އިންޑިއާއިން 2030އާ ހަމައަށް، ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު އިގްތިސާދަށް ވާނެ ކަމަށް އެސް އެންޑް ޕީ ގްލޯބަލް ރޭޓިންސް އިން ލަފާ ކޮށްފިއެވެ. އެއާއެކު އިންޑިއިން އޮންނާނީ، އެމެރިކާ އާއި ރިޕަބްލިކް އޮފް ޗައިނާއަށް ފަހު ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައެވެ.
ދުނިޔޭގެ ބާރުގަދަ އިގްތިސާދީ ގައުމުތަކުގެ ސަފަށް ވަނުމަށް އިންޑިއާއިން ދަތުރު ފެށީ، 90 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ނަމަވެސް، 2014 ވަނަ އަހަރު ބީޖޭޕީގެ ވެރިކަމާއެކު މިދިޔަ 10 އަހަރު ތެރޭގައި އިންޑިއާގެ ހަލުވި އިގްތިސާދީ ކުރިއެރުން އިތުރަށް ހަލުއި ކުރެވިފައި ވެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސާދު ބަރުހެލިވެ، ދުވެލި ލަސްވާއިރު އިންޑިއާގެ ހަލުއި އިގްތިސާދީ ތަރައްގީ އަކީ ގިނަ ގައުމުތަކުގެ ދިރާސާއަކަށް ވެފައިވާ ކަމެކެވެ.
ބުނެވޭގޮތުގައި އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން މިވަގުތު ޗައިނާގެ އިޤްތިޞާދީ ކުރިއެރުމަށްވުރެ ގާތްގަނޑަކަށް ދެގުނަ ބާރުމިނުގައި ހިނގަމުން ދެއެވެ. އަދި އެދުވެލި އުޅެނީ އެމެރިކާއަށްވުރެ ތިންގުނަ ބާރުމިނުގައި ކަމަށވެސް ބުނެއެވެ.
އިންޑިއާއިން ވަނީ އަސްކަރީ ސިނާއަތާއި އިލެކްޓްރޮނިކާއި ސެމީކޮންޑަކްޓަރގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އުފެއްދުންތައް ކުރިއަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައެވެ.