އިންޑިއާއާއި ޗައިނާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާތައް

ޗައިނާއިން އިންޑިއާއާއެކު މަޝްވަރާތައް ރަސްމީކޮށް ކުރިއަށްދާކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އަލުން ބާރުއެޅުމުގެ އިޝާރާތެކެވެ. މިކަން އިއުލާން ކޮށްފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ނިއުދިއްލީއަށް ވަޑައިގެން ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު އަޖިތު ޑޯވަލްއާ މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގަ އެވެ.

ބެއިޖިން އިން އަދި މި ދަތުރު ކަށަވަރު ނުކުރި ނަމަވެސް، ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ ތަފްސީލުތައް ހާމަކުރާނީ "ވަގުތު ޖެހުމުން" ކަމަށާއި، ޗައިނާއިން އިންޑިއާއާ އެކު "ދެ ފަރާތުގެ އިތުބާރު އިތުރުކޮށް އެއްބާރުލުން ބަދަހި ކުރުމަށް" މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ބާރުއަޅާ ކމަށް ވިދާޅުވިއެވެ.

މި މަޝްވަރާ ކުރިއަށް ގެންދަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ހިމާލަޔާގެ މުހިއްމު ސަރަހައްދުތަކެއް ކަމަށްވާ ލިޕުލެކް، ޝިޕްކީ ލާ އަދި ނަތޫ ލާ މެދުވެރިކޮށް ބޯޑަރު ވިޔަފާރި އަލުން ފެށުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިންނެވެ. އިންޑިއާގެ މި ސަގާފީ ވިޔަފާރީގެ މަގުތައް އަލުން އާލާކުރުމަށް މަޝްވަރާތައް އަލުން ފަށާފައިވާކަން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި ގްލޯބަލް ސައުތުގެ ގުޅުމުގެ ތެރޭގައި ޗައިނާއާއި އިންޑިއާގެ ގުޅުމުގެ ސްޓްރެޓެޖިކް މުހިންމުކަން ފާހަގަކުރައްވައި، ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން ފަދަ މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން ދިނުމަށް ގޮވާލާފައި ވެއެވެ.

މި ކަންކަމަކީ އޭޝިއާގެ ބޮޑު ދެ ގައުމުގެ ގުޅުންތަކުގައި ފަރުވާތެރި ނަމަވެސް ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް