ޗައިނާގެ ރިއަލް އެސްޓޭޓް ބާޒާރުގެ މައުލޫމާތު ހާމަކުރުން ހުއްޓާލައިފި

ޗައިނާގެ ރިއަލް އެސްޓޭޓް ކާރިސާގެ ތެރޭގައި، އެ ގައުމުގެ އެންމެ ބޮޑެތި 100 ޑިވެލޮޕަރުން ރިއަލް އެސްޓޭޓް ވިއްކި އަދަދުތަކާ ބެހޭ މަހު ރިޕޯޓުތައް ހާމަކުރަމުން ގެންދިޔަ އަމިއްލަ އަމިއްލަ މައުލޫމާތު ފަތުރާ 2 ކުންފުނި ކަމަށްވާ ޗައިނާ ރިއަލް އެސްޓޭޓް އިންފޮމޭޝަން (ސީ.އާރު.އީ.އައި) އާއި ޗައިނާ އިންޑެކްސް އެކެޑަމީން ކުއްލިއަކަށް އެ ރިޕޯޓުތައް ހާމަކުރުން ހުއްޓާލައިފިއެވެ. މި ރިޕޯޓުތަކަކީ ރަސްމީ ތަފާސްހިސާބުތަކަށް ވުރެ ކުރިން ނެރޭ ރިޕޯޓުތަކެކެވެ. އަދި މިއީ ޗައިނާގެ ރިއަލް އެސްޓޭޓް ބާޒާރުގެ ހާލަތު ބެލުމަށް އިންވެސްޓަރުން ވަރަށް ކައިރިން ދިރާސާ ކުރަމުން އަންނަ ރިޕޯޓުތަކެކެވެ.

މި މައުލޫމާތު ހާމަކުރުން ހުއްޓާލާފައި ވަނީ ޗައިނާގެ އެންމެ ބޮޑެތި ޑިވެލޮޕަރުންގެ ތެރޭގައި ހިމެނޭ ޗައިނާ ވަންކޭ ކުންފުނިން، ޑިސެމްބަރު މަހުގެ މެދުތެރޭގައި ދައްކަންޖެހޭ ދެ ބިލިއަން ޔުއާން (ގާތްގަނޑަކަށް 280 މިލިއަން ޑޮލަރު) ގެ ދަރަންޏެއް އަނބުރާ ދެއްކުމަށް އިތުރު ވަގުތު ބޭނުން ވެގެން އެދެމުންދާ ދަނޑިވަޅެއްގައެވެ.

ބްލޫމްބަރގުން ފަހުން ހާމަކޮށްފައިވާ ގޮތުގައި، މި ކުންފުނިތަކުން ރިޕޯޓުތައް ޝާއިޢުކުރުން ހުއްޓާލުމަށް ބެއިޖިންގުން އިރުޝާދު ދީފައިވެ އެވެ. އެހެންނަމަވެސް، ފައިސާ ދައްކާ ކަސްޓަމަރުންނަށް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުންތަކުގެ ދަށުން އަދިވެސް މި މައުލޫމާތުތައް ލިބިދާނެއެވެ.

މި މައުލޫމާތު ހާމަކުރުން ހުއްޓާލާފައި ވަނީ ޗައިނާގެ ސިޔާސީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ކަމަށްވާ ޕޮލިޓްބިއުރޯގެ ބައްދަލުވުމަކާއި، ސެންޓްރަލް އިކޮނޮމިކް ވޯކް ކޮންފަރެންސަކާ ދިމާކޮށެވެ. މި ބައްދަލުވުންތަކުގައި ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ އަމާޒުތައް ކަނޑައަޅައި، ވަންކޭ ކުންފުނިގެ ކްރައިސިސްއާ ކުރިމަތިލާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ވަނީ ރާވާފައެވެ.

އިގްތިސާދީ މާހިރުން އަންނަނީ އަނެއްކާވެސް ބޮޑު ކުންފުންޏަކުން ދަރަނި ނުދެއްކި ހުއްޓާލަން ޖެހިއްޖެނަމަ ޗައިނާގެ އިގްތިސާދާ މެދު ބެއިޖިންގަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ރިއަލް އެސްޓޭޓް ބާޒާރަށް އައިސްފައިވާ ހީނަރުވުމުން ދައްކާ ގޮތުން، ސީ.އާރު.އީ.އައިގެ އޮކްޓޯބަރު މަހުގެ ހިސާބުތަކުން ފެންނަނީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ހާލަތު ފާއިތުވި އަހަރާ އަޅާ ބަލާއިރު 42 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. މިއީ 18 މަސްދުވަހުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ހީނަރުވުމެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ސަރުކާރުން ވަނީ 2021 ވަނަ އަހަރުން ފެށިގެން ރިއަލް އެސްޓޭޓް ދާއިރާއަށް ދޭ އިންވެސްޓްމަންޓްތައް މަދުކޮށްފައެވެ. އަދި އެހެން ދާއިރާތަކަށް ހަރަދުކުރުމުގެ ސިޔާސަތެއް ތަންފީޒުކުރި ނަމަވެސް، މި ދާއިރާގެ ހީނަރުކަން މިހާރު ހަތަރު އަހަރަށް ދިގުދެމިގެން ގޮސްފައިވެއެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ރިއެލް އެސްޓޭޓް ދާއިރާގެ ވިޔަފާރީގެ މައުލޫމާތު ސިއްރުކުރުމުން ދޭހަވަނީ، ސަރުކާރުގެ އިސްވެރިން މަސައްކަތްކުރަނީ އަސްލު މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، އާންމުންނަށް ފެންނަ މަންޒަރު ރީތިކޮށް ދައްކާށެވެ.

ހިއްސާ ކުރައްވާ!