަދަކުން އިބްނި ޢައްބާސްގެ އަރިހުން ރިވާކުރެއްވިއެވެ. (މިއީ މުންޤަޠިޢު ރިވާޔަތެކެވެ.) އޭގައިވަނީ ކީރިތި ރަސޫލާ މިސިޙުރުތައް ނެގުމަށްޓަކައި ފޮނުއްވީ ޢަލީގެފާނާއި ޢައްމާރުގެފާނު ކަމަށެވެ. އެދެބޭކަލުން ވަޑައިގެން ސިޙުރުތައް ހޯއްދަވައި ބެއްލެވިއިރު އެއްކަލަ ފުޅަފި ގަނޑާއެއްކޮށް އެގާރަ ގޮށް ޖަހާފައި ހުއްޓެވެ. މި ދެސޫރަތުގައިވެސް ވަނީ އެގާރައާޔަތެވެ. ކޮންމެ އާޔަތެއް ކިޔަވާ ވިދާޅުވުމާއެކު ގޮށެއް ދިޔައީ މުހެމުންނެވެ. ދެސޫރަތް ކިޔަވާ ވިދާޅުވެ ނިމިވަޑައިގަތްއިރު ހުރިހާ ގޮށްތައް މޮހިގެން ދިޔައީއެވެ. (އަލްފަތުޙު: 10/233)
- ސިހުރު ބާޠިލްކުރެވުނު ގޮތް:
ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުގައި އެބައިމީހުން އިތުރު އެކަލޭގެފާނުންގެ ސޫރަފުޅާ އެއްގޮތަށް އުށުން ބުދެއް ހަދާފައިވެއެވެ. އަދި 11 ތިނޫހެއްގައި މަޅިޖަހައި އެގޮށްތަކަށް ސިހުރަށް ކިޔަވާފައި ހުއްޓެވެ. މިގޮށްތަކުން ސިހުރު ނަތްތާލެވުނީ ކޮންމެ ގޮށެއް މޮހެމުން އާޔަތެއް ކިޔަވަމުން ގޮސް ސޫރަތްތައް ނިންމައި ސިހުރު ބާޠިލް ކުރުމުންނެވެ. (އަލްފަތުޙު:10/241)
- ކީރިތި ރަސޫލާއަށް ސިރުހު ހެދި ދުވަސްވަރު:
އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ، މުރްސަލް ރިވާޔަތަކުން ސާބިތުވާ ގޮތުގައި އިމާމު ވާޤިދީ އިބްނި ސަޢުދުގެ ސަނަދުން ރިވާކުރައްވާފައި ވެއެވެ. އޭގައި ވަނީ މިބައިމީހުން ސިހުރު ހެދިކަމަށް ވަނީ ހިޖުރައިން ހަތް ވަނަ އަހަރު ޙުދައިބިއްޔާ ޞުލްޙައަށް ފަހު ޙައްޖު މަހާއި މުޙައްރަމް މަހާއި ދެމެދުގައި ކަމަށެވެ. ބައެއް ރިވާޔަތުގައި އަންނަނީ އެކަން ހިނގީ ހިޖުރައިން ނުވައެއްގައި ކަމަށެވެ. ރިވާޔަތްތަކުގައި އަންނަގޮތުގައި ސާޅީސް ދުވަހުގެ މުއްދަތައް ކީރިތި ރަސޫލާގެ ހަށިކޮޅުގައި ސިހުރު ހުރިކަމަށް ވެއެވެ. އަނެއްބައި ރިވާޔަތުގައި އަންނަނީ އެތަކްލީފުތަކުގައި ކީރިތި ރަސޫލާ ހަ މަސް ދުވަސްވަންދެން އުޅުއްވި ކަމަށެވެ. އިމާމު އިބްނި ޙަޖަރު ޤާޟީ އިޔާޟުގެ އަރިހުން ނަގުލު ކުރަށްވާފައިވަނީ ހަމަސް ދުވަސް ވަންދެން ސިހުރު ދެމިއޮތް ކަމަށާއި އެހެނަސް އެންމެ ބޮޑަށް އިތުރު އެކަލޭގެފާނަށް އެއިން އުނދަގޫފުޅުވީ ސާޅީސް ދުވަސް ވަންދެން ކަމަށެވެ. (އަލްފަތުޙު: 10/238)
- ކީރިތި ރަސޫލައަށް ސިހުރު ޖެހިވަޑައިގެންފާނެބާ!
މިހާރު އުފެދޭ ސުވާލަކީ ޙަޤީޤަތުގައިވެސް ކީރިތި ރަސޫލާއަށް ސިޙުރު ޖެހިވަޑައިގެންފާނެ ބާއެވެ. މިމައްސަލައަށް ބަލައިލާއިރު ފެންނާންހުރީ ސަނަދުގެގޮތުން ޞައްޙަ ޙަދީޘުތަކެވެ. އެހެނަސް ސިހުރު ޖެހިވަޑައިގަތުމަކީ ރަސޫލުބޭކަލުންނަށް ދުނިޔަވީ އާއްމު އާލާސްކަންފުޅާ ކުރިމަތިފުޅު ކުރިމަތި ވެދާފަދައިން ޖެހިދާނެ ކަމެއްކަމަށް އެހާ ފަސޭހައިން އަދި ޤަބޫލު ކުރެވޭކަށް ނެތެވެ. ޤާޟީ ޢިޔާޟާއި ނަވަވީއާއި އިމާމު މާޒިރީ ފަދަ ބޭކަލުން ވިދާޅުވަނީ މިއީ ހަމައެކަނި އިތުރު އެކަލޭގެފާނުންގެ ހަށިކޮޅަށް އައި ބަދަލެއް ކަމަށާއި ސިކުނޑިފުޅަށް އެއިން އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވެވޭ ވަޙީއަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.
ޖުމްހޫރު ދަންނަބޭކަލުންނާއި ދީނުގެ ބޮޑެތި ދަންނަބޭކަލުންގެ ރައުޔަކީ ވެސް މިއީއެވެ. ޝައްކެއްނެތް ގޮތުގައި ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ރައުޔަށް އިޙްތިރާމް ކުރަންޖެހެއެވެ. އެހެނަސް ރައުޔު ވާނީ ރައުޔަށެވެ. އެއީ ދަލީލެއް ނުވަތަ ޙުއްޖަތެއް ނޫނެވެ. އަދި ކީރިތި ރަސޫލާއަށް ސިހުރު ޖެހިވަޑައިގެން އެކަލޭގެފާނުންގެ އަނބިކަނބަލުންގެ ގާތުގައި ރޭކުރަށްވާފައި ރޭނުކުރަށްވާކަމަށް ހީފުޅުކުރެއްވުމާއި ނުވަތަ އެކަން ނުކުރަށްވާއިރު ކުރެއްވި ކަމަށް ހީފުޅުކުރެއްވުމާއި ނުކުރަށްވާ އެތަކެއް ކަމެއް ކުރެއްވިކަމަށް ހީފުޅުކުރެއްވުމާއި ނުވަތަ ކުރެއްވި ކަންކަން ނުކުރަށްވާކަމަށް ހީފުޅުކުރެއްވުމާއި މިކަންކަމަކީ ކިތަންމެ ބޮޑު ދަންނަބޭކަލަކު ވިދާޅުވިއަސް އެއީ ހަމައެކަނި ހަށިކޮޅަށް އައި ބަދަލެއް ކަމުގައި ޤަބޫލު ނުކުރެވެއެވެ. އަދި އެރިވާޔަތްތަކުގައި އެބުނަނީ ތެދެއްކަމުގައި ވާނަމަ އެބަދަލަކީ ސީދާ ސިކުނޑިފުޅަށް އައިސްފައިހުރި ބަދަލުތަކެވެ. އެއީވެސް ކުޑަހިނދުކޮޅަކަށްވެސް ނޫނެވެ. ހަމަސް ދުވަހުގެ ދިގު މުއްދަތަކަށެވެ.
އެހެންކަމުން ޖުމްހޫރު ދަންނަބޭކަލުންގެ މިބަސްފުޅު ޤަބޫލުކުރަން އަޅުގަނޑަށް ވަރަށް ދަތިވިއެވެ. ސަބަބަކީ މިއީ ޢަޤީދާގެ މައްސަލައަކަށް ވާތީއެވެ. އަދި ހަނދުމަފުޅު ނެތުމާއި އޮޅިވަޑައިގަތުމާއި ކުރަށްވާ ކަންކަން ފުށުއެރުމާއި މިކަންކަމަކީ ރަސޫލެއްގެ ޝާނާއި ޚިލާފު ކަންކަމަށްވާތީއެވެ. އަދި މިޙަދީޘުގައި މިވާ ވާހަކަތައް ތެދު ކަމުގައިވާނަމަ އެވާހަކަތައް ކީރިތި ޤުރުއާނުގެ އެތަކެއް އާޔަތަކާ ފުށުއަރާތީވެސް މެއެވެ.
މާތް ﷲ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި މުޝްރިކުން ކީރިތި ރަސޫލާގެ އިސްތަށިފުޅުގައި އަޅުވާފައިވާ ސިހުރުގެ އިލްޒާމު ބަޔާންކުރަށްވައި އެއަށް ރައްދުދެއްވާފައި އެބަހުއްޓެވެ. ކީރިތި ޤުރުއާނުގެ އެގާރަ ތަނެއްގައި މުޝްރިކުންގެ މިބަސް ]إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ[ ނަގުލު ކުރަށްވާފައި ވެއެވެ. (މާނައީ: މުޝްރިކުން އެބަބުނެއެވެ. ތިޔަ ފޮތަކީ ޝައްކެއްނެތް ގޮތުގައި ސާފުސީދާ ސިހުރެކެވެ.) ހަމައެގޮތަށް އެބައިމީހުން ކީރިތި ރަސޫލާގެ އިސްތަށިފުޅުގައި ސިހުރުގެ އިލްޒާމު އަޅުވާފައިވާ ވެއެވެ. އެވާހަކަވެސް ދެފަހަރެއްގެ މަތިން ކީރިތި ޤުރުއާނުގައި ބަޔާންވެގެން ވެއެވެ.
އިސްރާ ސޫރަތުގައި ވަޙީކުރަށްވާފައި ވެއެވެ. ]إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا[ ﴿٤٧﴾ އަދި ފުރުޤާން ސޫރަތުގައި ވަޙީކުރަށްވާފައި ވެއެވެ. ]وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا[ ﴿٨﴾ (މާނައީ: މައްކާގެ މުޝްރިކުން އެބަބުނެއެވެ. އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން ތިޔަ ދަނީ ސިހުރު ޖެހިފައިހުރި ސިކުނޑި ހަމަނުޖެހޭ މީހެއްގެ ފަހަތުންނެވެ.)
- މައްސަލަ ހޯދައިބެލުމަށް އިތުރު ތަޙްޤީޤަކަށް ބޭނުންވިއެވެ.
މިކަންކަމާހުރެ އަޅުގަނޑަށް ޖެހުނީ ބަޔާންވެދިޔަ ޙަދީޘުތައް ލޯމަރާލައިގެން ޤަބޫލު ކުރުމުގެ ބަދަލުގައި މިމައްސަލައާމެދު އިތުރު ތަޙްޤީޤެއް ކުރުމަށެވެ. އިހުގެ ފަތްފުށްތަކާއި ފަހުގެ ފޮތްތަކުންނެވެ. ތިރީގައި ބައެއް ބޭކަލުންގެ ބަސްފުޅުތައް ޚުލާޞާކޮށް ގެނެސްދޭނަމެވެ.
(ހ) މުޢުތަޒިލީންނާއި ޚަވާރިޖުން:
މިމައްސަލާގައި މުޢުތަޒިލީންނާއި ޚަވާރިޖުން ސީދާ މިޙަދީޘާ އިންކާރުކުރީއެވެ. މުޢުތަޒިލީންގެ މަޝްހޫރު އިމާމެއް ކަމުގައިވާ އިމާމު އަބޫ ބަކުރު އަލްއަޞައްމު (ދިރިއުޅުއްވީ201ހ- 279) ވިދާޅުވަނީ މިޙަދީޘަކީ މުންކަރު ޙަދީޘެއް ކަމަށެވެ. މިއަށް ޖުމްހޫރު ދަންނަބޭކަލުންވަނީ ހޫނު ރައްދެއް ދެއްވާފައެވެ. އިމާމު އަލްމާޒިރީ ވިދާޅުވެފައި ވެއެވެ. ބިދުޢަވެރިން ވަނީ މިޙަދީޘު ދޮގުކޮށްފައެވެ. އަދި އެބައިމީހުން ދެކޭގޮތުގައި މިއީ ނަބީކަމާ ފުށުއަރައި އޭގެ ޞައްޙަ ކަމާމެދު ޝައްކު އުފައްދައިދޭ ކަމެކެވެ. ދެން ވަރަށް ދިގުކޮށް ލިއުއްވުމަށްފަހު މާޒިރީ ވިދާޅުވެފައި ވަނީ މިއެންމެހައި ވާހަކަތަކަކީ ރައްދުކުރެވޭ ބާޠިލް ވާހަކަތަކެވެ. އެއަށްފަހު އިމާމު މާޒިރީ ވަނީ އެސިޙުރަކީ ކީރިތި ރަސޫލާގެ ހަށިކޮޅަށް އަސަރުކުރުވި އެއްޗެއް ކަމަށާއި އެއަކުން ރަސޫލާގެ ސިކުނޑުފުޅަކަށް އަސަރެއްކޮށްފައި ނުވާކަމަށްވިދާޅުވެ ނިންމަވާލައްވާފައެވެ. (އަލްފަތުޙު: 10/223)
(ށ) އިމާމު ޖައްޞާޞްގެ ބަސްފުޅު:
ޙަނަފީ މަޛްހަބުގެ މަޝްހޫރު އިމާމެއްކަމުގައިވާ އިމާމު އަބޫބަކުރު އައްރާޒީ އަލްޖައްޞާޞް (ދިރިއުޅުއްވީ 305 – 370) އެކަލޭގެފާނުންގެ ތަފްސީރު ފޮތް އަޙްކާމުލް ޤުރްއާނުގެ 1/59 ގައި ވިދާޅުވެފައި ވެއެވެ. މިތާގައި ޙައިރާންވާން ޖެހޭކަމަކީ ބައެއް ޢިލްމުވެރިން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ސިޙުރު ޖެހިވަޑައިގަތް ކަމަށާއި އޭގެ ސަބަބުން އެކަލޭގެފާނު ނުކުރަށްވާ ކަންކަން ކުރެއްވި ކަމަށާއި ވިދާޅުނުވާން ބޭނުންފުޅު ބަސްފުޅުތައް ވިދާޅުވެވުނު ކަމަށާއި ޔަހޫދީއަކު އެކަލޭގެފާނަށް ސިހުރު ހެދި ކަމަށާއި އެންމެފަހުން އެކަމުގެ ޚަބަރު ދެއްވައި އެވަޅުން އެތަކެތި ނެރުމުން ދެން ރަސޫލާގެ ހަށިކޮޅުން ސިހުރުގެ އަސަރު ފިލައިގެން ދިޔައީކަމަށެވެ. މިކަމަކީ މައްކާގެ މުޝްރިކުން މާކުރީއްސުރެން އެކަލޭގެފާނުންގެ އިސްތަށިފުޅުގައި އަޅުވަމުންދިޔަ އިލްޒާމެކެވެ. އެކަން ދޮގުކުރެއްވުމާއެކު އެމީހުންގެ ބަސް މާތް ﷲ ކީރިތި ޤުރުއާނުގައި ގެންނަވާފައިވަނީ މިފަދައިންނެވެ. ]وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴿٨﴾ މާނައީ: މައްކާގެ މުޝްރިކުން އެބަބުނެއެވެ. އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން ތިޔަ ދަނީ ސިހުރު ޖެހިފައިހުރި ސިކުނޑި ހަމަނުޖެހޭ މީހެއްގެ ފަހަތުންނެވެ.
އެއަށްފަހު އިމާމު ޖައްޞާޞް ވިދާޅުވެފައި ވެއެވެ. ]مِثْلُ هَذِهِ الْأَخْبَارِ مِنْ وَضْعِ الْمُلْحِدِينَ تَلَعُّبًا بِالْحَشْوِ الطَّغَامِ وَاسْتِجْرَارًا لَهُمْ إلَى الْقَوْلِ بِإِبْطَالِ مُعْجِزَاتِ الْأَنْبِيَاءِ عَلَيْهِمْ السَّلَامُ وَالْقَدْحِ فِيهَا وَأَنَّهُ لَا فَرْقَ بَيْنَ مُعْجِزَات الْأَنْبِيَاءِ وَفِعْلِ السَّحَرَةِ وَأَنَّ جَمِيعَهُ مِنْ نَوْعٍ وَاحِدٍ وَالْعَجَبُ مِمَّنْ يَجْمَعُ بَيْنَ تَصْدِيقِ الْأَنْبِيَاءِ عَلَيْهِمْ السَّلَامُ وَإِثْبَاتِ مُعْجِزَاتِهِمْ وَبَيْنَ التَّصْدِيقِ بِمِثْلِ هَذَا مِنْ فِعْلِ السَّحَرَةِ مَعَ قَوْله تَعَالَى ]وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى[ فَصَدَّقَ هَؤُلَاءِ مَنْ كَذَّبَهُ اللَّهُ وَأَخْبَرَ بِبُطْلَانِ دَعْوَاهُ وَانْتِحَالِهِ[ މާނަ: “ކުރީގައި ބަޔާންވެދިޔަ ފަދަ ޙަދީޘުތަކަކީ މުލްޙިދުން (Atheist) ހަދާފައިހުރި ކުޅޭކުޅޭ ވާހަކަތަކެވެ. ބުއްދި ހަމަނުޖެހޭ ސޭކުން ދައްކާކަހަލަ ދެކޮޅުނުޖެހޭ ވާހަކަތަކެވެ. ނަބީ ބޭކަލުންގެ މުޢުޖިޒާތްތައް ދޮގުކޮށްލައި އެއަށް ފާޑުކިޔައި އެއާމެދު ޝައްކު އުފެއްދުމަށް ކުރެވޭ މަސައްކަތެކެވެ. އޭރަކުން ނަބީބޭކަލުންގެ މުޢުޖިޒާތަކާއި ސިޙުރުވެރިންގެ ސިޙުރާ ދެމެދު ތަފާތެއް ނޯންނާނެއެވެ. އަދި އެހުރިހާ ކަންތައްތަކެއް މިނޭނީ އެއް ނާޅިއަކުންނެވެ. އެއަށްވުރެން ބޮޑަށް އެންމެ ޙައިރާންވާން ޖެހޭ ކަމަކީ ނަބީބޭކަލުން ތެދުކޮށް ނަބީބޭކަލުންގެ މުޢުޖިޒާތްތައް ސާބިތުކުރުމާއި ސިޙުރުވެރިންގެ މިފަދަ ޢަމަލުތައް ތެދުކުރުމާއި މިދެބައި އެއްކުރާ ބަޔަކަށް އަޅުގަނޑުމެން މުސްލިމުން ވަނީއެވެ. އެހެންނާ ޠާހާ ސޫރަތުގެ (69) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރަށްވާފައި ވަނީ، ]وَلاَ يُفْلِحُ السَّاحِرُ حَيْثُ أَتَى[ އެވެ. މާނައީ: ސިޙުރުވެރިޔާ ކޮންމެ ތާކުން އައިކަމުގައި ވިއަސް އޭނާ ކާމިޔާބެއް ނުވާހުއްޓެވެ.”
ރަސޫލުބޭކަލުންގެ މުޢުޖިޒާތާއި ސިހުރުވެރިންގެ ސިހުރާ ދެމެދު އޮންނަ ބޮޑު ތަފާތު ބަޔާން ކުރެއްވުމަށްފަހު ދެން އިމާމު ޖައްޞާޞް މިފަދައިން ވިދާޅުވެފައި ވެއެވެ. ]وَجَائِزٌ أَنْ تَكُونَ الْمَرْأَةُ الْيَهُودِيَّةُ بِجَهْلِهَا فَعَلَتْ ذَلِكَ ظَنًّا مِنْهَا بِأَنَّ ذَلِكَ يَعْمَلُ فِي الْأَجْسَادِ وَقَصَدَتْ بِهِ النَّبِيَّ عَلَيْهِ السَّلَامُ فَأَطْلَعَ اللَّهُ نَبِيَّهُ عَلَى مَوْضِعِ سِرِّهَا وَأَظْهَرَ جَهْلَهَا فِيمَا ارْتَكَبَتْ وَظَنَّتْ لِيَكُونَ ذَلِكَ مِنْ دَلَائِلِ نُبُوَّتِهِ لِأَنَّ ذَلِكَ ضَرَّهُ وَخَلَطَ عَلَيْهِ أَمْرَهُ وَلَمْ يَقُلْ كُلُّ الرُّوَاةِ إنَّهُ اخْتَلَطَ عَلَيْهِ أَمْرُهُ وَإِنَّمَا هَذَا اللَّفْظُ زِيدَ فِي الْحَدِيثِ وَلَا أَصْلَ لَهُ[ (މިސިހުރަކީ ހަމައެކަނި ހަށިގަނޑަށް ކުރާ އަސަރެއްކަމުގައި އެޔަހޫދީ އަންހެންމީހާއަށް ހީވެގެން ކީރިތި ރަސޫލާއަށް ސިހުރު ހެދުމާއި ގުޅިގެން ވަގުތުން މާތް ﷲ އެއިލާހުގެ ނަބިއްޔާއަށް އެސިއްރު ޢަމަލާއި އޭނާ ކުރިކުށް އެންގެވީކަމަށް އެކަށީގެން ވެއެވެ. އެހިނދުން އޭނާގެ އެނުބައި ޢަމަލު ފަޅާއެރުމުން އެކަމަކީ އިތުރު އެކަލޭގެފާނުންގެ ނަބީކަމުގެ މުޢުޖިޒާތެއްކަން އޭނާއަށް އިޙްސާސްވިއެވެ. މިގޮތުން މިސިހުރުގެ ސަބަބުން އިތުރުއެކަލޭގެފާނަށް އުނދަގޫފުޅުވިއެވެ. އަދި ބައެއް ކަންކަމުގައި އެކަލޭގެފާނަށް އުނދަގޫފުޅުވާ ގޮތްވިއެވެ. މިތާގައި ބައެއް ރާވީންގެ ބަސްފުޅުތަކުގައި އިތުރު އެކަލޭގެފާނަށް ކަންކަން އޮޅިވަޑައިގަތްވާހަކަ ނެތެވެ. އެއިން ދޭހަވަނީ އެފަދަ ލަފްޒުތަކަކީ ބަޔަކުމީހުން ޙަދީޘަށް އިތުރު ކޮށްލައިގެން އުޅޭ، އޭގައި އެއްވެސް އަޞްލެއްނެތްޢިބާރާތްތަކެއް ކަމެވެ.(
(ނ) އިސްލާމީ މުފައްކިރެއް ކަމުގައިވާ ސައްޔިދު ޤުޠުބުގެ ބަސްފުޅު:
ފަހުގެ އިސްލާމީ މުފައްކިރެއް ކަމުގައިވާ ސައްޔިދު ޤުޠުބު އޭނާގެ ތަފްސީރު “ޡިލާލުލް ޤުރްއާންގެ 6/4007 ގައި މިމައްސަލައަށް އިންކާރު ކުރަށްވަމުން ވަރަށް ދިގުކޮށް ލިއުއްވާފައިވެއެވެ. އެވާހަކަފުޅުތައް ނިންމާލައްވަމުން އޭނާ ވިދާޅުވެފައި ވެއެވެ. ]لَيْسَ مِنْ قَبِيلِ تَأْثِيرِ اْلأَمْرَاضِ فِى اْلأَبْدَانِ وَلَا مِنْ قَبِيلِ عُرَوضِ السَّهْوِ وَالنِّسْيَانِ فِى بَعْضِ اْلأُمُورِ اْلعَادِيَّةِ بَلْ هُوَ مَاسٌّ بِالْعَقْلِ آخِذٌ بِالرُّوحِ وَهُوَ مِمَّا يُصَدِّقُ قَوْلَ الْمُشْرِكِينَ فِيهِ ]إِنْ تَتَّبِعُونَ إِلاَّ رَجُلاً مَسْحُورًا[ (މިއީ އެއްގޮތަކަށް ވެސް ހަށިތަކަށް އަސަރުކުރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ފަދަ ކަމެއް ނޫނެވެ. އަދި ޢާއްމު ދިއިރުޅުމުގައި ދިމާވާ ކަންތައްތައް ފަދައިން އޮޅުމާއި ހަނދާންނެތިވުމުގެ ތެރޭގައި ހިމެނޭ ކަމެއްވެސް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ މިއީ ސީދާ ސިކުނޑިއަށާއި ރޫޙަށް އަސަރުކޮށް އެއަށް އައި ބަދަލެކެވެ. އަދި މިއިން ނިކުންނަ ނުބައި ނަތީޖާއަކީ މުޝްރިކުން ބުނަމުން އައި، “ތިޔަބައިމީހުން ތިޔަދަނީ ސިހުރު ޖެހިފައިހުރި، ސިކުނޑި ހަމަނުޖެހޭ މީހެއްގެ ފަހަތުންނެވެ.” މިބަސް ތެދުބަހެއް ކަމުގައި ޤަބޫލުކުރެވުމެވެ.)
އަދިވެސް ސައްޔިދު ޤުޠުބު ވިދާޅުވެފައި ވެއެވެ. ތިމަންމެންގެ ޢަޤީދާއަކީ އަދި ޤަބޫލުކުރަން ވާޖިބުވަނީ ޤުރުއާނަކީ ޤަޠްޢީ (ޝައްކެއްނެތް ޔަޤީނީ) އެއްޗެއް ކަމާއި އަދި ﷲގެ ފޮތުގައި މުތަވާތިރު ގޮތެއްގައި ކީރިތި ރަސޫލާއަކީ މަޢުޞޫމު ބޭކަލަކުކަން އަންގަވާފައިވާކަމާއި އެކަން ޤަބޫލުކުރުމާއެކު އެކަން ނަފީކުރުމުގެ އެންމެހައި ވާހަކަތަކާއި އިންކާރު ކުރުން ވާޖިބުވެގެންވާކަން ދުށުމެވެ. އަދި ދަންނަންޖެހޭ އަނެއްކަމަކީ އެކިފަހަރުފަހަރުމަތިން މައްކާގެ މުޝްރިކުން އިތުރު އެކަލޭގެފާނަށް ސިހުރު ޖެހިވަޑައިގެންފައިވާ ކަމަށްބުނެ ކުރަމުންއައި ދަޢުވާއަށް އިންކާރުކޮށް އެއީ ޙަޤީޤަތާ ޚިލާފު އެއްޗެއްކަން ހެއްކާއި ދަލީލު ހާމަކޮށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައި ވާކަމެވެ. ވުމާއެކު ޔަޤީނާއެކު ޤަބޫލުކުރަންޖެހެނީ ކީރިތި ރަސޫލާއަށް ސިޙުރު ޖެހިވަޑައިގެންފައި ނުވާކަމެވެ. އެހެންކަމުން ކުރީގައި ބަޔާންވެދިޔަ (ކީރިތި ރަސޫލާއަށް ސިހުރު ޖެހިވަޑައިގަތް ކަމަށް އައިސްފައިވާ) ޙަދީޘަކީ ޞައްޙަ ޙަދީޘެއް ކަމުގައި ބެލިކަމުގައި ވިއަސް އެއީ އާޙާދު ޚަބަރެކެވެ. (އެބަހީ ސަނަދުގައި އެންމެ ރާވީއެއް އައިސްފައިވާ ޙަދީޘެކެވެ.) އަދި ޢަޤީދާގެ މައްސަލަތަކުގައި އާޙާދު ޚަބަރަކީ ޤަބޫލު ކުރެވޭ އެއްޗެއް ނޫނެވެ. އަދި ކީރިތި ރަސޫލާގެ މަޢުޞޫމުކަމާއި އެކަލޭގެފާނުންގެ ސިކުނޑިފުޅަށް ސިޙުރުގެ އަސަރެއް ކޮށްފަނިވި ކޮންމެ ކަމަކީ ޢަޤީދާގެ މައްސަލައަކަށްވާތީ ޢަޤީދާގެ އެއްވެސް ކަމެއް ޔަޤީނީ ދަލީލަކުން ނޫނީ ޤަބޫލު ކޮށްގެން ނުވާނެއެވެ. ވުމާއެކު ޝައްކު އުފެދޭ ދަލީލަކުން ޢަޤީދާއާއި ފުށުއަރާ ކަމެއް ޤަބޫލުކުރުން ހުއްދަވެގެން ނުވާނެއެވެ.
(ރ) އިސްލާމީ މުފައްކިރެއް ކަމުގައިވާ މުޙައްމަދު ޢަބްދުހްގެ (1849-1905) ބަސްފުޅު:
އައްޝައިޚު މުޙައްމަދު ޢަބްދުހް އޭނާގެ ޢައްމާ ފޮތުގެ ތަފްސީރުގެ 180-181 ގައި ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާއަށް ސިޙުރުގެ އަސަރު ކޮށްފާނެކަމަށް ޤަބޫލު ކުރުމަކީ އެކަލޭގެފާނުންގެ މަޢުޞޫމިއްޔަތު ކަމާ ފުށުއަރާ ކަމެކެވެ. އަދި ޙަދީޘުން އެބުނާބުނުމަކީ އަދި ބުއްދިފުޅަށް ބަދަލު އަންނަވާހަކައަކީ ޢަޤީދާގެ މައްސަލައެކެވެ. އަދި މިޙަދީޘަކީ ސަނަދުގެ ގޮތުން ޞައްޙަ ޙަދީޘެއް ކަމަށް ބެލިކަމުގައި ވިއަސް އެއީ އަޙާދު ޙަދީޘަކަށް ވާތީ އެޙަދީޘަކުން ޔަޤީނީ ކަމެއް ނަފީ ކުރުމަކަށް ބޭނުމެއް ނުކުރެވޭނެއެވެ. މިތާގައި މުޙައްމަދު ޢަބްދުހް ވަނީ ސީދާ މިޙަދީޘަށް އިންކާރު ކުރައްވާފައެވެ. މިއީ މިމައްސަލާގައި މުޢުތަޒިލީންނާއި ޚަވާރިޖުންވެސް އިޚްތިޔާރު ކުރިގޮތެވެ.
(ބ) ޝައިޚު ރަޝީދު ރިޟާއާއި ޝައިޚުލް އަޒްހަރު:
މިބޭފުޅުން ނޫނަސް ޝައިޚު މުޙައްމަދު ރަޝީދު ރިޟާ (1865-1935) އާއި އަޒުހަރުގެ ކުރީގެ ޝައިޚު މަޙްމޫދު ޝަލްތޫތު (1893-1963) ވެސް ވަނީ މިމައްސަލައާ މެދު ބަޙުޘު ކުރަށްވައި ކީރިތި ރަސޫލާއަށް އެގޮތަށް ސިހުރު ޖެހިވަޑައިގެންފާނެ ކަމާއިމެދު އިންކާރު ކުރައްވާފައެވެ.
(ޅ) މުސްލިމުގެ ޝަރަހަ ފަތުޙުލް މުންޢިމް:
ޝައިޚު މޫސާ ޝާހީނު (1920- 2009) އެކަލޭގެފާނުންގެ ފޮތް މުސްލިމުގެ ޝަރަޙަ ކަމުގައިވާ ފަތުޙުލް މުންޢިމުގައި ވަރަށް ދިގު ބަހުސެއް ގެންނަވާފައި ވެއެވެ. ނިންމާލައްވަމުން އޭނާ ވިދާޅުވެފައި ވަނީ ]وَالَّذِي أَمِيلُ إِلَيْهِ وَأَدِينُ اللَّهَ عَلَيْهِ التَّوَقُّفَ بِشَأْنِ هَذَا الْحَدِيثِ أَوْ رَدَّهُ لِمَا ذَكَرْنَا مِنَ الْمَحَاذِيرِ[ މާނައީ: މިޙަދީޘާމެދު ތިމަން ބުނާނީ ކުރީގައި ބަޔާންވެދިޔަ ފަދައިން އޭގައި ރައްކައުތެރިވާންޖެހޭ ކަންތައްތަކެއް ހުރުމާއެކު ﷲގެ ޙައްޤުގައި ތިމަން ބުރަވާ ގޮތަކީ އަދި ތިމަން ދެކޭގޮތަކީ ޙަދީޘާމެދު އެއްޗެއް ނުބުނެ ޙަދީޘު ދޫކޮށްލުމެވެ. ނުވަތަ ޙަދީޘު މުޅިން ރައްދުކޮށްލުމެވެ. (އަލްމުންޢިމު: 8/559)
(ޅ) ޑރ. ޤަރްޟާވީގެ ބަސްފުޅު:
ފަޟީލަތުއް ޝައިޚު ޑޮކްޓަރު ޔޫސުފުލް ޤަރުޟާވީ އޭނާގެ ސައިޓުގައި ލިއުއްވާފައި ވެއެވެ. މިޙަދީޘަކީ ޙަދީޘު ފޮތްތަކުގެ ތެރެއިން އެންމެ ޞައްޙަ ދެފޮތުގައި ރިވާވެގެންވާ ރިވާޔަތެކެވެ. އެއީ ޢާއިޝާގެ ކިބައިން ޢުރުވާގެ ކިބައިން ހިޝާމުގެ ކިބައިންނެވެ. ދެން އިބްނި ޢައްބާސްގެ އަރިހުން އައިސްފައިވާ ކަމަށް ބުނެވޭ ރިވާޔަތަކީ ވަރަށް ޟަޢީފު ޙަދީޘެކެވެ. ހިޝާމުގެ ރިވާޔަތުގައި މަތަނުގައި (ޢިއްލަތް) ބަލިކަށިކަމާއި ހަމަނުޖެހުން އެބައޮތް ކަމަށް އެތަކެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި ހިޝާމަކީ އިތުބާރު ހިފޭ ޘިޤާ ރާވީއެއް ކަމުގައިވިއަސް އޭނާގެ މައްޗަށް ކިތަންމެ ޢިލްމުވެރިންނެއް ވާހަކަ ދައްކަވާފައި އެބަވެއެވެ. (މިސާލަކަށް އިމާމު މާލިކާއި އިބްނި ޙަޖަރާއި ޛަހަބީއާއި އެނޫން ބޭކަލުންނެވެ.)
- ބަޙުސުގެ ޚުލާޞާ
މިބަހުސުގެ ޚުލާޞާއަކަށް ދާއިރު އަޅުގަނޑަށް ދެންނެވޭނީ:
- މިޙަދީޘު ކީރިތި ޤުރުއާނާ ކަނޑައެޅިގެން ފުށުއަރައެވެ.
ޙަދީޘަކީ ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއް ކަމުގައި ވިއަސް އޭގައި ހަމައެކަނި ޙިޝާމުގެ ކިބައިން ޢުރުވާގެ ކިބައިން ޢާއިޝަތުގެފާނުންގެ ކިބައިން އޮތް އޮތުމަކީ ޤުރުއާނުގެ ޞަރީޙަ ބަސްފުޅާ ފުށުއަރާހިނދު ޙަދީޘާމެދު ސުވާލު އުފެދޭ ކަމެކެވެ. އެފަދަ ޙަދީޘެއް ދޫކޮށްލުންނޫން ގޮތެއް ހެވަކަށް ނުވާނެއެވެ.
- ޙިޝާމުގެ ވަނަވަރުގައި މައްސަލަތަކެއް އެބަހުއްޓެވެ.
ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހިޝާމަކީ އިތުބާރުހިފޭ ޡިޤާ ރާވީއެކެވެ. އެހެންނަމަވެސް ވަނަވަރު ބަޔާންކުރަށްވާ ޢިލްމުވެރިންގެ ތެރޭގައި ހިޝާމަށް ފާޑުވިދާޅުވި ބޭކަލުން އެބަތިއްބެވިއެވެ. އިމާމު އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ ހިޝާމަކީ އިތުބާރު ހިފޭ ފަޤީހެއް ކަމަށާއި ބައެއް ފަހަރު ތަދްލީސު ކުރަށްވާ ކަމަށެވެ. އަދި ދޮށީ ޢުމުރުފުޅުގައި ދަސްފުޅުވެފައި ހުރުމަށް ބުރޫއަރާކަމަށާއި ފަހުން ޢިރާޤަށް ވަޑައިގަތުމަށްފަހު އެކަލޭގެފާނުންގެ އަރިހުން އަޑުއެއްސެވި ރާވީންގެ ރިވާޔަތްތަކަށް ބަދަލުތަކެއް އައިސްފައި ހުރިކަން ފެނިވަޑައިގެންފައި ވާކަމަށެވެ. އިމާމު މާލިކު ދެކެވަޑައިގަންނަވާ ގޮތުގައި ޢިރާޤުގައި ހިޝާމު ރިވާކުރެއްވި ޙަދީޘުތައް ޤަބޫލު ނުކުރެވޭނެއެވެ. އަނެއްފަހަރަކު އިމާމު މާލިކު ވިދާޅުވެފައި ވަނީ ހިޝާމަކީ ]كَذَّابٌ[ ދޮގުވެރިއެއް ކަމަށެވެ.
އިމާމު އިބްނިލް މުޢީނު ދެކެވަޑައިގަންނަވާ ގޮތުގައި ހިޝާމުގެ ޙަދީޘުތަކުގައި އިތުބާރުހިފުނު ކަމުގައިވިއަސް ވާހަކަފުޅު ދެއްކެވުމުގައި ބައެއްފަހަރު އިތުރު ފުޅު ހެއްދެވޭ ކަމަށެވެ. އިބްނި ޚިރާޝް ވިދާޅުވެފައި ވަނީ ޞަދޫޤެއް ކަމަށެވެ. އިމާމު ޛަހަބީ ވިދާޅުވަނީ ޢުމުރުފުޅުގެ ފަހުކޮޅުގައި ދަސްފުޅުވުމަށް ފުށުއަރާގޮތް ދިމާވެފައިވާ ކަމަށެވެ. އިބްނި ޝައިބާ އައްދައުސީ އެކަލޭގެފާނުންގެ ކިބައިން ޢިރާޤަށް ވަޑައިގަތުމުގެ ފަހުން އޭގެ ކުރިއާ ފުށުއަރާ ކަމަށެވެ. (މިދެންނެވުނީ ހަމައެކަނި ހިޝާމަށް ފާޑުވިދާޅުވި ބޭކަލުންގެ ބަސްފުޅުތަކެވެ.)
- ޙަދީޘުގެ މަތަނުގައި މައްސަލަތައް ހުރުން:
ޙަދީޘުގެ މަތަނުގައި ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. މިސާލަކަށް:
(ހ) އަނބިކަނބަލުންގެ ގާތަށް ވަޑައިގަންނަވާ ވާހަކަ ބައެއް ރިވާޔަތްތަކުގެ އޮވެފައި އަނެއްބައި ރިވާޔަތްތަކުގައި އެވާހަކަ އައިސްފައި ނެތެވެ.
(ށ) ބައެއް ރިވާޔަތުގައި އައިސްފައި ވަނީ ސިހުރު ވަޅުލާފައިވާ ވަޅުދޮށަށް މީހުން ގޮވައިގެން ޚުދު ރަސޫލާ ވަޑައިގަތް ވާހަކައެވެ. އަނެއްބައި ރިވާޔަތުގައި އަންނަނީ ވަޅުދޮށަށް ޢަލީގެފާނާއި ޢައްމާރާއި ދެބޭކަލުން ފޮނުއްވި ވާހަކައެވެ. އަނެއްބައި ރިވާޔަތުގައި އަންނަނީ މީހަކު ފޮނުއްވި ވާހަކައެވެ.
(ނ) ހަމައެހެންމެ ވަޅަށް ފޭބި މީހުންގެ ނަމުގައި ވެސް ތަފާތުތަކެއް އައިސްފައި އެބަހުއްޓެވެ.
(ރ) އެއް ފަހަރު ކީރިތި ރަސޫލާއަށް ޢާއިޝަތުގެފާނު ދަންނަވަނީ އަންދާ ނުލައްވަންތޯއެވެ؟ އަނެއް ރިވާޔަތުގައި އައިސްފައިވަނީ އެތަކެތި ނަންގަވައި ވަޅުން ބޭރު ނުކުރަށްވަންތޯއެވެ؟
(ބ) އެއް ރިވާޔަތުގައި އަންނަނީ ސިހުރުތަކެތި ވަޅުން ނެންގެވި ވާހަކައެވެ. އަނެއް ރިވާޔަތުގައި އަންނަނީ ވަޅުން ނުނަގަވާ ވާހަކައެވެ. އަދި ބައެއް ރިވާޔަތުގައި އަންނަނީ އެތަކެތި ވަޅުލެއްވިވާހަކައެވެ. އަނެއް ރިވާޔަތުގައި އަންނަނީ ވަޅު ފަސްލައްވަވައި ނަތްތާލެއްވި ވާހަކައެވެ.
