މީގެ އެއް އަހަރު ކުރިން، ފެބްރުއަރީ 8، ގައި ޕާކިސްތާނުގެ އާންމު އިންތިހާބުގެ ކާމިޔާބީއަށް ފަހު ޝެހްބާޒް ޝަރީފް ހުވައި ކުރެއްވީ ވަގަށް ނަގާފައިވާ މެންޑޭޓެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.
ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ޕާކިސްތާން ވަނީ ސިޔާސީ ހަލަބޮލިކަމާއި އިގްތިސާދީ މާޔޫސްކަމާއި ސަލާމަތީ ނުރައްކާތަކުގެ ތެރެއަށް ފުންކޮށް ވަދެފައެވެ.
ޖަލުގައި ހުންނެވި އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީން ވަނީ ޚާންގެ ޖަލުގެ ހަރުކަށި ޝަރުތުތައް ކުށްވެރި ކޮށްފައެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ޝެހްބާޒް ޝަރީފްގެ ސަރުކާރުގެ ފިޔަވަޅުތަކަށް ފާޑުކިޔާފައެވެ.
ޕާލިމެންޓަރީ މެޖޯރިޓީ ލިބިވަޑައިގެންފައި ނެތް ޝަރީފް ގެ ޕާކިސްތާން މުސްލިމް ލީގުނަވާޒް އިން ދަނީ ސިފައިންނަށް ބަރޯސާ ވަމުންނެވެ.
މިބަރޯސާވުން އިތުރު ވެފައި ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 26 ވަނަ ގާނޫނުއަސާސީއށް އިސްލާހު ގެނައުމާ އެކު ޕާކިސްތާނުގެ ޖުޑީޝަލް ކޮމިޝަން އޯވަހޯލް ކުރުމުންނެވެ. ސިޔާސީ ގޮތުން އައްޔަންކުރާ ފަނޑިޔާރުންނަށް ފުރުސަތުދޭ މި އިސްލާހުގެ ސަބަބުން ޝަރުއީ މިނިވަންކަން ހަނިވެ، ޑިމޮކްރެޓިކް ވަސީލަތެއްގެ ގޮތުން ސަރުކާރަށް ފާރަވެރިވާ ބައެއްކަމަށް ކޯޓުތައް އޮންނަ އޮތުން ނިމުމަކަށް ގެނައީއެވެ.
ޕާކިސްތާންގެ މިފިޔަވަޅަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓުންގެ ނުރުހުން ވަނީ ލިބިފައެވެ.
މީޑިއާ މިނިވަންކަންވެސް ހަނިކޮށްފައި ވެއެވެ. ފޭކް ނިއުސް ހުއްޓުވުމުގެ ނަމުގައި އެކުލަވާފައިވާ އިލެކްޓްރޯނިކް ކްރައިމްސް ހުއްޓުވުމުގެ ގާނޫނަށްގެނައި ބަދަލުން މިނިވަންކަން ވަނީ ހަނިވެފައެވެ.
އިގްތިސާދީ ގޮތުން ޝަރީފް ގެ ސަރުކާރުން ވަނީ އައިއެމްއެފްގެ ހަތް ބިލިއަން ޑޮލަރުގެ ލޯނަކަށް އެދިފައެވެ. ނަމަވެސް ޕާކިސްތާނުގެ ރިޒާވް ވަނީ ހީނަރުވެފައެވެ. އެކްސްޕޯޓް ވަނީ ޖީޑީޕީގެ 8 ޕަސެންޓަށް ދަށްވެފައެވެ.
މިދިޔަ އަހަރު އިންޓަނެޓް ކަނޑާލުމުން 1.62 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ޕާކސްތާނަށް ކުރިމަތިވިއެވެ.
ސަލާމަތީ ހާލަތުވެސް ހަމައެފަދައެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކަނި ވެސް ޚައިބަރު ޕަޚުތޫންޚުވާއާއި ބަލޫޗިސްތާނުގައި ހަނގުރާމަވެރިންގެ ހަމަލާތަކުގައި ގާތްގަނޑަކަށް 60 ސިފައިން މަރުވެފައިވެ އެވެ.
ޕޯލިއޯ ކޭސްތައް 2024 ވަނަ އަހަރު 74 އަށް އަރާފައިވެއެވެ.
ޕާކިސްތާން ވަނީ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގެ 135 ވަނަ އަށް ވެއްޓިފައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލިސް މެމްބަރުންގެ މުސާރަ 300 ޕަސެންޓް ބޮޑުކުރުމަށް ޝަރީފް ވަނީ ފެހި ސިގްނަލް ދެއްވާފައެވެ.
މިއީ އިންފްލޭޝަން ބޮޑުވުމާއި ވަޒީފާނެތް މީހުންގެ އަދަދު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ގައުމުގެ ހާލަތު އިހުސާސް ނުކުރެއްވޭ ކަމުގެ ނިޝާނެކެވެ.




