އަފްޣާނިސްތާންގެ މަޒާރޭ ޝަރީފް ޚާއްސަ ވަނީ ކީއްވެ؟

އަފްޣާނިސްތާނުގެ އުތުރުގައި ވެރިރަށް ކާބުލް އާ 320 ކިލޯމީޓަރު ދުރުގައި، އޮންނަ ޚާއްސަ، މަޒާރޭ ޝަރީފް ސިޓީއަކީ އަފްޣާން މީހުންގެ ގާތު އެ ޤައުމުގެ އެންމެ މުޤައްދަސް އަދި ރަމްޒީ ރަށްތަކުގެ ތެރޭން ހިމެނޭ ޚާއްސަ ރަށެކެވެ. މަޒާރޭ ޝަރީފްގެ މާނައަކީ ފާރިސީ ބަހުން “މާތް ޒިޔާރަތް” އެވެ. އެއީ މި ސިޓީގައި މުހިންމު ޒިޔާރަތެއް ހުންނާތީއެވެ. އަދި މި ޒިޔާރަތަކީ އޭގެ ހަގީގަތާ މެދު ޝައްކު ކުރާ ބަޔަކު ޝައްކު ކުރާ ޒިޔާރަތެކެވެ. މި ޒިޔާރަތް ނިސްބަތް ކޮށް ބުނަނީ އިމާމް އަލީގެފާނު ފަސްދާނު ލެވިފައި ވަނީ މި ޒިޔާރަތުގައި ކަމަށެވެ. ނަމަވެސް ޝީޢާ މަޒުހަބުގެ އެހެން ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޢަލީގެފާނު ފަސްދާނު ލެވިފައި ވަނީ އިރާޤްގެ ނަޖަފްގައެވެ. އަދި ދާދި ފަހުން އާސާރީ ހޯދުން ހޯދާ ބަޔަކު ވަނީ އިރާޤްގައި އަލީގެފާނު ހަނގުރާމަ ކުރެއްވި ތަނާއި ޝަހީދުވެވަޑައިގަތް މައިދާންވެސް ހޯދާފައެވެ.

މަޒާރޭ ޝަރީފް ޚާއްސަ ވެފައި ވަނީ މި ޒިޔާރަތް ހަދާފައިވާ މިސްކިތުންނެވެ. މިއީ އިސްލާމީ އިމާރާތް ކުރުމުގެ ފަންނުވެރިކަމުގެ ރަމްޒެކެވެ. މި މަޝްހޫރު މި މިސްކިތަށް ނޫކުލައިގެ މިސްކިތުގެ ނަމުންވެސް ނަން ދެވެއެވެ. އެއީ އޭގައި ބޭނުންކޮށްފައިވާ ފައިރޫޒު ކުލައިގެ ސަންގުމަރުމަރު ހިލައިގެ ސަބަބުން ފެންނަ ކުލައިން ދީފައިވާ ނަމެކެވެ.

މަޒާރޭ ޝަރީފްގެ މިސްކިތް ބިނާކުރި ކަމަށް ބެލެވޭ ތާރީޚު ގުޅިފައިވަނީ 12 ވަނަ ޤަރުނާއެވެ. ބަލްޚްގެ ޢިލްމުވެރިއަކަށް ފެނުނު ހުވަފެނަކަށް ފަހު އެ މިސްކިތް ބިނާ ކުރުމުގެ ޚިޔާލު ފާޅު ކުރެއްވިއެވެ.

މުނާފިގު ޚަވާރިޖީއެއް ކަމަށްވާ އަބްދުއްރަޙުމާނު އިބުނު މުލްޖަމްގެ ޣަދަރުވެެރި ހަމަލާއިން ޣީލާ މަރެއްގައި އަލީގެފާނު އަވަހާރަކޮށްލުމުން އެކަލޭގެފާނު ސިއްރިއްޔާތުގައި ފަސްދާނު ވަޑުވާފައިވާ ތަނާ މެދު ޚިޔާލު ތަފާތު ވެފައި ވެއެވެ.

ބަލަޚުގެ އިލްމުވެރި ކަލޭގެފާނު ވިދާޅުވީ އޭނާއަށް ހުވަފެނުގައި އެތާނގައި އަލީގެފާނުގެ މަޤްބަރާ އޮތްކަމަށް ފެނުނު ކަމަށެވެ. އެއަށް ފަހު ސަލްޖޫޤީ ދަރިކޮޅުގެ ސުލްޠާން ސަންޖަރު ބިން މަލިކް ޝާހް އެތާނގައި ޒިޔާރަތެއް ބިނާކުރެއްވިއެވެ.

ރާއްޖެ ފިޔަވައި ދެކުނު އޭޝިއާގެ ހުރިހައި ގައުމެއްގައި ހެން މުސްލިމުން ނަދުރު ބުނެ، ގަބުރަށް އަޅުކަން ކުރެއެވެ. އެއަށް ޤަބުރު ޕްރަސްތީއޭ ކިޔައެވެ. އަދި އެކަން ކުރާ މީހުންނަށް ބިދުޢަތީންނޭ ވެސް ކިޔައެވެ. މި ބިދުއަތީ ގޮތްތައް އެންމެ ބޮޑަށް އަށަގެންފައިވާ ބޮޑު އާބާދީއެއް އޮންނަނީ ޕާކިސްތާންގައެވެ. ޕާކިސްތާންގެ އާއިލާތަކުން ގަބުރުގެ މިލްކުވެރިކަމާމެދު ދައުވާކޮށް ޚާންދާނީ ހަނގުރާމއަކަށް ކަންކަން ބަދަލުވާ ހިސާބަށް ދެއެވެ. މި ފަހުން ފެނުނު އެފަދަ އެއް މައްސަލައަކީ އިމްރާން ޚާންގެ ޚާރިޖީ ވަޒީރު ޝާހް މަހުމޫދު ޤުރައިޝީއާއި އޭނާގެ ބޭބެއާ ދެމެދު ޖެހުނު މައްސަލައެވެ. އެ ޚާންދާނުން ބަލަހައްޓާ ޒިޔާރަތާ މެދު ދެބެއިން ދެ ބަސްވެ ޝަރީއަތަށް މައްސަލަ ހުށަހެޅިއެވެ. ހަމައެފަދައިން އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީއަކީވެސް ޤަބުރު ޕްރަސްތީއެވެ. އޭނާޒިޔާރަތެއް ބަލަހައްޓަވާތީ އޭނާއަށް އަންހެން ޕީރު އޭވެސް ކިޔައެވެ.

ކޮންމެއަކަސް ސަލްޖޫޤީ ސުލްޠާން ސަންޖަރު ބިން މަލިކް ޝާހް ބިނާކުރެއްވި ޒިޔާރަތާއި އެ ޒިޔާރަތާއެކު ބިނާކުރެއްވި މިސްކިތުން މަޒާރޭ ޝަރީފް ވަނީ ސިޓީއަކަށްވެ މަޝްހޫރު ވފައެވެ.

ކުރިން މުސްލިމުންނާ ދެކޮޅަށް ނިކުމެ އުޅުނު، އަދި ފަހުން އިސްލާމްވެ އިސްލާމް ދީނަށް ޚިދުމަތް ކުރި މޮންގޯލް ދަރިކޮޅުން މަޒާރޭ ޝަރީފް ލޫޓުވާލައި އެ ޒިޔާރަތާއި މިސްކިތް ހަލާކުކޮށްލިއެވެ. އަލުން އެ މިސްކިތް ބިނާކުރެވުނީ 15 ވަނަ ޤަރުނުގައި ތައިމޫރީ ދަރިކޮޅުގެ ސުލްޠާން ޙުސައިން މީރްޒާ ބައިޤަރާގެ އަމުރުފުޅަށެވެ. އެ ސުލްޠާން އެ މިސްކިތް ބިނާ ކުރެއްވުމަށް، ހޭރާތާއި، ސަމަރުޤަންދު، އަދި ބުޚާރާގެ އެންމެ މޮޅެތި ބިނާވެރިންނާއި ޓައިލް މަސައްކަތްތެރިން ގެންނެވިއެވެ. މިހާރު ފެންނާން އެހެރަ އިސްމާލީ ބިނާވެރިކަމާއި ފީރޯޒީ ގުއްބުތަކާއި އުސް މުންނާރުތަކުން ޒީނަތްތެރިވެފައިވާ މިސްކިތަކީ އެކަމުގެ ނިޝާނެކެވެ. މިސްކިތުގެ ފާރުތައް ވަނީ ނޫކުލައިގެ އޮފްދާރު ޓައިލްތަކުން ޖަރީކޮށްފައެވެ. އަދި ޚާއްސަ ނިޝާންތަކާއި ކުރެހުންތަކުން އަތްކަން އަޅާފައެވެ.

މި މިސްކިތް އެކުލެވިގެންވަނީ މައި ނަމާދުކުރާ ހޯލަކާއި، އެ ހޯލުގެ ވަށައިގެންވާ ބޭރު ފެންޑާއާއި ހިޔާކޮށްފައިވާ ކޮރިޑޯތަކެއްގެ މައްޗަށެވެ. މި ބިނާގެ މަތީގައި ހަތަރު އުސް މުންނާރާއި، މަޒާރޭ ޝަރީފް ސިޓީގެ އުދަރެހުން ފާޅުކޮށް ފެންނަން ހުންނަ ބޮޑު ގުއްބު ހިމެނެއެވެ. އެތެރޭގެ ޒީނަތްތެރިކަން ފެށިފައިވަނީ އުޑު ނޫކުލައިން ފެށިގެން ވިލު ނޫ ކުލައާ ހަމައަށް ނުލުގެ ކުލަތަކުންނެވެ. މި ކުލަތައް ވަނީ ކޫފީ އަތު ލިޔުމާއި ޘުލުޘް އަތުލިޔުމުން ލިޔެފައިވާ ޤުރުއާނުގެ އާޔަތްތަކާ ގުޅިލާމެހިފައެވެ. މި ފަންނުވެރިކަމުގެ ސަބަބުން ފުން އިޙްސާސް ގެނެސްދޭ ފުރިހަމަ މަންޒަރެއް ފެނިގެން ދެއެވެ.

ނޫކުލައިގެ މިސްކިތަކީ ހަމައެކަނި އަޅުކަންކުރާ މަރުކަޒެއް ނޫނެވެ. ޤަރުނުތަކެއް ވަންދެން މިއީ ޢިލްމީ މަރުކަޒެކެވެ. އެއީ، ޢިލްމުވެރިންނާއި، ޞޫފީންނާއި، ދަރިވަރުން އެއްވާ މަރުކަޒެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ތަނެކެވެ. އަދި އެއީ މުހިންމު ދީނީ މުނާސަބަތްތައް، ޚާއްޞަކޮށް ނައުރޯޒް ޢީދު ފާހަގަކުރާ މައި މަރުކަޒެވެ. މީގެ އިތުރުން، އެއީ، ދީނީ ތަޢުލީމާއި، ޤުރުއާން ހިތުދަސްކުރުމާއި، ފިޤުހު އިލްމާއި ޙަދީޘް އިލްމު އަދި ޢަރަބި ބަސް އުގަންނައިދޭ ޙަލްޤާތަކާއި ދަރުސްތައް ދޭ މަރުކަޒެއްގެ ގޮތުގައި ވެސް ބޭނުން ކުރާ ތަނެކެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ މި މިސްކިތް ޤައުމީ ތަރިކައިގެ ލިސްޓުގައި ހިމަނާފައެވެ. އަދި ޔުނެސްކޯ ފަދަ ޖަމުއިއްޔާތަކުން ވަނީ ބިންހެލުންތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން މިސްކިތަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް، އެތަނުގެ ޒީނަތްތެރިކަން ރައްކާތެރިކުރުމުގައި ބައިވެރިވެފައެވެ.

އަފްޣާނިސްތާނަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމާއި ހަނގުރާމަތަކާ އެކު ވެސް، މަޒާރު ޝަރީފްގެ މިސްކިތް ވަނީ އެ ޤައުމުގެ އެއްބައިވަންތަކާއި ވަޙުދަތު ރަމްޒުކޮށްދޭ ޤައުމީ ނިޝާނެއްގެ ގޮތުގައި ދެމިގެން ގޮސްފައެވެ. އެއީ އެކި ނަސްލުތަކާއި މަޒުހަބުތައް ހިމެނޭ ޤައުމެއްގައި އިސްލާމީ ވަޙުދަތު ދައްކުވައިދޭ މަރުކަޒެކެވެ. އެއީ ހަމައެކަނި ބިނާއެއް ނޫނެވެ؛ އެއީ އެ ޤައުމުގެ ރައްޔިތުންގެ ވާހަކަ ކިޔައިދޭ، އަދި ތާރީޚާއި ދީނާއި ރީތިކަން ބައްދަލުވާ ދިރޭ ހަނދާނެކެވެ.

މަޒާރޭ ޝަރީއަށް ދާން އެންމެ ފަސޭހަ ގޮތަކީ އުޒުބެކިސްތާނަށް އެތެރެ ވުމަށްފަހު، ތިރްމިޒް (އިމާމް ތިރްމިޒީގެ ރަށް) އަށް ދަތުރު ކުރުމެވެ. ތިރްމިޒް އޮންނަނީ އަފްޣާން އުޒްބެކް ސަރަހައްދުގައެވެ. ތިރްމިޒް އިން ޓެކްސީގައި މަޒާރޭ ޝަރީފަށް ދޮޅު ގަޑިއިރު ތެރޭ ދެވެއެވެ.

މާލެއިން ދާން ބޭނުން ނަމަ، ނިއުދިއްލީއަށް ދިއުމަށްފަހު، އަފްޣާނިސްތާންގެ ކާމް އެއާގައި ވައިގެ މަގުން ކާބުލްއަށް ދެވޭނެއެވެ. ނިއުދިއްލީން ކާބުލްއަށް ކާމް އެއަރ ގައި ކޮޅަކަށް 250 ޑޮލަރު ނަގައެވެ. އަދި ކާބުލްއިން މަޒާރޭ ޝަރީފްއަށް ކާމް އެއާ ގައި ކޮޅަކަށް 80 ޑޮލަރަށް ދަތުރު ކުރެވެއެވެ.

ވައިގެ މަގުން މަޒާރޭޝަރީފް އިންޓަރނޭޝަނަލް އެއާޕޯޓަށް ދެވިދާނެއެވެ. އަދި ޑުބާއީ މަގުން އަފްޣާނސިްތާންގެ ކާމް އެއާއިން ވެސް ކާބުލްއަށް ދަތުރު ކުރެވިދާނެ އެވެ. މިއީ ދެކޮޅު ދަތުރަށް 280 ޑޮލަރެވެ.

ތާލިބާންގެ ވެރިކަމުގައި އަފްޣާނިސްތާން ވަނީ އަމާން ވެފައެވެ.

ހިއްސާ ކުރައްވާ!