އިންޑިއާގެ ސްޓާޓްއަޕް ފައުންޑަރުންގެ މުސާރަ 2024 ވަނަ އަހަރު ދަށްވެފައިވާ ކަމަށް ދައްކައެވެ. އިންކް42 އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މި އަހަރު އިންޑިއާގެ 28 އައު ސްޓާޓްއަޕްގެ ބާނީންގެ ތެރޭގައި ހިމެނޭ، 51 ފައުންޑަރުންނަށް ޖުމްލަކޮށް މުޅި އަހަރު ދުވަހު މުސާރައިގެ ގޮތުގައި 34.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މިއީ ނިސްބަތުން ބޮޑު މުސާރަތަކެއް ކަމަށް ފާހަގަ ކުރެވުނުނަމަވެސް ޑޭޓާއިން ދައްކާ ގޮތުގައި މުޅި އިންޑިއާގައި ސްޓާޓްއަޕް ފައުންޑަރުންގެ އެވްރެޖް މުސާރަ އަހަރުން އަހަރަށް ބަލާއިރު %26.9 ދަށްވެފައިވެއެވެ.
ސްޓާޓްއަޕް ފައުންޑަރުންގެ އެވްރެޖް މުސާރަ މިދިޔަ އަހަރު އުޅުނީ، 9.2 މިލިއަން ޑޮލަރުގައެވެ. އެއާ ޚިލާފަށް މިއަހަރު، މުސާރަ އުޅުނީ 6.7 މިލިއަން ޑޮލަރުގައެވެ.
މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަރާތްތަކުގެ ތެރޭގައި އީ-ކޮމާސް ޕްލެޓްފޯމް ގެ ބާނީއެވެ. އޭނާ ވަނީ 12.5 މިލިއަން ޑޮލަރުގެ މުސާރައެއް ގެންގޮސްފައެވެ. ނަމަވެސް މިއީ އޭނާގެ ކުރީ އަހަރުގެ މުސާރަ ކަމަށްވާ 24.2 މިލިއަން ޑޮލަރަށް ވުރެ ދެގުނަ ދަށްވުމެކެވެ. ފަސްޓްކްރައި އަށް މި އަހަރު އޮޕަރޭޓިން އިންކަމްގެ ގޮތުގައި 781.6 މިލިއަން ޑޮލަރު ލިބުނު ނަމަވެސް 38.7 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެސް ލިބިފައިވެ އެވެ.
ދެވަނައަށް އެންމެ ގިނައިން މުސާރަ ނަގާފައި ވަނީ، ޒީރޯޑާގެ ދެ ފައުންޑަރުން ނެވެ. އެމީހުން ކުރެ ކޮންމެ މީހަކަށް 4.1 މިލިއަން ޑޮލަރުގެ އަހަރީ މުސާރައެއް ލިބިފައިވެ އެވެ. ޒީރޯޑާ އިން ވަނީ މި އަހަރު 1.1 ބިލިއަން ޑޮލަރުގެ އޮޕަރޭޓިން އިންކަމަކާއި 66.4 މިލިއަން ޑޮލަރުގެ ސާފު ފައިދާއެއް ދައްކާފައެވެ.
ކެޕިލަރީ ޓެކްނޮލޮޖީސްގެ ބާނީ ވަނީ މި އަހަރު 1.6 މިލިއަން ޑޮލަރު މުސާރައެއް ނަގާފައެވެ. އަދި އެއަށްފަހު ދެން އެންމެ ގިނައިން މުސާރަ ނަގާފައި ވަނީ ރޭޓްގޭންގްގެ ބާނީއާއި ޕޭޓީއެމްގެ ބާނީއެވެ.
ދުނިޔޭގައި އަލަށް ފަށާ ވިޔަފާރިތައް ކަމަށްވާ ސްޓާޓްއަޕް އެންމެ ގިނައިން އުޅެނީ އިންޑިއާގައެވެ.