އިންޑިއާ ސަރުކާރުން މަސްނޫއީ ބުއްދި (އޭއައި) ބޭނުންކޮށްގެން، އާންމު ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ހޯދާ ކަމަށް ބުނެފިއެވެ. އެގޮތުން ޓްރެފިކް މެނޭޖް ކުރުމުން ފެށިގެން ދަނޑުވެރިކަމާއި ރައްޔިތުންގެ ޝަކުވާތައް ބެލެހެއްޓުން އަދި އެހެނިހެންވެސް ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގައި މަސްނޫއީ ބުއްދި ބޭނުންކުރުން އިންޑިއާގައި ވަނީ އާންމުވެފައެވެ.
އީވައި އާއި ނެޝަނަލް އިންސްޓިޓިއުޓް ފޯރ ސްމާޓް ގަވަރންމަންޓް ގުޅިގެން ނެރެފައިވާ އައު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސްނޫއީ ބުއްދި ބޭނުން ކޮށްގެން އިންޑިއާގެ ސަރުކާރުގެ ކަންކަން ހިންގާ އުސޫލުތަކާއި ރައްޔިތުންނަށް ޚިދުމަތްދޭ މަންސަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.
މިހާރު މަސްނޫއީ ބުއްދި އަކީ އިންޑިއާގެ ސަރުކާރުގައި ތަޖުރިބާކުރަމުންދާ ކަމެއް ނޫނެވެ. ނަމަވެސް އެއީ އަމަލީ ގޮތުން ބޭނުން ކުރާ ޚިދުމަތަށް ނެރެފައިވާ އާލާތެކެވެ.
އިންޑިއާގެ ބޮޑެތި ސިޓީތަކުގައި މަސްނޫއީ ބުއްދީގެ އެހީގައި ހިންގޭ އިންޓެލިޖެންޓް ޓްރެފިކް މެނޭޖްމަންޓް ސިސްޓަމްސް (އައި.ޓީ.އެމް.އެސް) އަކީ ޓްރެފިކް ލައިޓްތަކުގެ ވަގުތުތައް ރަނގަޅުކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތައް ދެނެގަނެ، ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި، ކިސާން އީ-މިތުރާ އާއި ޑިޖިޓަލް ކްރޮޕް ސާވޭ އާއި ފާމް މެޝިނަރީ ކަސްޓަމް ހަޔަރިންގ ސެންޓަރ އެޕްތައް ފަދަ ޕްލެޓްފޯމްތަކުން ދަނޑުވެރިންނަށް އެމީހުންގެ ސަރަހައްދުގެ މޫސުމުގެ މައުލޫމާތާއި ގަސްގަހާގެހީގެ ސިއްހީ ހާލަތާއި ފަނިފަކުސައިގެ އިންޒާރު އަދި ގަސްކާނާގެ ބޭނުންތައް ފަދަ މައުލޫމާތު ވަގުތުން ލިބޭނެ ގޮތް ހަދާފައިވެއެވެ.
ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގައި މަސްނޫއީ ބުއްދީގެ ޗެޓްބޮޓްތަކާއި އެހީތެރިން ގެ ތެރޭޢގައި، އުމަންގްއާއި އޭއައި އެސިސްޓެންޓާއި، އިންޑިއާގެ ރޭލްގައި ބޭނުންކުރާ އާސްކް ދިޝާ އާއި އައިޑީ ކާޑްް ހަދައިދޭ ޔޫ.އައި.ޑީ.އޭ.އައި ގެ އާދާރު މިތުރާ ފަދަ ވަސީލަތްތަކުން، ރައްޔިތުންނަށް ފަސޭހަކަމާއެކު އެކި ޚިދުމަތްތައް ވަގުތުން ލިބޭނެ ގޮތް ތަކެއް ވަނީ ތައާރަފްކޮށްފައެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް މައުލޫމާތު ހޯދުމާއި ހިދުމަތްތަކަށް އެދި ހުށަހެޅުން ފަސޭހަވެފައިވެއެވެ.
އިންޑިއާގައި މަސްނޫއީ ބުއްދި މިފަދަ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނާތީ، ސަރުކާރުގެ މަސައްކަތުގެ އުސޫލުތަކަށް ބަދަލު އައިސްފައި ވެއެވެ.






