އެއާ އިންޑިއާ ވެއްޓުނީ އިންޖީނުތަކަށް ތެޔޮ ކަނޑާލުމުން

މިދިޔަ މަހު ވެއްޓުނު އެއާ އިންޑިއާ މަތިންދާބޯޓު ވެއްޓުނު ހާދިސާ ހިނގާފައި ވަނީ އުދުއްސާލިތާ މާގިނައިރުތަކެއް ނުވެ ބޯޓުގެ އިންޖީނުތަކަށް ތެޔޮ ކަނޑާލާފައި ވުމުން ކަމަށް އިބްތިދާއީ ރިޕޯޓުގައި ބުނެފި އެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބޮއިންގް 787 ޑްރީމްލައިނާގެ ކޮކްޕިޓްގައި ހުރި ފިއުލް ކޮންޓްރޯލް ކުރާ ސްވިޗްތައް ހުރީ "ކަޓްއޮފް" ޕޮޒިޝަނަކަށް ބަދަލު ކޮށްފައެވެ.

ރިޕޯޓް ގައި ބުނެފައިވަނީ “އިންޖީނު 1 އަދި އިންޖީނު 2 ގެ ފިއުލް ކަޓްއޮފް ސްވިޗްތައް ބަދަލު ވެފައި ވަނީ ސިކުންތެއްގެ ތަފާތަކުން ނެވެ.

“އިންޖީނުތަކަށް ތެޔޮ ސަޕްލައި ކެނޑުމުން އިންޖީނު އެން1 އަދި އެން2 ގެ ބޯޓު މައްޗަށް ނަގައި ދިނުމުގެ ބާރު ދަށްވާން ފެށީ.”

އޭރު ކޮކްޕިޓްގައި ހަލަބޮލިކަމެއް އުފެދުނެވެ.

ކޮކްޕިޓްގެ ވާހަކަތަކުގެ އަޑު ރެކޯޑިންގައި އެއް ޕައިލެޓަކު އަނެއް ޕައިލެޓު ކައިރިން އަހަނީ ތެޔޮ ކަނޑާލި ކީއްވެތޯ އެވެ. އޭގެ ޖަވާބު ގައި އަނެއް ޕައިލެޓް ބުނަނީ އޭނާ އެފަދަ ކަމެއް ނުކުރާ ކަމަށެވެ.

15 ސަފުހާގެ ރިޕޯޓުގައި ފްލައިޓުގެ ކެޕްޓަން ދެއްކި ވާހަކަތަކާއި ފުރަތަމަ އޮފިސަރު ދެއްކި ވާހަކަތަކަކީ ކޮބައިކަން ފާހަގަކޮށްފައެއް ނުވެއެވެ. އެ ޕައިލެޓުންގެ ތެރެއިން އެކަކު ވަނީ ބޯޓު ވެއްޓުމުގެ ކުރިން "މޭޑޭ، މޭޑޭ، މޭޑޭ" އަށް ގޮވާލާފައެވެ.

ދެ ޕައިލެޓުންނަކީ ވެސް ތަޖުރިބާކާރު ޕައިލެޓުން ކަމަށާއި އެ ދެ ޕައިލެޓުންގެ މެދުގައި ގާތްގަނޑަކަށް 19،000 ގަޑިއިރު އުދުހުމުގެ ތަޖުރިބާ ހުރި ކަމަށާއި އޭގެ ތެރޭގައި 787 އުދުއްސުމު ގައި 9،000 އަށް ވުރެ ގިނަ ގަޑިއިރުގެ ތަޖުރިބާ ހުރި ކަމަށް ވެއެވެ.

މަތިންދާބޯޓު ގެ އިންޖީނަށް ތެޔޮ ދިއުން އެންމެ ގިނައިން ކަނޑާލަނީ ބޯޓެއް އެއާޕޯޓް ގޭޓަށް އާދެވުމުން ނެވެ. ނޫނީ ކުއްލި ހާލަތްތަކުގައި އިންޖީނުތައް ނިއްވާލުމަށެވެ.

އިންޖީނު ކަނޑާލަން ޖެހޭ ކުއްލި ހާލަތެއް ދިމާވި ކަމަށް ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ. އަދި ސްވިޗްތައް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވި ގޮތާ މެދު އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް