ޓެރަރިސްޓް ހަމަލަ ދިނީ ލަޝްކަރުގެ ބައެއް

އިންޑިއާއިން ބުނެފައި ވަނީ ޕަހަލްގާމް ހަމަލާއަކީ ލަޝްކަރު-އޭ-ތައިބާއާ ގުޅުން ހުރި ބަޔަކު ދިން ހަމަލައެއް ކަމަށެވެ. މިކަމުގައި ބައިވެރިވި މީހުންގެ އަދަދު 3 އަށް ވުރެން އިތުރު ވެއެވެ، ނަމަވެސް ޚާއްސަކޮށް މި ތިން މީހުން ފާހަގަކޮށް، މިމީހުން ބޭނުންކުރީ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ ކަމަށް ބުނެއެވެ. އިންޑިއާގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފު ވިދާޅުވީ މިހަރު ލަޝްކަރޭ ތައްޔިބާ އޮޕަރޭޓެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ބުނަނީ އެއީ ޒިންމާއިން ރެކެން ޕާކިސްތާނުން ބުނާ ވާހަކައެއް ކަމަށެވެ.

މި ހަމަލައަށްފަހު އިންޑިއާއިން ވަނީ ޕުލްވާމާގައި ހުންނަ ތޯކަރުގެ ގެ ތަޅާލައިފައެވެ. އަދި މިމީހުން ހޯދައި ދޭ ބަޔަކަށް 24،000 ޑޮލަރުގެ އިނާމެއް ދިނުމަށްވެސް ހުށަހަޅާފައެވެ. ޕަހަލްގާމްގެ ޓެރަރިސްޓް ހަމަލަ އައިސްފައި ވަނީ ކަޝްމީރުގައި ފަތުރުވެރިކަން އާލާވެ، އިގްތިސާދު ހަމައަކަށް އެޅެމުން ދަނިކޮށެވެ. އިންޑިއާއިން ވަނީ މި ފަހަކަށް އައިސް ކަޝމީރުގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި އަދަދުތަކުން އިންވެސްޓް ކޮށްފައެވެ.

ކަޝްމީރުގެ ޕަހަލްގަމް ވާދީގައި ޓޫރިސްޓް ހޮޓަލެއްގައި ތިބި ފަތުރުވެރިންނަށް ހަމަލަދީ 26 މީހުން މަރާލި ޓެރަރިސްޓް ހާދިސާގައި ޕާކިސްތާން މީހުން ބައިވެރިވާ ކަމަށް އިންޑިއާގެ ޖާސޫސީ އިދާރާއިން ބުނެއެވެ. މިމީހުންނަކީ މަތީ ފެންވަރުގެ ތަމްރީން ލިބިފައިވާ މީހުން ކަމަށާއި އެމީހުންގެ އަތުގައި ސަރުކާރަކަށް ނޫނީ ނުލިބޭ ވައްތަރުގެ ހަތިޔާރު ކުރިކަމަށްވެސް ބުނެއެވެ. މި ޓެރަރިސްޓް ހަމަލާ ކުރިއަށް ގެންދިޔައީ ޕާކިސްތާނުގައި ތަމްރީނު ލިބިފައިވާ ކަޝްމީރުގެ ހަނގުރާމަވެރިޔާ އަދީލް އަހުމަދު ތޯކަރު ކަމަށް ބުނެއެވެ. އޭނާއަކީ ކިޔަވާ ކުއްޖެއްގެ ވިސާގައި ޕާކިސްތާނަށް ކިޔަން ދިޔަ ކުއްޖެއް ކަމަށާއި ފަހުން ކަޝްމީރަށް އައީ ޕާކިސްތާނުގެ ދެ މީހަކާއެކު ކަމަށް ބުނެއެވެ.

މި ހާދިސާއިން ސަލާމަތްވި މީހުން ބުނާ ގޮތުގައި އެމީހުންނާ ވާހަކަ ދެއްވި މީހުންގެ ތެރޭން ދެ މީހެއްގެ ބަހުރުވަ ޕާކިސްތާންގެ ޕަންޖާބު ބަހުރުވައާ އެއްވައްތަރު ކަމަށްވެސް ބުނެއެވެ.

ކަޝްމީރު މީހުން ވަނީ އިޖުތިމާއީ ރޫހެއްގައި ނިކުމެ މި ހަމަލަ ކުށްވެރިކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފަތުރުވެރިކަމާހެދި ތިޔާގި ވަމުން އައި ޕަހަލްގަމް މިހާރު ވަނީ މުޅިން ފަޅުވެފައެވެ. ފަތުރުވެރިން ވަނީ އެހިސާބު ދޫކޮށް ގޮސްފައެވެ،

ހިއްސާ ކުރައްވާ!