ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އަށް މިހާރު ދަނީ ޝައްކުތަކާއި ނާކާމިޔާބީތައް އިތުރުވަމުންނެވެ. އެއް ޒަމާނެއްގައި ދުނިޔޭގެ އިންފްރާސްޓްރަކްޗާއަށް ގޭމް ޗޭންޖަރެއްގެ ގޮތުގައި ދެކުނު މި އިނިޝިއޭޓިވްއަށް މިހާރު ދަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.
އިޓަލީ، އަދި ބްރެޒިލް ފަދަ ބޮޑެތި އިގްތިސާދުތަކުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭ ދަރަނިތަކާއި ޗައިނާގެ ނުފޫޒު ބޮޑުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ބީއާރުއައިއާ ދުރުވެފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު ތުރުކީ އާއި ކެންޔާއާއެކު 19 ގައުމަކުން ވަނީ އާރްބީއައިގައި ބައިވެރި ނުވާނެ ކަމަށް ބުނެ މަޝްރޫއުތައް ހުއްޓާލިކަން ފާހަގަކުރެވެއެވެ.
ބީއާރުއައިގެ ގިނަ މަޝްރޫއުތައް ނުނިމި ނުވަތަ މާލީ ގޮތުން ބުރަ މަޝްރޫއުތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިގޮތުން، ޕާކިސްތާނުގެ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) އަށް ވެސް ދަތިތަކެއް ކުރިމަތިވެފައި ވެއެވެ. ގްވަދާރް ބަނދަރަށް އެދެވޭ ވަރަކަށް ވިޔަފާރިއެއް ނުލިބެއެވެ. ގަވަދާރުން ކަޘްގަރަށް އޮތް މުހިއްމު ހައިވޭ ނިމިފައެއް ނުވެއެވެ.
ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރު 99 އަހަރުގެ ކުއްޔެއްގެ ދަށުން ޗައިނާއާ ހަވާލުކޮށްފައިވާ މައްސަލައަކީ "ދަރަނި މަޅި ޑިޕްލޮމެސީ" ގެ އިންޒާރެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ. މިކަމުގެ ސަބަބުން ބީއާރުއައިގެ މަޝްރޫއުތަކާ މެދު ގިނަ ގައުމުތަކުން ދަނީ ޝައްކު އުފައްދަމުންނެވެ.
މުޅި ސައުތުއީސްޓް އޭޝިއާގައި ބީއާރުއައިގެ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވަނީ އެންމެ 35 ޕަސެންޓް މަޝްރޫއުތަކެވެ.
މިއީ ބައިނަލްއަގްވާމީ އެހެން އިސްނެގުމަކަށް ވުރެ މާ ފަހަތުގައިވާ މިންވަރެކެވެ.
ގައުމުތަކުން އެމީހުންގެ އެންގޭޖްމަންޓް އަލުން ވަޒަންކުރާއިރު، ބީއާރުއައި އަކީ ތަރައްގީގެ މޮޑެލްއެއްގެ ބަދަލުގައި ދަރަނި މަޅިއެއްގެ ގޮތުގައި ދެކޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.





