ސުޕްރީމް ކޯޓުން ތައިލެންޑްގެ ބޮޑުވަޒީރު މަޤާމުން ދުރުކޮށްފި

ތައިލެންޑްގެ ދުސްތޫރީ ކޯޓުން ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޕައިޓޮންގްޓާން ޝިނަވަތްރާ މަޤާމުން ދުރުކޮށްފައިވާ ކަމަށް ޙުކުމް ކޮށްފައެވެ. ޕައިޓޮންގްޓާން ޝިނަވަތްރާއަކީ، އޭނާގެ ބައްޕަ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަތްރާގެ ސަޕޯޓާއެކު ވެރިކަމަށް ވަޑައިގަތް ފަސްވަނަ ބޮޑުވަޒީރެވެ.

ކޯޓުން މި ނިންމުން ނިންމީ ކެމްބޯޑިއާގެ ލީޑަރު ހުން ސެންއާއެކު ކުރެއްވި ފޯނު ކޯލެއް ލީކުވުމާ ގުޅިގެންނެވެ. މި މުވާސަލާތުގައި އޭނާ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ކޯޓުން ނިންމާފައި ވެއެވެ. މި ފޯނު ކޯލުގައި އޭނާ ވަނީ ސުލްހަވެރި ގުޅުމެއް ކެމްބޯޑިއާއާއެކު ބާއްވަން ބޭނުންފުޅުވާ ކަން ފާޅު ކުރައްވައި، އަދި ސިފައިންގެ އިސް ވެރިއަކާ މެދު ފާޑުކިޔުންތަކެއް ރައްދު ކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ވެރިކަން ހިންގާ ކޮއެލިޝަންގެ މުހިންމު ބައިވެރިއަކު ވެސް ވަނީ ކޮއެލިޝަނުން ވަކިވެފައެވެ. އަދި "ފިއު ތާއި" ޕާޓީގެ މަޤްބޫލުކަން ވެސް ވަނީ ދަށަށް ގޮސްފައެވެ. މި ފޯނު ކޯލު ލީކުވުމާ ގުޅިގެން ސިޔާސީ ހަލަބޮލިކަން އިތުރުވެ، ކެމްބޯޑިއާއާ ތައިލެންޑާ ދެމެދު އޮތް ސަރަހައްދީ ގުޅުންތައްވެސް ވަނީ ގޯސްވެފައެވެ.

މިހާރު ތައިލެންޑްގެ ޕާލިމެންޓަށް ކުރިމަތިވެފައިވަނީ ހަނި އަޣުލަބިއްޔަތެއް އޮތް ޕާޓީތަކެއްގެ ތެރެއިން އައު ބޮޑުވަޒީރަކު ހޮވުމުގެ ގޮންޖެހުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް އިންތިޚާބެއް ބާއްވަން ޖެހިދާނެ ކަމުގެ ފުރުސަތު އޮތްކަމަށްވެސް ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް