އެމެރިކާ ސަރުކާރުން އަނިޔާ ކުރުމަށް ހިންގާ ގުއަންޓަނާމޯ ޖަލަށް އެމެރިކާއިން ބޭރުކޮށްލާ ހިޖުރަވެރިން ގެންދަން ފަށައިފިއެވެ.
މިގޮތުން އެންމެ ފުރަތަމަ ފްލައިޓް އިއްޔެ ހަވީރު ކިއުބާގައި ހުންނަ ގުއަންޓަނާމޯ ބޭގައި ޖައްސާފައިވާ ކަމަށް އެމެރިކާގެ މަސްއޫޅުވެރިން ބުނެއެވެ.
އެމެރިކާއިން ވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި މުސްލިމުން އެމރިކާއަށް ހަމަލަ ދިނީކަމަށް ތުހުމަތުކޮށް، ގިނަ އަދަދެއްގެ މުސްލިމުން ވަގަށް ނަގައިގެން ގުއަންތަނާމޯއަށް ގެންގޮސްގެން އަނިޔާކޮށްފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ ފަރާތްތަކުން ބުނަނީ އެއީ އިންސާނީ ހައްގުގެ ތާރީޚުގައި ޖެހިފައި ލައްގަނޑެއް ކަމަށާއި އެއީ އިންސާނީ ހައްގު ނިގުޅައިގަންނަ ބްލެކް ހޯލެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުއަންޓަނާމޯ ބޭގެ ފެސިލިޓީއަކީ ހިޖުރަވެރިން ބަންދުކޮށް ބޭތިއްބުމަށް ބޭނުންކުރާނެ ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެމެރިކާގެ އަމާޒަކީ މިހާރުން މިހާރަށްވެސް އެތާގައި 30،000 މީހުން ބަންދު ކުރާށެވެ. އަދި މުސްތަގްބަލުގައި އެ އަދަދު 75 ހާހަށް އިތުރު ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް މި ފިޔަވަޅާ ދެކޮޅަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން އަޑުއުފުލަން ފަށާފައިވެއެވެ. މިގޮތުން ފިޝާ (FISA) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ގުއަންޓަނާމޯއަށް ހިޖުރަވެރިން ފޮނުވުމަކީ ވަރަށް ފުން އަނިޔާވެރި، ޚަރަދު ބޮޑު ފިޔަވަޅެއް" ކަމަށެވެ. އަދި މިއީ "ވަކީލުންނާއި އާއިލާ އަދި ސަޕޯޓް ސިސްޓަމްތަކުން މީހުން އެކަހެރިކޮށްލައި ކަޅު ކަށްވަޅަކަށް ވައްޓާލައިގެން އެމެރިކާ ސަރުކާރަށް އެމީހުންގެ އިންސާނީ ހައްގުތައް ލޯމަތިން ބީކޮށްލުމަށް ހިންގާ އަމަލެއް" ކަމަށެވެ.
ފިޝާއިން ގޮވާލާފައިވަނީ "މިހާރު އަދި އަބަދަށްޓަކައި ގުއަންތަނާމޯގެ އަނިޔާވެރި ޖަލު ބަންދުކޮށްލުމަށެވެ."
