ބަލޫޗީ އާމީން ސިފައިންނާ ދެކޮޅަށް ހަމަލަ ދީފި

ބަލޫޗިސްތާންގެ “މިނިވަންކަމަށް ތާއީދުކުރާ” ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ބަލޫޗިސްތާނުގެ ދުކީގައި ހުންނަ ޕާކިސްތާނުގެ ސިފައިންގެ މަރުކަޒަކަށް ހަމަލަ ދީފައި އެ ހަމަލާއަށް ޒިންމާ އުފުލައިފިއެވެ.

މީޑިއާއަށް އާންމުކޮށްފައިވާ ބަޔާނެއްގައި ބީއެލްއޭގެ ތަރުޖަމާނު ބުނެފައި ވަނީ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ސިފައިންނަށް ޙަމަލަ ދީފައި ވަނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. އަދި ސިފައިންގެ ދެ މަރުކަޒަކަށް ރޮކެޓުން ހަމަލަ ދިން ކަމަށް އެއްބަސްވިއެވެ.

ބީއެލްއޭ އިން ބުނާ ގޮތުގައި މި ހަމަލާގައި ޕާކިސްތާނުގެ ސިފައިންގެ ހަތަރު މީހަކު މަރުވެފައި ވެއެވެ. އަދި ހައެއްކަ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެއިން ބައެއް މީހުންގެ ނަންވެސް ބަލޯޗް އާމީން ވަނީ ދީފައެވެ.

ބަލޫޗީންގެ ތަރުޖުމާން ކިޔައިދިން ގޮތުގައި އެ ގްރޫޕްގެ ހަނގުރާމަވެރިން ދިން ހަމަލާއަށް ފަހު ސިފައިން ވަނީ ފަހަތަށް ޖެހިފައެވެ. އަދި ސިފައިން ވަކި އަމާޒެއް ނެތި އެމީހުންނާ ދިމާއަށް އެކި ދިމަދިމާއިން ބަޑި ޖެހިކަމަށްވެސް އޭނާ ކިޔައިދިނެވެ.

ބަލޫޗް ލިބަރޭޝަން އާމީ އިން ބުނީ މިހަމަލާގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕާކިސްތާނުގެ ސިފައިންގެ އިންޓަރ ސާވިސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ދުއްކީގައި ދިން ހަމަލާއާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް