ވެލެންޓައިންސް ޑޭއާ ދިމާކޮށް، އިންޑިއާނާޕޮލިސްގައި ކުއްޖަކު އޭނާ ކިޔަވަމުންދާ ސްކޫލުގައި ދަރިވަރުންނާ ދިމާއަށް ބަޑިޖަހަން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރި އަންހެން ދަރިވަރަކީ 18 އަހަރުގެ ޓްރިނިޓީ ޝޮކްލީ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެކުއްޖާއަށް ތުހުމަތުކޮށްފައި ވަނީ ބަޔަކު މަރާލަން ރޭވުމާއި، ބިރުދައްކަން ރޭވިކަމުގެ ތުހުމަތުގައެވެ.
އޭނާ ބަންދުކޮށްފައި ވަނީ ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް އިންޑިއާނާގެ މާޓިންސްވިލްގެ މޯގަން ކައުންޓީ ޖަލުގައި ކަމަށް އޭބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ.
ކޯޓަށް ހުށަހެޅި ލިޔުންތަކުން ދައްކަނީ، ބަޑީގެ ހަމަލަ ދޭން އުޅޭކަމަށް ރިޕޯޓު ކުރާ އެފްބީއައިގެ "ސޭންޑީ ހޫކް ޕްރޮމިސް ސޭ ސަމްތިންގް އެނޮނިމަސް ރިޕޯޓިން" ސިސްޓަމަށް ގުޅައި މައުލޫމާތު ދިން މީހަކު ވަނީ އޭނާގެ ރަހުމަތްތެރިޔާ އެފަދަ ހަމަލައެއް ރާވަމުންދާ ކަމަށް ބުނެފައެވެ. އަދި އެކުއްޖާ އާރް-15 އިގެ ރައިފަލެއް (ފޮޓޯގައި) ހޯދިކަމަށާއި ބުލެޓްޕްރޫފް ވެސްޓެއް އޯޑަރު ކުރި ކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މައުލޫމާތުން އެނގުނީ، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފްލޮރިޑާގެ ހައި ސްކޫލުގައި ބަޑިޖަހާ ގިނަ ބަޔަކު މަރާލި ނިކޮލަސް ކްރޫޒުގެ ހާދިސާއިން އޭނާ ހިތްވަރު ލިބިފައިވާ ކަމަށެވެ.
2018 ވަނަ އަހަރު ދިން ހަމަލާގައި ކްރޫޒް ވަނީ 14 ދަރިވަރަކާއި ތިން ސްޓާފުން މަރާލާފައެވެ.
ފުލުހުން ކުއްޖާގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ކޮޓަރިން، ސްކޫލުތަކުގައި ބަޑިޖެހުމުގެ ހާދިސާގައި އުޅުނު 3 މީހެއްގެ ޕޯސްޓަރުތައް ފާރުގައި ހިތްޕާފައި ވަނިކޮށް ފެނިފައި ވެއެވެ.
އޭބީސީ ނިއުސްއިމް ބުނިގޮތުގައި ކުއްޖާގެ ފޮތް ދަބަހާއި ލެޕްޓޮޕްގެ ވޯލްޕޭޕަރު ވެސް ޒީނަތްތެރިކޮށްފައިވަނީ އެމީޙުންގެ ފޮޓޮއިންނެވެ.
އަދި 2003 ވަނަ އަހަރު ގެ ފިލްމެއް ކަމަށްވާ "ޒީރޯ ޑޭ" ގެ ޕޯސްޓަރެއް ވެސް އޭނާގެ ކޮޓަރިން ފެނިފައިވެ އެވެ. މިފިލްމަކީ ގިނަބައެއްގެ ތެރެއަށް ބަޑިޖެހުމުގެ ހާދިސާތަކެއްގެ މަންޒަރު ދައްކާ ފިލްމެކެވެ.
މިކުއްޖާ ތަހުގީގުގައި ބުނެފައި ވަނީ ސްކޫލުގައި ބަޑިޖަހަން ވާހަކަ ދެއްކީ މަޖަލަކަށް ކަމަށެވެ.

