ދަނޑިއަލުވި އިންދާ ހައްދާނެ ގޮތް

(މިއީ ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން ސަރުކާރުގައި ޝާއިއުކުރި ލިޔުމެއް)

ދަނޑިއަލުވިއަކީ އެމޭޒޯނިޔާ ސަރަޙައްދުން ދުނިޔެއަށް ތަޢާރަފްވެގެން އައިސްފައިވާ ބާވަތެކެވެ. މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހައްދަމުން ގެންދާ މިބާވަތަކީ ދުނިޔޭގެ 800 މިލިޔަން މީހުންގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނިފައިވާ ބާވަތެކެވެ. ކޮންމެ ކަހަލަ ފަސްގަނޑެއްގައިވެސް މާ އުނދަގޫކަމެއްނެތި ހައްދާލެވޭ މިބާވަތް އުފެއްދުމަށް މާބޮޑު ހޭދައެއް ކުރަން ނުޖެހުމަކީ ކުދި އަދި މެދުފަންތީގެ ދަނޑުވެރިންގެ މެދުގައި މިބާވަތް މަޤުބޫލުވާ އެއް ސަބަބެވެ.

މުޑުވައް ޚިޔާރުކުރުން:

ދަނޑިއަލުވި މުޑުވައް ކުރަނީ ގަހުގެ ދަނޑިގަނޑު ރޯކޮށްގެންނެވެ. ކުރިން ހައްދަމުން ދިޔަ ދަނޑިއަލުވި ގަސްތަކުން ދަނޑިއަލުވި ކޮނުމަށްފަހު، އެގަސްތައް ގާތްގަނޑަކަށް 1 ފޫޓު ދިގުމިނުގައި ބުރިބުރި ކޮށްލުމަށްފަހު ރޯކޮށް ހުއްޓާ އިންދަން ބޭނުންވާ ސަރަޙައްދުގައި އަލުން އިންދާނީއެވެ.

ރަނގަޅު މުޑުވަކެއް ޚިޔާރު ކުރުމަށްޓަކައި:

  • މުޑުވައް ކުރުމަށް ބޭނުންކުރާ ގަހުން ލިބިފައިވާ ދަނޑިއަލުވިއަކީ ބޭނުންކުރާ ފަރާތްތަކުން ގަޔާވާފަދަ ސިފަތަކެއް ހުންނަ ދަނޑިއަލުވިއެއްކަން ޔަޤީން ކުރަންވާނެއެވެ.
  • – މާބޮޑެތި ޕްރޮސެސް ކުރުންތަކަކާ ނުލާ ފަސޭހަކަމާއެކު ރޯފިލުވާލައިގެން ކެވޭ ވައްތަރުގެ މުޑުވަކަކަށްވުން މުހިންމެވެ.
  • – މީހުން އެންމެ ބޮޑަށް ބަލައިގަންނަ ދަނޑިއަލުވީގެ މުޑުވަކަކީ އޭގައި މީރު ފޮނި ރަހައެއް އެކުލެވޭ، ފަސޭހަ ކަމާއެކު ރޯފިލުވާލައިގެން ބޭނުންކުރެވޭ މުޑުވައްތަކެވެ.

ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރާނަމަ:

ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަމުގެ ތެރޭގައި ދަނޑިއަލުވި ހެއްދުމަށް ގަސްތު ކުރައްވާނަމަ މުޑުވަކަށް ޚިޔާރުކުރާ ގަހުން ފައިބާ ދަނޑިއަލުވީގެ ބޮޑު މިނާއި، ދަނޑިއަލުވި ފޭބުމަށް ނަގާ މުއްދަތު ކުރުވުމާއި އާންމުކޮށް ޖެހޭ ބަލިތައް ޖެހުން ދުރު ރަނގަޅަށް ހެދިފައިވާ ޞިއްހަތު ރަނގަޅު ގަހަކުން ނަގާ މުޑުވަކެއްކަން ޔަޤީންކުރުން މުހިންމެވެ.

ރާއްޖޭގައި އާންމުކޮށް ހައްދާ މުޑުވައްތަކުން 10 މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގައި ހާވެސްޓްކުރެވޭނެއެވެ.

