ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ، ޖުލައި މަހުގެ 28 އިން 30 އަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒާއި ރައީސް ޑިސަނަޔަކަ ދެބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ.
މި ދަތުރުފުޅަކީ، ރައީސް ޑިސަނަޔަކަ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން، މި އަހަރު ފާހަގަކުރާނީ ދެގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ކަމަށްވާއިރު، މި ދަތުރުފުޅަކީ އެގޮތުން ވެސް މުހިންމު ދަތުރުފުޅެކެވެ.
