ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ އިދާރާތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މޯލްޑިވްސް 2.0 ޕްރޮގްރާމްގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ދަޢުވަތު ދެއްވައިފައެވެ. މި ދަޢުވަތު ދެއްވާފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތެއް ފަށާ ކޮންމެ ފަހަރަކު ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާ ސަބަބާމެދު ރައީސް މުޢިއްޒު ސުވާލު އުފައްދަވާފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅެވެ. އަދި މިއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ދެފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ނިޒާމުގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށާއި، ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖޭގެ ދަރަޖަ މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ އެދުމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން މި ޕްރޮގްރާމާ މެދު ދެކޭގޮތް އަދި ރައީސްގެ ދަޢުވަތަށް އިޖާބަދޭނެ ގޮތެއް މި ވަގުތު އެނގިފައެއް ނުވެއެވެ.

