ޖެން ޒީ ގެމުޒާހަރާތަކަށް ފަހު ޕެރޫގައި ފެށި ހަމަނުޖެހުންތައް ކޮންޓްރޯލު ނުކުރެވިގެން އެގައުމުގެ ވަގުތީ ރައީސް ކުއްލި ހާލަތު އިއުލާން ކުރައްވައިފިއެވެ.
ޕެރޫގެ ވަގުތީ ރައީސް ހޮސޭ ޖެރީ ވަނީ އިތުރުވަމުންދާ ކުށްތަކާ ކުރިމަތިލުމަށްޓަކައި، ވެރިރަށް ލިމާ އަދި އެ ރަށާ އިންވެގެންވާ ކަލާއޯގައި 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. މި ހާލަތުގައި މަގުމަތީގައި ސިފައިން އުޅުމާއި، އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމުގެ ބާރު ލިބިގެންދާނެއެވެ.
މިއީ މީގެ ދެ ހަފްތާ ކުރިން މަޤާމާ ހަވާލުވެވަޑައިގަތް ވަގުތީ ރައީސް ނަންގަވާ ފުރަތަމަ މުހިންމު ފިޔަވަޅެވެ. ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި ކުށްކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި މިކަމުގެ ސަބަބުން އެތައް ހާސް ޢާއިލާތަކަށް ދަތިތަކާ ކުރިމަތިވެ، ގައުމުގެ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނީ ވެރިރަށް ލިމާގައި ހިނގި އިހުތިޖާޖުގައި މުޒާހަރާކުރި މީހަކު މަރުވެ، އެތައް ފުލުހުންނަކަށް އަނިޔާވުމަށް ފަހުއެވެ. މި އިހުތިޖާޖުތަކުގައި ބައިވެރިވި މަދަނީ ޖަމްޢިއްޔާތަކާއި ޖެން ޒީ ގެ ޒުވާނުން ގޮވާލާފައިވަނީ އިތުރުވަމުންދާ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.
ޕެރޫގެ ދަތުރުފަތުރުގެ ދާއިރާގައި އަމާންކަން ގެއްލިފައި ވެއެވެ، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 47 ބަސް ޑްރައިވަރުން މަރާލެވިފައިވެއެވެ. މިހަމަނުޖެހުން ތަކުގައި 10 އޮކްޓޯބަރުގައި ރައީސާ ދީނާ ބޮލުއާޓެ ވަނީ މަޤާމުން އަޒުލުކޮށް، 2026 ގެ ޖުލައިއާ ހަމައަށް ޖެރީ ވަނީ ވަގުތީ ރައީސްގެ މަޤާމާ ހަވާލުވެ ވަޑައިގެންފައެވެ.

