ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ތިން ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ، އެންމެ ދިގު މުއްދަތަކަށް 15 އަހަރާ ހަމައަށް ޖަލަށްލުމާއި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.
މި ދައުވާތައް އުފުލާފައިވަނީ ބިދޭސީއެއްގެ އަތުން 500,000 ރުފިޔާ ނަގައި، އެ މީހާ ބަންދުން ދޫކޮށްލުމަށް އިރުޝާދު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި، ޝަމްއާން މި ފައިސާގެ ތެރެއިން 400,000 ރުފިޔާ އަމިއްލައަށް ބަލައިގަނެ، އޭގެ ތެރެއިން ބައެއް އޭނާގެ ސްޓޫޑަންޓް ލޯނުތަކަށް ދެއްކުމަށް ބޭނުންކޮށްފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އިތުރު ހަތަރު އިމިގްރޭޝަން އޮފިސަރުންގެ މައްޗަށްވެސް އެކި ދައުވާތައް އުފުލާފައިވެއެވެ. މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ކަމާބެހޭ ސެކްޝަންތަކުގެ ބޭރުން ކަމަށާއި، މި އޮޕަރޭޝަނަކީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި، ބިދޭސީއަކު އަތުން ނެގި ފައިސާ ޝަމްއާން ދިރިއުޅޭ އިމާރާތަށް ގެންގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.





