ޓްރަމްޕްގެ ފޭކު ޖެއްސުން ބޭޒާރުކޮށްލައިފި

ދެކުނު އެފްރިކާގައި ހުދު ނަސްލުގެ މީހުން މަރާލާފައިވާ ކަމުގެ ހެކިތަކެއް ކަމަށް ބުނެ، ދެކުނު އެފްރިކާގެ ރައިސާ ޓްރަމްޕް ވައިޓްހައުސްގައި ބައްދަލު ކުރެއްވިއިރު ފޭކް ޖެއްސެވިކަމަށް މީޑިއާއިން ބުނެއެވެ. އެ ބައްދަލުވުމުގައި ދޮން މީހުން މަރާފައިޥާ ކަމަށް ބުނެ ޓްރަމްޕް ދެއްކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ނަގާފައިވާ ރޮއިޓާޒްގެ ވީޑިއޯއެއްގެ ސްކްރީން ޝޮޓުތަކެއް  ކަމަށް ބުނެ މީޑިއާއިން ޓްރަމްޕްގެ ފޭކު ޖެއްސުން ބޭޒާރުކޮށްލައިފިއެވެ.

ވައިޓް ހައުސްގައި ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާއާއެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޑިޕްލޮމެޓިކް އާދަކާދަޔާ ޚިލާފަށް ނާތަހުޒީބު ސުލޫކެއް ބޭނުން ކޮށްފައެވެ. އެބައްދަލުވުމުގައި ޕްރިންޓުކޮށްފައިވާ ފޮޓޯތަކެއް ދައްކަމުން ޓްރަމްޕް ވިދާޅުވީ "މިއީ މަރާފައިވާ ހުދު ދަނޑުވެރިން ވަޅުލަމުންދާ މަންޒަރު" ކަމަށެވެ.

ނަމަވެސް ޙަޤީޤަތަކީ، އެއީ ރޮއިޓަރސްއިން 3 ފެބްރުއަރީގައި ޝާއިޢުކޮށްފައިވާ ކޮންގޯގެ ގޯމާ ސިޓީގައި ހަނގުރާމައިން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަޅުލުމަށް ގެންދާ މަންޒަރެކެވެ. މި މަންޒަރު ނަގާފައިވަނީ ރުވާންޑާގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ އެމް23 ބާޣީންނާ ދެކޮޅަށް ހިންގި ހަނގުރާމައަކާ ގުޅިގެން ކަމަށް ރޮއިޓަރސްއިން ބުނެފައި ވެއެވެ.

ޓްރަމްޕްގެ ފޭކް ވާހަކަތައް ސާފުކޮށް ދިނުމަށް އެދުމުން ވައިޓް ހައުސްއިން އެއްވެސް ޖަވާބެއް ނުދިން ކަމަށް މީޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!