ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރު ޚާނު އޭނާގެ ދަރިފުޅު ޖުނައިދު ޚާނުގެ ފިލްމު "ލަވްޔަޕާ" ފޭލްވުމާ ގުޅޭގޮތުންނާއި ނެޕޮޓިޒަމްއާ ބެހޭގޮތުން އޭނާގެ ޚިޔާލު ފާޅުކޮށްފިއެވެ. ރާޖް ޝަމާނީއާއެކު އޮތް ބަސްދީގަތުމުގައި އާމިރު ޚާނު ވަނީ އޭނާގެ ކުދިންގެ މުސްތަޤުބަލަކީ އޭނާއަށް އަމިއްލަ މުސްތަޤުބަލަށް ވުރެ މުހިންމު އެއްޗެއް ކަމަށް ބުނެފައެވެ.
"ލަވްޔަޕާ" އަކީ ޖުނައިދު ޚާނާއި ޚުޝީ ކަޕޫރު ލީޑް ރޯލުގައި ފެނުނު ރޮމެންޓިކް ކޮމެޑީ ފިލްމެކެވެ. އާމިރު ޚާނު ބުނިގޮތުގައި އޭނާއަށް މި ފިލްމު ކަމުދިޔަ ނަމަވެސް، ބޮކްސް އޮފީހުގައި މި ފިލްމު ފޭލްވެފައި ވާ ކަމަށެވެ. އޭނާ ސިފަކޮށްދިން ގޮތުގައި ޖުނައިދު ވަނީ މި ފިލްމުގައި ރަނގަޅު އެކްޓެއް ދައްކާފައެވެ.
"މިސްޓަރ ޕަރފެކްޝަނިސްޓް" ގެ ނަމުންވެސް މަޝްހޫރު އާމިރު ޚާނު ބުނިގޮތުގައި ޖުނައިދުގެ އެންމެ ފާހަގަ ކޮށްލެވޭ ޚާއްޞަ ސިފައަކީ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓަރަށް ވަރަށް ފުރިހަމައަށް ބަދަލުވުމުގެ ޤާބިލުކަމެވެ. "ލަވްޔަޕާ" ފޭލްވި ސަބަބާ ގުޅޭގޮތުން އާމިރު ޚާނު ބުނީ މި ފިލްމަށް ނެގެޓިވް ރިވިއުތަކެއް ލިބުނީ ނެޕޮޓިޒަމްގެ ބަހުސްގެ ތެރެއަށް ވަދެގެންނެވެ. ގިނަ ބަޔަކު ވަނީ ޖުނައިދުއަކީ "ނެޕޯ ކިޑް" އެއް ކަމަށް ބުނެ ފާޑު ކިޔާފައެވެ. ނަމަވެސް އާމިރު ޚާނު ބުނިގޮތުގައި އޭނާއާއި ޖުނައިދުއަކީ އެފަދަ ސިފައަކުން ސިފަ ކުރެވޭނެ ބައެއް ނޫން ކަމަށެވެ.
އެކަން އިތުރަށް ސާފުކޮށްދިނުމަށްޓަކައި އޭނާގެ ދައްތަ ނިއްކަތު ޚާނުގެ މިސާލު ދެއްކިއެވެ. އޭނާ ބުނިގޮތުގައި ނިއްކަތު ޚާނު އެކްޓިންގ ފަށާފައިވަނީ 50 އަހަރުގެ އުމުރުގައެވެ. އަދި އޭނާއަށް ލިބުނު ހުރިހާ ރޯލެއްވެސް ލިބިފައިވަނީ ސްކްރީން ޓެސްޓް ހަދައިގެންނެވެ. އާމިރު ޚާނު ބުނިގޮތުގައި އޭނާގެ ގާތް މީހުންނަށް މަސައްކަތް ހޯދައިދިނުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތަށް ކަން ކުރުމަކީ ފިލްމަށް ވެސް އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ދެކޭތީއެވެ.