(ޅ) ހަމައެހެންމެ މިޙާދިޘާއާ ގުޅިގެން ފަލަޤިނާސި ސޫރަތް ބާވައިލެއްވުނު ވާހަކަ އަންނައިރު މިޙާދިޘާ ހިނގިކަމަށްވަނީ ހިޖުރައިން ހަތެއްގައެވެ. ނުވަތަ ނުވައެއްގައެވެ. ފަލަޤިނާސި ބާވައިލެއްވުނީ މައްކާގައެވެ.
(ކ) ބައެއް ރިވާޔަތްތަކުގައި އަންނަނީ ސިހުރު ހެދި ލަބީދަށް ކިރިތި ރަސޫލާ މާފު ދެއްވީ ކަމުގައެވެ. އަނެއްބައި ރިވާޔަތްތަކުގައި އަންނަނީ އޭނާ ޤަތުލު ކުރެއްވީ ކަމަށެވެ. އަނެއްބައި ރިވާޔަތުގައި އަންނަނީ އޭނާ ފަހުންވެސް ކީރިތި ރަސޫލާގެ ގަނޑުވަރަށް އައިސްއުޅޭ ކަމަށާއި އެކަމާ ރަސޫލާ އެއްޗެއް ވިދާޅުނުވާ ކަމަށެވެ.
(އ) އެއްބައި ރިވާޔަތުގައި އަންނަނީ ސިހުރު ހެދީ ލަބީދުގެ އަންހެން ދަރީން ކަމަށެވެ. އަދި ބައެއް ރިވާޔަތްތަކުގައި ލަބީދުގެ އަންހެން ކޮއްކޮ ކަމުގައިވެސް އައިސްފައި ވެއެވެ.
(ވ) މިލަބީދަކީ ޔަހޫދީއެއް ކަމުގައި އޮތްއިރު ތާރީޚުން ސާބިތުވާ ގޮތުގައި ބަނޫ ޒުރައިޤު ޤަބީލާއަކީ މަދީނާގައި ދިރިއުޅޭ ޢާއްމު ޢަރަބި ޤަބީލާއެކެވެ. އެއީ ޔަހޫދީންނެއް ނޫނެވެ. އަދި އެބައިމީހުންނަކީ ޔަހޫދީ ބޮޑު ތިން ޤަބީލާގެ ދަރިޤަބީލާއެއްގެ ތެރޭގައވެސް ހިމެނޭ ބައެއް ނޫނެވެ.
(މ) މިޙަދީޘުގައި ދިމާވާ އަނެއް މައްސަލައަކީ މިޙާދިޘާގައި ބަދަލުތަކެއް އައިސްފައި ވަނީ ކީރިތި ރަސޫލާގެ ހަށިކޮޅަށް ކަމުގައި ވިއަސް ނުވަތަ ސިކުނޑިފުޅަށް ކަމުގައި ވިއަސް ހަމަސް ދުވަސްވާއިރު ނުވަތަ މަދުވެގެން ސާޅީސްދުވަސް ވާއިރު ޢާއިޝަތުގެފާނުނޫން އެހެން އަނބިކަނބަލަކަށް އެނގިވަޑައިގެންފައި ނުވުމާއި އަދި ކީރިތިރަސޫލާގެ އަޞްޙާބު ބޭކަލުންނަށްވެސް އެކަލޭގެފާނަށް އެއްވެސްބަދަލެއް އައިސްފައިވާކަން އިޙްސާސްވެ ވަޑައި ނުގަތުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ.
(ފ) ހަމައެހެންމެ ތާރީޚީ ގޮތުން ދިމާވާ މައްސަލައެއްވެސް ޙަދީޘުގައި އެބައާދެއެވެ. ޔަހޫދީން މަދީނާގައި އުޅުނީ އަމިއްލަ އަމިއްލަ ކިއްލާތަކުގައެވެ. ދެން މިލަބީދު މުސްލިމުންގެ އަވަށެއްގައި އުޅުނީ ކިހިނަކުން ބާއެވެ! އަދި ޙައިރާންވާންޖެހޭ އެންމެ ބޮޑުކަމަކީ ޔަހޫދީންގެ އުނދަގޫ ބޮޑުވެގެން ހިޖުރައިން ތިނެއްގައި ކީރިތި ރަސޫލާ ޔަހޫދީން މަދީނާއިން ބޭރުކޮށްލައްވައިފިއެވެ. އެއަށްފަހު މަދީނާ ކައިރީގައި ދިރިއުޅުނު ޤަބީލާ ކަމުގައިވާ ބަނޫ ޤުރައިޡާގެ މީހުންވެސް އެމީހުންގެ ނުބައިކަމާހުރެ ހިޖުރައިން ފަހެއްގައި ސަޢުދު އިބްނި މުޢާދުގެ ޙުކުމްފުޅަށް އެބައިމީހުންގެ ފިރިހެނުންތައް ޤަތުލުކޮށް މުދަލާއި ތަކެތި ޣަނީމަތަށް ނެންގެވީއެވެ. ދެން ސުވާލަކީ ހިޖުރައިން ހަތެއްގައި ނުވަތަ ނުވައެއްގައި މިޔަހޫދީން ކީރިތި ރަސޫލާއަށް ސިހުރު ހަދަން އައީ ކިހިނަކުންހެއްޔެވެ؟
(ދ) ބައެއް ރިވާޔަތްތަކުގައި އަންނަނީ އެއީ ޝައިޠާނާ އެމީހުންނަށް ވާގިދީގެން ކުރުވި ޢަމަލެއް ކަމަށެވެ. ޝައިޠާނާ މެދުވެރިވެ މިބައިމީހުން ރަސޫލާއަށް މިހާބޮޑު ދުއްތުރާލެއް ކުރަމުންދާއިރު ރަސޫލާ ސަލާމަތް ނުކުރަށްވައި ހަމަސް ވަންދެން ﷲ އެއިލާހުގެ ރަސޫލާ ދޫކޮށްލައްވަފާނެބާއެވެ! އެއީ ހިލާ ވާނެކަމެއް ނޫނެވެ.
(ތ) ޙަދީޘެއްގައި މިފަދަ ކަމެއް ދިމާވުމުން އެޙަދީޘަކަށް ކިޔަނީ މަޢުލޫލު ޙަދީޘެކެވެ. ނުވަތަ މުޟްޠަބިރު ޙަދީޘެކެވެ. (އެބަހީ އެޙަދީޘު ސަނަދުގެ ގޮތުން ޞައްޙަ ކަމުގައި ވިއަސް އޭގެ މަތަނުގައި އޮޅުންބޮޅުން އޮތީއެވެ. އެހެންކަމުން އެޙަދީޘު މަތަނުގެ ގޮތުން ބަލިކަށިވީއެވެ.) ކަން މިހެން ހުރުމާއެކު ކީރިތި ރަސޫލާއަށް ސިހުރު ހެދިކަމަށް ބުނާ ޙަދީޘުގެ މަތަނަކީ ޟަޢީފެއް ކަމާމެދު ޝައްކެއް ނެތެވެ.
- ކީރިތި ރަސޫލާގެ ސިކުނޑިފުޅަށް އައިކަމަށް ބެލެވޭ ބަދަލު:
ޖުމްހޫރު ދަންނަބޭކަލުން ޙަދީޘުގެ ތައުވީލު ކުރެއްވި ކަމުގައި ވިއަސް އެޙަދީޘުން ބުނާ ގޮތުގައި ކީރިތި ރަސޫލާގެ ސިކުނޑިފުޅަށް އަސަރުކޮށްފައި ހުރިކަން އެބަދޭހަވެއެވެ. ސަބަބަކީ އަނބި ކަނބަލުންގެ އަރިހަށް ވަޑައިގެންފައި ވަޑައިނުގަންނަވާ ކަމަށް ހީފުޅުވުމާއި ވަޑައިނުގަންނަވާއިރު ވަޑައިގަތްކަމަށް ހީފުޅުވުމަކީ ސިކުނޑިފުޅަށް އައި ބަދަލެކެވެ. ހަމައެކަނި ހަށިކޮޅަށް އައި ބަދަލެއް ނޫނެވެ.
- މިފަދަ ޙަދީޘެއް އިމާމު ބުޚާރީއާއި މުސްލިމު ރިވާކުރެއްވުމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
ދެންއުފެދޭ ސުވާލަކީ މިޙަދީޘަކީ ބުޚާރީއާއި މުސްލިމު ދެބޭކަލުން ރިވާކުރަށްވާފައިވާ މުއްތަފަޤު ޢަލައިހި ޙަދީޘަކަށް ވީހިނދު އެދެފޮތުގައި މައްސަލަ އުފެދޭ ޙަދީޘެއް އޮވެދާނެކަމަށް އަޅުގަނޑުމެންގެ ޢިލްމުވެރިންނަށް ޤަބޫލު ނުކުރެއްވެވޭތީއެވެ. އަދި މިބޭބޭކަލުންނަށް ކީރިތި ޤުރުއާނުގައި އައިސްފައިހުރި މައްސަލައާބެހޭ ގިނަގުނަ އާޔަތްތައް ފެނިވަޑައި ނުގަތްކަމެވެ.
- ބުޚާރީއާއި މުސްލިމަކީ ދީނުގެ ހުއްޖަތެއް ނޫނެވެ.
ޙަޤީޤަތުގައި ޙަދީޘެއް ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައި އޮންނަ އޮތުމަކީ ޙަދީޘުގައި ޝައްކުއުފެދޭ ޙާލަތުގައި އެފަދަ ބަސްތަކަށް ދެވޭ ޖަވާބެއްކަމަކަށް ދެކިގެން ނުވާނެއެވެ. އަދި އެއްވެސް އިމާމެއްގެ ރިވާޔަތަކީ އަދި އެއިން ބޭކަލެއްގެ ބަސްފުޅަކީ ވެސް ދީނުގައި ޙުއްޖަތެއް ނޫނެވެ. އަޞްޙާބު ބޭކަލެއްގެ ބަސްފުޅެއް ވެސް ޙުއްޖަތަކަށް ނުބެލެވޭ ފަދައިންނެވެ. ޝައްކެއްނެތެވެ. ޙަދީޘެއް ޞައްޙަ ވުމަކީ އެޙަދީޘެއްގެ ސަނަދުގެ މައްޗަށް ކުރެވިފައިވާ ތަޙްޤީޤެއްގެ ސާފު ނަތީޖާއެކެވެ. އެއީ އެޙަދީޘެއް ޤަބޫލު ކުރެވޭތޯ ނުވަތަ ނުކުރެވޭތޯ ބަލަން އޮންނަ ފުރިހަމަ މިންގަނޑެއް ނޫނެވެ. އަޅުގަނޑު އެންމެ ބޮޑަށް ޙައިރާންވަނީ ދީނުގެ ބޮޑެތި އިމާމުން ކީރިތި ރަސޫލާއާ ބެހޭ މިފަދަ ވާހަކައެއް އެހާ ފަސޭހައިން ޤަބޫލު ކުރަށްވައިގެން ރިވާކުރެއްވީތީއެވެ.
- އެބުނާ ސިޙުރެއް ހެދުމާއެކު ވަގުތުން މާތް ﷲ އެއިލާހުގެ ރަސޫލާ ސަލާމަތް ކުރެއްވީއެވެ.
އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ ރާވީއެއް ކިތަންމެ އިތުބާރު ހިފުނަސް ރިވާޔަތެއް ކިތަންމެ ޞައްޙަވިއަސް އެއާމެދު ބަޙުސު ކުރުމުގެ ދޮރު ބަންދުވެފައެއް ނޯންނާނެ ވާހަކައެވެ. ވަކީން ޚާއްޞަކޮށް ޤުރުއާނާ ފުށުއަރާކަމަށް ފެންނަނަމަ އެވާހަކަ ދެކެވޭނެއެވެ. އަދި ދައްކަންވެސް ޖެހޭނެއެވެ. އަދި ކީރިތި ރަސޫލާގެ ރިސާލަތަށް ބުރޫއަރާ ކަމަށް ހީވި ކަމުގައި ވިއަސް އެއާ އިންކާރު ކުރެވެން ޖެހޭނެއެވެ. އެހެންކަމުން ކީރިތި ރަސޫލާއަށް ސިޙުރު ހެދުނު ކަމާއި އެކަލޭގެފާނުންގެ ސިކުނޑިފުޅަށް އައިބަދަލާމެދު ހިޝާމު ރިވާކުރަށްވާފައިވާ ރިވާޔަތްތަކީ ޝައްކުތަކުން ފުރިފައިވާ ރިވާޔަތްތަކާމެދު ޝައްކެއްނެތެވެ.
އިމާމު ޖައްޞާޞާއި އެނޫން ޢިލްމުވެރިން ވިދާޅުވަނީ ކީރިތި ރަސޫލާއަށް އެބައިމީހުން ސިހުރު ހެދިކަމުގައިވާނަމަ ވަގުތުން މާތް ﷲ އެކަލޭގެފާނަށް އެކަން އަންގަވައި އެކަމުން އެކަލޭގެފާނު ސަލާމަތް ކުރެއްވީކަމަށެވެ. އެއީ ކީރިތި ރަސޫލާއަށް ވިހަލުމުގެ ޙާދިޘާގައި ކަންތައްވީ ފަދައިންނެވެ.
ވުމާއެކު އަޅުގަނޑު ބުނާނީ މިއީ ހިނގި ކަމެއްވެސް ނޫނެވެ. އަދި މިއީ ހިނގިކަމެއް ކަމުގައިވާނަމަ އެހާބޮޑުކަމެއް އެނގިވަޑައިގަންނަވާނީ ޢާއިޝަތުގެފާނަށް އެކަންޏެއް ނޫނެވެ. އަދި އެއީ މިސާލަކަށް ހިނގިކަމެއް ކަމުގައި ވާނަމަވެސް އެކަން ހިނގާފައިވަނީ އަންނަނިވި ޙަދީޘުން ސާބިތުވާ މިންވަރަށެވެ. އިމާމު ޙާކިމު ދެޝައިޚުންގެ ޝަރުޠާ އެއްގޮތްވާ ގޮތުގެމަތިން ރިވާ ކުރަށްވާފައިވާ މިޞައްޙަ ރިވާޔަތަށް ވިސްނާލުމުން އަޞްލު ޙަޤީޤަތް ދޭހަވާނެއެވެ. އެއީ: (މުސްތަދްރަކް:5/516) ގައި އޮތް މިރިވާޔަތެވެ. ]عَنْ زَيْدِ بْنِ أَرْقَمَ قَالَ كَانَ رَجُلٌ يَدْخُلُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فَسَحَرَهُ رَجُلٌ فَعَقَدَ لَهُ عُقَدًا فَوَضَعَهُ وَطَرَحَهُ فِي بِئْرِ رَجُلٍ مِنَ الْأَنْصَارِ فَأَتَاهُ مَلَكَانِ يَعُودَانِهِ فَقَعَدَ أَحَدُهُمَا عِنْدَ رَأْسِهِ وَقَعَدَ الْآخَرُ عِنْدَ رِجْلَيْهِ فَقَالَ أَحَدُهُمَا أَتَدْرِي مَا وَجَعُهُ قَالَ فُلَانٌ الَّذِي كَانَ يَدْخُلُ عَلَيْهِ عَقَدَ لَهُ عُقَدًا فَأَلْقَاهُ فِي بِئْرِ فُلَانٍ الْأَنْصَارِيِّ فَلَوْ أَرْسَلَ إِلَيْهِ رَجُلًا فَأَخَذَ مِنْهُ الْعُقَدَ فَوَجَدَ الْمَاءَ قَدِ اصْفَرَّ قَالَ وَأَخَذَ الْعُقَدَ فَحَلَّهَا فِيهَا قَالَ فَكَانَ الرَّجُلُ بَعْدُ يَدْخُلُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فَلَمْ يَذْكُرْ لَهُ شَيْئًا مِنْهُ وَلَمْ يُعَاتِبْهُ[ މާނައީ: ޒައިދުގެފާނު ރިވާކުރަށްވާފައި ވެއެވެ. މީހަކު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ އަރިހަށް އައިސްގޮސް ހަދައެވެ. އެއްފަހަރަކު މިމީހާ ރަސޫލާއަށް ސިހުރު ހެއްޖެވެ. ދެންފަހެ އެކަލޭގެފާނުންގެ ނަންފުޅުގައި ގޮށްތަކެއް ޖަހައިގެން އަންޞާރިއްޔަ މިވެނި ބޭކަލެއްގެ ވަޅެއްގެ ދޮށަށް ގޮސް އެވަޅަށް އެތަކެތި ލިއެވެ. ހަމަ އެހިނދުން އެހިނދަށް ދެމަލާއިކަތަކު އިތުރު އެކަލޭގެފާނުންގެ އަރިހަށްވަޑައިގަތެވެ. އެދެބޭކަލުން އެކަލޭގެފާނުންގެ އަރިހުގައި އިށީނދެ ވަޑައިގެންފިއެވެ. އެއްބޭކަލަކު އިސްތަށިފުޅާ ވީކޮޅުގައެވެ. އަނެއްބޭކަލަކު ފައިންޕުޅާވީ ކޮޅުގައެވެ. ފުރަތަމަ މަލާއިކަތާ އެއްސެވިއެވެ. ރަސޫލާއަށް އުނދަގޫފުޅު ވަނީ ކޮން ސަބަބަކާ ހުރެތޯއެވެ؟ ދެވަނަ މަލާއިކަތާ ވިދާޅުވިއެވެ. އެއީ އެކަލޭގެފާނުންގެ އަރިހަށް ވަދެނިކުމެއުޅޭ މީހަކު އެކަލޭގެފާނުންގެ ނަންފުޅުގައި ޖަހައިގެން އުޅޭ ސިހުރު ގޮށްތަކެއްގެ ސަބަބުންނެވެ. އެއަށްފަހު އޭނާވަނީ އެތަކެތި މިވެނި އަންޞާރީ ބޭކަލެއްގެ ވަޅުތެރޭގައި ވަޅުލާފައެވެ. އެހެންކަމުން ރަސޫލާ މީހަކު ފޮނުއްވައިގެން އެވަޅުތެރެއިން އެއެއްޗެހި ނަންގަވައިފިނަ ވަޅުގެ ފެންގަނޑު ރީނދޫވެދާނެއެވެ. ރާވީ ވިދާޅުވެފައި ވެއެވެ. ވަގުތުން ކީރިތި ރަސޫލާ މީހަކު ފޮނުއްވައިގެން އެއެއްޗެހި ނަންގަވައި އޭގައިހުރި ސިޙުރު ބާޠިލް ކުރެއްވެވިއެވެ. ރާވީ ވިދާޅުވެފައި ވެއެވެ. އޭގެ ފަހުންވެސް ސިޙުރު ހެދިކަލޭގެ ކީރިތި ރަސޫލާގެ އަރިހަށް ގޮސް ހަދައެވެ. އެކަމަކު އެވާހަކައެއް ރަސޫލާ އޭނާއަކަށް ނާންގަވައެވެ. އަދި އޭނާއަށް އެކަމުގެ އަދަބެއްވެސް ނުދެއްވައެވެ.
މާތް ﷲ ވަނީ ކީރިތި ރަސޫލާ ސަލާމަތް ކުރަށްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައެވެ.
މާތް ﷲ ފިރުޢައުނުގެ ބޮޑެތި ސިޙުރުވެރިންގެ ސިޙުރުން މޫސާގެފާނު ސަލާމަތް ކުރަށްވައި އެސިޙުރު ބާޠިލް ކުރެއްވިއެވެ. އެއަށްވުރެން ބޮޑަށް އެއިލާހުގެ ލޮބުވެތި ނަބިއްޔާގެ ކަންކަމުގައި އެއިލާހު ރަސޫރާއަށް ބައްލަވައި ވޮޑިގެން އެންމެހައި މީސްތަކުންގެ ނުބައި ޢަމަލުން އެކަލޭގެފާނު ސަލާމަތްކުރަށްވާނެ ކަމަށްވަނީ ވަޢުދުވެ ވޮޑިގެންފައެއެވެ. އަލްމާއިދަތު ސޫރަތުގައި މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. ]وَاللَّـهُ يَعْصِمُكَ مِنَ النَّاسِ ۗ[﴿٦٧﴾ (މާނައީ: ހަމަގައިމު މާތްﷲ ޙަސަދަވެރިންގެ ނުރައްކާތެރި ޢަމަލުތަކުން ކަލޭގެފާނު ސަލާމަތް ކުރަށްވާނެއެވެ.) އެހެންކަމުން ކީރިތި ރަސޫލާވަނީ ތާއަބަދު މާތް ﷲގެ ސީދާ ބެއްލެވުމުގެ ދަށުގައެވެ. އެކަން ބަޔާންކުރަށްވައި ޠޫރު ސޫރަތުގައި މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. ]وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ[ ﴿٤٨﴾ މާނައީ: އޭނަބިއްޔާއެވެ! ކަލޭގެފާނުންގެ ވެރިއިލާހުގެ ޙަޟުރަތުން ޙަވާލުވެވިފައިވާ ނަބީކަން މީސްތަކުންނަށް ފޯރުކޮށް ދެއްވުމުގައި ބިރުފުޅުގެން ވަޑައިގަތުމެއްނެތި ކެތްތެރިކަމާއެކު މަސައްކަތްޕުޅު ކުރަށްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނާއި ކަލޭގެފާނުންގެ މަސައްކަތްޕުޅުވަނީ ތިމަން އިލާހުގެ ޚާއްޞަ ބައްލަވައި ވޮޑިގަތުމުގެ ދަށުގައެވެ. ވުމާއެކު ތެދުވެ ވަޑައިގަންނަވާ ކޮންމެހިނދަކު ﷲއަށް ތަސްބީޙަ ކިއުއްވައި ޙަމްދު ވިދާޅުވާށެވެ. މިއެވެ.
- އަޅުގަނޑުގެ އިލްތިމާސް:
އެންމެ ފަހު ބަހަކަށް އަޅުގަނޑު ބުނެލާހިތްވަނީ މިމައްސަލައާމެދު ބިޔަ ކަނޑުތަކެއް ފަދަ ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ރައުޔާ ޚިލާފުވާން ޖެހުމީ އަޅުގަނޑު ނުހަނު ހިތާމަކޮށް ދެރަވާ ކަމެކެވެ. އެބޭކަލުންގެ ބަސްފުޅަކާ ޚިލާފުވެ އިދިކޮޅު ހެދުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ނޫނެވެ. އަދި އެބޭކަލުންގެ ރައުޔާ އަޅުގަނޑު ޚިލާފުވުމަކީ ފަހަރެއްގައިވެސް އެބޭކަލުންގެ ޢިލްމަށް އުނިކަމެއް އަންނާނެ ކަމެއް ވެސް ނޫނެވެ. އެބޭކަލުންނަކީ ޢިލްމީ މާސިންގާ ބިޔަ ކަނޑުތަކެވެ. އަޅުގަނޑަކީ އެކަނޑުގައި ދިރިއުޅެމުންދާ ކުޑަކުޑަ ރެއްސެއްފަދަ މީހެކެވެ.
އަޅުގަނޑުގެ ދުޢާއަކީ ސަލަފުއްޞާލިޙުންގެ ތެރޭގައި ހިމެނިވަޑައިގެން ކީރިތި ރަސޫލާގެ ނަބަވީ މަދްރަސާއަށް ނިސްބަތްވެ ވަޑައިގަންނަވާ އެންމެހައި ދަންނަބޭކަލުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އެއެންމެހައި ބޭކަލުންނަށް ދެއްވުމެވެ. އަދި އެބޭކަލުންގެ ޢިލްމީ ނޫރާނީ ބަގީޗާތަކުގައި ބުލްބުލްތަކެއް ފަދައިން އިޚްލާޞްތެރި ހިތްތަކަކާއެކު އުދުހި އުދުހި އުޅުމުގެ ތައުފީޤު އަޅުގަނޑަށާއި މިފަދަ ޢިލްމީ މަސައްކަތްކުރަމުންދާ އަޅުގަނޑުގެ އަޚުންނަށާއި އުޚުތުންނަށް ދެެއްވުމެވެ. އާމީން!