ބިން ތައްޔާރުކުރުން:

  • – ދަނޑިއަލުވި ހައްދަން އެންމެ ރަނގަޅީ ފަސޭހައިން ފެންހިނދޭ ގިނައިން ކަޅުފަސް ހިމެނޭ ސަރަހައްދުތަކެވެ.
  • – ފާއިތުވީ 1 އަހަރު ދުވަހުގެ ތެރޭގައި އެބިމުގައި ހައްދަމުން ގެންދިޔަ ބާވަތްތަކާއި ދިމާވި ފަނިފަކުސާއާއި ބަލިތަކުގެ މައްސަލަތައް ރަނގަޅަށް ދިރާސާކޮށްލަންވާނެއެވެ.
  • -ގަހަށް ބޭނުންވާ ތަފާތު މިނެރަލްތަކުން މުއްސަނދިވެފައިވާ ބިންގަނޑެއްގައި ދަނޑިއަލުވި އިންދައިފިނަމަ ގަސް ވަރުގަދަޔަށް ހެދި ގަހުގެ ދިފާއީ ނިޒާމު ވަރުގަދަވެގެންދާނެއެވެ.

ގަސް އިންދާނެ ގޮތް:

  • – ގާތްގަނޑަކަށް 6-8 ފޫޓަށް ހެދޭ މިގަސް އިންދާނީ އެއްގަސް އަނެއް ގަހާ ދެމެދު ގާތްގަނޑަކަށް 2 ފޫޓު ދުރުމިނުގައެވެ.
  • – ގާތްގަނޑަކަށް ދޮޅުފޫޓުގެ ވަޅުގަނޑަކަށްވާގޮތަށް 1 ފޫޓު ފުންމިނުގައި ފަސްގަނޑު ޖަހާލަންވާނެއެވެ.
  • – ބެޑެއް ތައްޔާރު ކުރާނަމަ ދެބެޑުގެ ދެމެދުން ދެފޫޓު ދޫކުރުމަށްފަހު ދޮޅުފޫޓުގެ ބެޑުތަކެއް ހަދާލާށެވެ.
  • – ބެޑުތައް ނުވަތަ ވަޅުތައް ފަސްގަނޑު ޖަހަމުންދާއިރު ބޮޑެތި ގަލާއި އަކިރި އަދި ކުނިފަދަ އެއްޗެތި ހުރިނަމަ ވަކިކޮށްލާށެވެ.

ގަސްތަކަށް ޖެހޭ ބަލިތައް:

ދަނޑިއަލުވި ގަސްތަކަށް ގެއްލުންދޭ ސޫފާސޫފީގެ ތެރޭގައި މީލީބަގް، ހުދުކޫޑި، ސްކޭލް، މައިޓް ހިމެނެއެވެ. ގަސްތަކަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ކަސާވާ މޮޒެއިކް، ކަސާވާ ބެކްޓީރިއަލް ބްލައިޓް، ކަސާވާ އެންތްރެކްނޯސް އަދި ކަސާވާ ބަޑް ނެކްރޯސިސް ހިމެނެއެވެ.

ރާއްޖޭގައި ދަނޑިއަލުވި ހައްދާއިރު ދިމާވާ މައިގަނޑު މައްސަލަތަކަކީ:

  • – އުދުހޭ ހުދުކޫޑި
  • – ސްކޭލްސް
  • – ވައިރަސް
  • – މީލީބަގް

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ކުރިން އެދަނޑެއްގައި ހައްދަމުން ގެންދިޔަ ބަލިތައް ރަނގަޅަށް ދެނެގަނެ އެދަނޑެއްގައި ބައްޔެއް ނޫޅޭކަން ޔަޤީންކުރުން.
  • – ކުރިން އެދަނޑެއްގައި ހައްދަމުން ގެންދިޔަ ބަލިތައް ރަނގަޅަށް ދެނެގަނެ އެދަނޑެއްގައި ބައްޔެއް ނޫޅޭކަން ޔަޤީންކުރުން.
  • – ފަސްގަނޑު މުއްސަނދި ބިމެއް ޚިޔާރުކުރުން.
  • – ޤަވާއިދުން ދަނޑުތެރެ ސާފު ކުރަމުން ގެންދިއުން.
  • – ފަސްގަނޑު މުއްސަނދިކޮށް ދެމެހެއްޓުމަށްޓަކައި ހިކިފަތްފަދަ ފީވެ ހަލާކުވާފަދަ ތަކެތި ދޭތެރެދޭތެރެއިން ބިންގަނޑަށް އަޅަމުން ގެންދިއުން.
  • – ހަފްތާއަކު ވާރޭނުވެހި ގިނަދުވަސްވާނަމަ މަދުވެގެން ހަފްތާއަކު ދެފަހަރު ގަސްތަކަށް ފެންޖަހާލުން.
  • ދަނޑުވެރިކަމާއި ގުޅޭ މިފަދަ ތަފާތު ގިނަ ފަންނީ މައުލޫމާތު "ދަނޑުވެރިޔާ" ޕޯޓަލް އިން ލިބެން ހުންނާނެއެވެ.

މަސްދަރު:

ދަނދުވެރިޔާ ޕޯޓަލް ލިންކް: https://dhanduveriya.gov.mv/knowledge-base

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް