އެމެރިކާގެ އެއާކްރާފްޓް ކެރިއަރެއް ލެޓިން އެމެރިކާއަށް

އެމެރިކާގެ އަސްކަރީ ބާރު ދެއްކުމުގެ ތެރެއިން މަނަވަރު ޔޫއެސްއެސް ޖެރަލްޑް ފޯޑް އެއާކްރާފްޓް ކެރިއަރ ސްޓްރައިކް ގްރޫޕް ލެޓިން އެމެރިކާ ސަރަޙައްދަށް ވަދެއްޖެ ކަން އެމެރިކާ ސިފައިންގެ ފަރާތުން ކަށަވަރު ކޮށްދީފިއެވެ. މިކަމުގެ ސަބަބުން ވެނެޒުއޭލާއާ ދެމެދު އޮތް ކޯޅުން ވަނީ އިތުރަށް ބޮޑުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ މަހު މަނަވަރު ފޯޑް ފޮނުވުމަށް އަމުރުކުރައްވާފައެވެ. މިއީ މިހާރުވެސް ކެރީބިއަން ސަރަޙައްދުގައި ހަރަކާތްތެރިވާ 8 ހަނގުރާމަ މަތީ މަނަވަރާއި ނިއުކްލިއަރ ސަބްމެރީނަކާއި، އެފް-35 ސްޓެލްތު މަތިންދާބޯޓުތަކުގެ އިތުރުން އިތުރުކުރެވުނު ބާރެކެވެ. 2017 ވަނަ އަހަރު ބޭނުންކުރަން ފެށި ފޯޑަކީ އެމެރިކާގެ އެންމެ އާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއާކްރާފްޓް ކެރިއަރެވެ. މި ބޯޓުގައި 5،000 އަށް ވުރެ ގިނަ ސިފައިން ހަރަކާތްތެރިވެއެވެ.

ޕެންޓަގަންއިން މިކަން ކަށަވަރުކޮށްދީ ނެރުނު، ބަޔާނެއްގައި ބުނެފައިވަނީ މި މަނަވަރު އެ ސަރަޙައްދަށް ގެނައުމުގެ މަޤްޞަދަކީ "މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި، ބައިނަލްއަޤްވާމީ ކުށްވެރިންގެ ޖަމާޢަތްތައް ނައްތާލުމަށް" އެހީތެރިވުން ކަމުގައެވެ. ނަމަވެސް، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ އެމެރިކާގެ މި އަސްކަރީ ހަރަކާތްތަކަކީ އޭނާ ވެރިކަމުން ދުރުކުރުމަށް ރޭވިފައިވާ ކަމެއް ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވާފައެވެ. އެމެރިކާއިން ވަނީ މަދޫރޯއަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތެއް ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަށް މަޢުލޫމާތު ދޭ ފަރާތަކަށް ދޭ އިނާމު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. މިއީ އެމެރިކާއިން މީގެކުރިން ޕެނަމާގެ ރައީސް ނޮރިއޭގާ މަގާމުން ދުރުކުރަން ކުޅުނު ކުޅިއެވެ.

މި ދެޤައުމުގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ވެނެޒުއޭލާއިން ވަނީ އެ ޤައުމުގެ އައްސޭރިފަށާ ދިމާލުން އެމެރިކާގެ ނޭވަލް ބާރުތައް ހަރަކާތްތެރިވުމާ ގުޅިގެން، އެކަމާ ދެކޮޅަށް މުޅި ޤައުމުގައި ބޮޑު އަސްކަރީ ޙަރަކާތެއް ފަށާނެކަން އިއުލާނުކޮށްފައެވެ. ވެނެޒުއޭލާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިމާއި، ކަނޑާއި، ވައިގެ ބާރުތަކުގެ އިތުރުން، މިސައިލް ބާރުތަކާއި ސިވިލިއަން މިލިޝިއާގެ ބައިވެރިވުމާއެކު "ބޮޑު އަސްކަރީ ޙަރަކާތެއް" ފަށާނެ ކަމަށެވެ.

ރައީސް މަދޫރޯ ވަނީ އެމެރިކާއިން ވެނެޒުއޭލާއަށް އަސްކަރީ ގޮތުން ނުފޫޒު ފޯރުވައިފިނަމަ، "ބަޑި ހިފައިގެން ތިބި މިލިއަނުން ފިރިހެނުންނާއި އަންހެނުން މުޅި ޤައުމުގައި ރުކުރުވާލާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ. ސަރުކާރު ޓީވީ ޗެނަލް، ވީޓީވީން ވަނީ އެކި ސްޓޭޓްތަކުގައި އަސްކަރީ ލީޑަރުން ވާހަކަ ދައްކާ މަންޒަރުތައް ދައްކާފައެވެ.

ހިއްސާ ކުރައްވާ!