ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިންނެވެ. އެ ކުންފުނިން މި ޕްރޮޖެކްޓް ހިންގާނީ ނ. އަތޮޅުގައެވެ.
މި ސަރުކާރުން ވަނީ އެސްއީޒެޑް ގާނޫނަށް އިސްލާހު ގެނެސް، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކޮށްފައެވެ. އެގޮތުން، އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށް ގާނޫނު އިސްލާހުކުރެވިފައިވާއިރު، ރާއްޖޭގައި އެސްއީޒެޑް ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ އަމަލުކުރަން ފެށީ 2014 ވަނަ އަހަރުގައެވެ.
"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ވެސް ވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. އެގޮތުން، ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ލިބޭނެ ގޮތްތައް މި ޓައުންޝިޕްގައި ތަރައްގީކުރެވޭނެއެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫއެކެވެ.
Maldives Bets on $790 Million Township to Move Beyond Tourism






