ފަލަސްތީނުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އަގްސާ ޠޫފާނާ ގުޅިގެން ޔަހޫދީ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ފެށިފަހުން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 18،243 ދަރިވަރުން ޝަހީދުކޮށްލައިފައެވެ. އަދި 31،643 ދަރިވަރުން ޒަޚަމް ކޮށްފައި ނޫނީ ނުކުޅައްދާފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ސާފުކޮށްދީފައިވާ ގޮތުގައި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ފެށިފަހުން، ޝަހީދުކޮށްފައިވާ ދަރިވަރުންގެ އަދަދު 17،175 އަށް ވުރެ މައްޗަށް އަރާފައިވެއެވެ. އަދި، ޒަޚަމްވި ދަރިވަރންގެ އަދަދު 26،264 އަށް އަރާފައިވެ އެވެ.
ހުޅަނގު އައްސޭރީގައި 140 ދަރިވަރުން ޝައީދުކޮށްފައި ވެއެވެ. އަދި 927 ދަރިވަރުން ޒަޚަމްކޮށްލައި، 768 ދަރިވަރަކު ވަނީ ހައްޔަރުކޮށްފައެވެ.
ޔަހޫދީން ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތެރޭގައި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި 928 ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރުން ޝަހީދުކޮށްލާފައެވެ. އަދި 4،452 ޓީޗަރުން ޒަޚަމް ކޮށްލައި، ހުޅަނގު އައްސޭރިން 199 އަށް ވުރެ ގިނަ ޓީޗަރުން ހައްޔަރުކޮށްފައެވެ.
ޔަހޫދީން ވަނީ ގަސްތުގައި ޣައްޒާގެ 360 ސްކޫލަކަށް ހަމަލަދީ އެތަންތަން ހަލާކުކޮށްލާފައެވެ. އުންރުވާއިން ހިންގާ 91 ސްކޫލަކަށް ބޮން އަޅާފައި ވެއެވެ.
ޔަހޫދީން ހަލާކުކޮށްލާފައިވާ ޔުނިވާސިޓީ އިމާރާތުގެ އަދަދު 60 އަށް އަރައެވެ. މިތަންތަން ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.
ހުޅަނގު އައްސޭރީގައި ޖެނިން، ޠޫލްކަރަމް ސަލްފިޠު އަދި ޠޫބާސްގެ ބައެއް ސްކޫލްތަކުގެ ފާރުތައް ވަނީ ވައްޓާލާފައެވެ. އަދި ހުލަނގު އައްސޭރިން 152 ސްކޫލަކާއި އަށް ޔުނިވާސިޓީއަކާއި ކޮލެޖަކަށް ހަމަލަ ދީފައި ވެއެވެ.

