އިއާސާ ސެޓްފިކެޓް ހާސިލުކޮށްގެން ޤައުމީ އެއަރލައިން ޝަރަފްވެރި މަގާމަކަށް

ޔޫރަޕްގައި ރަޖިސްޓަރީ ކުރެވިފައިވާ މަތިންދާބޯޓުތަކަށް މަރާމާތުގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިއާސާ ޕާޓް-145 ސެޓްފިކެޓް ހާސިލުކޮށްގެން ޤައުމީ އެއަރލައިން ހިންގާ ކުންފުނި އައިލެންޑް އެވިއޭޝަނަށް އިތުރު ކުރިއެރުމެއް ހާސިލުކޮށްފިއެވެ. މިއީ އެ ކުންފުންޏަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ޤައުމީ އެއަރލައިނުން ފާހަގަކޮށްފައިވެއެވެ.

މަތިންދާބޯޓު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގެންގުޅޭ މިންގަނޑެއްގެ ގޮތުގައި ޕާޓް-145 ބޭނުންކުރެއެވެ. މި ސެޓްފިކެޓް ދޫކުރަނީ އެކި ޤައުމުތަކުގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާތަކުންނެވެ. މި ސެޓްފިކެޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އަދި ޤަބޫލުކުރެވޭ ދެ ސެޓްފިކެޓަކީ އެމެރިކާގެ އެފްއޭއޭ އާއި ޔޫރަޕިއަން ޔޫނިއަންގެ އިއާސާގެ ސެޓްފިކެޓެވެ.

އައިލެންޑް އެވިއޭޝަންގެ އިންޖިނިއަރުންނަށް މިހާރު ވަނީ އިއާސާ ހިމެނޭގޮތަށް 12 ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއަކުން މަތިންދާބޯޓު މަރާމާތުކުރުމުގެ ހުއްދަ ލިބިފައެވެ. އިއާސާ ސެޓްފިކެޓް ލިބުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަންނަ ޔޫރަޕިއަން މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ. މިހާރުވެސް އެއަރބަސްގެ ބޮޑެތި ބޯޓުތަކާއި، ބޮއިންގ 777 އަދި 787 ފަދަ ވައިޑްބޮޑީ މަތިންދާބޯޓުތަކަށް މެއިންޓެނެންސްގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން އެ ކުންފުނީގެ މުވައްޒަފުންނަށް ލިބިފައިވެއެވެ.

އައިލެންޑް އޭވިއޭޝަނަށް އިޔާސާ ޕާޓް-145 ސެޓްފިކެޓް ލިބުމާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ކުރެއްވި ޓުއީޓެއްގައި، ވިދާޅުވީ މިއީ ރާއްޖޭގެ އެވިއޭޝަން މެއިންޓެނެންސް ޚިދުމަތުގެ ދާއިރާއަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޤައުމީ އެއަރލައިން ޒަމާނީކޮށް، ބާރުވެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ހާސިލު ކުރެވުނު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން  މިދާއިރާގައި މަސައްކަތް ކުރާ ދިވެހި ޒުވާނުންގެ ފެންވަރުމަތިވެ އެމީހުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް